ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަދީމްގެ މަރުގެ މައްސަލައިގައި ހިމެނޭ ”ކުއްޖާ“ ބަންދުން ދޫކޮށްލައިފި

ޓާމިނަލް ކެފޭގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާ ދީ މަރާލި ނަދީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ޓާމިނަލް ކެފޭ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ހއ. ތަކަންދޫ، އިބްރާހިމީހިޔާ، ނަދީމް އަބްދުލްކަރީމް މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ އޭރު 18 އަހަރު ނުވާ ކުއްޖާ ޝަރުތުތަކާއެކު ބަންދުން ދޫކޮށްލައިފި އެވެ.

ނަދީމް މަރާލީ ޖުލައި 27، 2017 ވަނަ ދުވަހުގެ ހަވީރު އޭނާ ޓާމިނަލް ކެފޭ ތެރޭގައި، އިންދާ މޫނު ނިވާކޮށްގެން ތިބި ބަޔަކު އެތަނަށް އައިސް އޭނާއަށް ތޫނު އެއްޗަކުން ހަމަލާދީ އެވެ.

ޖުވެނަލް ކޯޓުން މައްސަލައިގައި ކުރިޔަށް ގެންދިޔަ އަޑުއެހުމުގައި، އޭނާ ބަންދުން ދޫކޮށްލުމަށް ނިންމާފައިވަނީ ޝަރުތުތަކަކާއި އެކުއެވެ. ޒުވާނާ ބަންދުން ދޫކޮށްލި ސަބަބާއި ގުޅޭގޮތުން ސުވާލު ކުރުމުން ޖުވެނަލް ކޯޓުން މިއަދު ބުނީ، އޭނާ ބަންދުން ދޫކޮށްލީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 60 ވަނަ މާއްދާގެ، (ހ) ގެ ދަށުން ކުރި ޝަރުތުތަކަށް އެއްބަސްވުމުން 100 ދުވަހުގެ މުއްދަތަކަށް ކަމަށެވެ.

އެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ، ހެކި ބަސް ދޭނެކަމަށް ގަބޫލުކުރެވޭ މީހުންނާއި އެއްވެސް ގޮތަކަށް ވާހަކަ ދައްކައި މުއާމަލާތެއް ނުހިންގުމާއި، ގަޑިއަށް ކޯޓަށް ހާޒިރުވުން އަދި މާލޭގެ މަގުތައް މަތީ އެއްވެސް ގްރޫޕަކަށް ނިސްބަތްވާ މީހަކާއި އެކު ނޫޅުމަށާއި، ގްރޫޕުތައް އެއްވާ ތަންތަނުގައި ނުހުރުމާއި، އަދި ގާނޫނާއި ހިލާފު އެއްވެސް އަމަލެއް ނުވަތަ ކުށެއް ނުކުރުމުގެ އިތުރުން ކޯޓުގައި ހިންގާ މައްސަލައިގައި ރަސްމީ އިދާރާތަކާއި މައުލޫމާތުތައް ހިއްސާކުރުން ފިޔަވައި، އިތުރު ބަޔަކަށް މައުލޫމާތު ނުދިނުން ވަނީ އޭނާގެ މައްޗަށް ޝަރުތުކޮށްފައެވެ.

ޝަރުރުތަކުގެ ތެރޭގައި ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ހިންގާ ޕްރޮގްރާމަކަށް އެއްބާރުލުން ދިނުމަށް ވެސް އަންގާފައި ވެއެވެ.

ތަހުގީގު މަރުހަލާ ކުރިޔަށް ދިޔައިރު 18 އަހަރުން ދަށުގެ ކުއްޖެއްގެ މައްޗަށް މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އުފުލި އެވެ. އެ މައްސަލަ ކުރިޔަށް ގެންދިޔައީ ޖުވެނަލް ކޯޓުންނެވެ. އަދި މިހާރު 18 އަހަރު ވެފައިވާ އޭނާ ބަންދުން އެންމެ ފުރަތަމަ ދޫކޮށްލީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓާފައި ވަނިކޮށެވެ. ދައުލަތުން އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން އެންގީ، ހައިކޯޓުގެ ހުކުމުގައި ފާހަގަކުރި ކަންކަމަށް ރިއާއަތްކޮށް، ޖުވެނައިލް ކޯޓުން އަލުން ބަންދާ މެދު ގޮތެއް ނިންމުމަށެވެ.

ބަންދާއި މެދު ގޮތެއް ކަނޑައަޅަން ދައުލަތުން އެދިފައި ވަނިކޮށް ދައުވާ، ފަހުން ކޯޓުން ބޭރުކޮށްލާފައި ވަނީ، ދައުވާ ކުރީ މުއްދަތު ހަމަވީ ފަހުން ކަމަށް ބުނެއެވެ. ދައުލަތުން ވަނީ ހައިކޯޓުގައި ވެސް އެ މައްސަލަ އިސްތިއުނާފު ކޮށްފައެވެ. މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ހުކުމް ކުރީ ޖުވެނައިލް ކޯޓުން މައްސަލަ އަލުން ބަލަން ޖެހޭ ކަމަށެވެ. އަދި އޭނާގެ ބަންދާ މެދު އަލުން ގޮތެއް ނިންމަން ޖެހޭ ކަމަށް ހުކުމް ކުރިއެވެ.

ޖުވެނަލް ކޯޓުން އެ މައްސަލަ ބަލަން ފަށާ، ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރީ މި މަހުގެ ކުރީކޮޅުއެވެ.

ނަދީމް މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ ގ. ޝާރާޒް މުހައްމަދު މަފާޒާއި ލ. ގަން ވިދާތަރި، އަލީ ނިފާޒާއި ރ. އިންނަމާދޫ ސަމަންތާ، ހުސައިން ޝާމީނާއި ގއ. ގެމަނަފުށީ ހަވާސް، މުހައްމަދު ކަރަމް ސުހައިލްގެ މައްޗަށެވެ.

ހަތަރު މީހުންގެ ތެރެއިން މަފާޒްގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ. ދައުވާގައިވާ ގޮތުން މަފާޒަކީ ނަދީމަށް ހަމަލާދިން މީހާ އެވެ. ދެން ތިބި ތިން މީހުންނަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ. ދައުވާގައިވާ ގޮތުން އެ މީހުންނަކީ ސައިކަލުތަކުގައި އެތަނަށް ގޮސް، އެކަމުގައި ބައިވެރިވި މީހުންކަމަށް ދައުލަތުން ބުނެފައި ވެއެވެ.

ނަދީމްގެ މަރުގެ މައްސަލައިގައި ދައުވާ ކުރާ އަނެއް ހަތަރު މީހުންގެ، މައްސަލަ މިހާރު އޮތީ ހެކި ބަސް ނެގުމުގެ މަރުހަލާގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 33%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: