2017 ގައި ޓާމިނަލް ކެފޭ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ހއ. ތަކަންދޫ، އިބްރާހިމީހިޔާ، ނަދީމް އަބްދުލްކަރީމް މަރާލި މައްސަލައިގައި ހެކި ބަސް ނެގުމަށް ތާވަލު ކުރި ޝަރީއަތަށް، ހެކިން ހާޒިރު ނުކުރެވިގެން ކެންސަލްކޮށްފި އެވެ.
ނަދީމް މަރާލީ ޖުލައި 27، 2017 ވަނަ ދުވަހުގެ ހަވީރު އޭނާ ޓާމިނަލް ކެފޭ ތެރޭގައި، އިންދާ މޫނު ނިވާކޮށްގެން ތިބި ބަޔަކު އެތަނަށް އައިސް އޭނާއަށް ތޫނު އެއްޗަކުން ހަމަލާދީ އެވެ.
ތޫނު އެއްޗެހިން ހަމަލާދީ ނަދީމް މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ ގ. ޝާރާޒް މުހައްމަދު މަފާޒާއި ލ. ގަން ވިދާތަރި، އަލީ ނިފާޒާއި ރ. އިންނަމާދޫ ސަމަންތާ، ހުސައިން ޝާމީނާއި ގއ. ގެމަނަފުށީ ހަވާސް، މުހައްމަދު ކަރަމް ސުހައިލްގެ މައްޗަށެވެ.
ހަތަރު މީހުންގެ ތެރެއިން މަފާޒްގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ. ދައުވާގައިވާ ގޮތުން މަފާޒަކީ ނަދީމަށް ހަމަލާދިން މީހާ އެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ މަފާޒްގެ މައްޗަށް މަރުގެ އަދަބު އަންނާނެ އެވެ. ދެން ތިބި ތިން މީހުންނަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ. ދައުވާގައިވާ ގޮތުން އެ މީހުންނަކީ ސައިކަލުތަކުގައި އެތަނަށް ގޮސް، އެކަމުގައި ބައިވެރިވި މީހުންކަމަށް ދައުލަތުން ބުނެފައި ވެއެވެ.
ކްރިމިނަލް ކޯޓުގައި މިއަދަށް ތާވަލު ކުރީ، މައްސަލައިގައި ސިއްރު ހެކިންގެ ހެކި ބަސް ނެގުމުގެ އަޑުއެހުމެކެވެ. ނަމަވެސް މިއަދު ވެސް ހެކިން ހާޒިރު ނުކުރެވޭތީ، މައްސަލަ ވަނީ މި ހަފްތާގެ ބުދަ ދުވަހަށް ތާވަލުކޮށްފަ އެވެ.
ދައުލަތަށް ހެކިން ހާޒިރު ނުކުރެވިގެން، އަޑުއެހުން ކެންސަލް ކުރަން ޖެހުނު މިއީ ދެވަނަ ފަހަރެވެ.
ނަދީމްގެ މަރުގެ މައްސަލައިގައި އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ 2017 ވަނަ އަހަރުގެ، ޖުލައި 27 ވަނަ ދުވަހު ޓާމިނަލް ކެފޭގައި ހުއްޓައި ފަސް މީހަކު ޓާމިނަލް ކެފޭ ކައިރިޔަށް ދިޔަ ކަމަށެވެ. އަދި އެ މީހުން ދިޔައީ ތިން ސައިކަލެއްގައި ކަމަށާއި، އޭގެ ތެރެއިން ޓާމިނަލް ކެފޭ ތެރެއަށް ވެދެ ނަދީމަށް ހަމަލާދީފައި ވަނީ މަފާޒު ކަމަށް ވެސް ދައުލަތުން ވަނީ ބުނެފައެވެ.
މި މައްސަލައިގައި ބަޔާން ހުށަހަޅަމުން ދައުލަތުން ބުނެފައިވަނީ ނަދީމަށް ހަމަލާ ދިނުމަށް ފަހު ތިން ސައިކަލެއްގައި، ފަސް މީހުން ވެސް އެތަނުން ގޮސް ފިލާފައިވާކަމަށެވެ. އަދި ޓާމިނަލް ކެފޭއަށް ނަދީމަށް ހަމަލާ ދޭން ވަން މަފާޒް އާއި ނިފާޒް އިނީ ދެ ސައިކަލެއްގެ ފަހަތުގައި ކަމަށް ބުނެފައި ވެއެވެ.
މައްސަލައިގައި ބުނެފައިވަނީ ނަދީމްގެ ވާތް ފަރާތު ކަންފަތާ ދިމާލުން މައްޗަށް ހަ އިންޗި ހުންނަވަރުގެ ވަޅިއަކުން ހަމަލާ ދީފައިވާ ކަމަށެވެ. އަދި އޭނާއަށް ލިބުނު ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް، ޖުލައި 29 ވަނަ ދުވަހުގެ ހަވީރު 5:12 ގައި ނަދީމް މަރުވެފައިވާކަމަށެވެ.

