ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމަށް ހައިކޯޓުން ތާޢީދުކޮށްފިއެވެ.
ރައީސް ޔާމީނުގެ ކަރަންޓު އެކައުންޓަށް އެސްއޯއެފުން ޖަމާކުރި 1 މިލިއަން އެމެރިކާ ޑޮލަރު އިންވެސްޓުމެންޓު އެކައުންޓަކަށް ޖަމާކުރުމުން އެފައިސާ އަތުގައި ބަހައްޓައި އެއިން މަންފާ ހޯދުމުގެ ރުކުން ސާބިތުވެފައިވާ ކަމަށް ހައިކޯޓުން ވަނީ ނިންމާފައެވެ. އަދި އެސްކްރޯ އެކައުންޓަށް އެސްއޯއެފުން ޖަމާކުރި ފައިސާ ނޫން އެހެން ފައިސާއެއް ޖަމާކުރުމަކީ އެ ފައިސާގެ އަސްލު އޮޅުވައިލުމާއި އަތުގައި ބެހެއްޓުމާއި ބޭނުންކުރުމުގެ ކުށް ސާބިތުވާ ކަމެއް ކަމުގައި ހައިކޯޓުން ވަނީ ނިންމާފައެވެ.
ހައިކޯޓުންވަނީ ރައީސް ޔާމީނުގެ އެކައުންޓަށް އެސްއޯއެފުން ޖަމާކުރި ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާ ކަމުގައި ބެލެވޭނެ ފަދަ ހާލަތެއް އޮތުމާއެކު މަނީ ލޯންޑަރިންގެ ކުށުގެ ފުރަތަމަ އުންޞުރު ފުރިހަމަވެފައިވާ ކަމަށް ހުށަހަޅާފައިވާ ހެކީގެ އަލީގައި ސާބިތުވާ ކަމަށެވެ.
އިސްތިއުނާފުކުރުމުގައި 75 ނުކުތާ ހުށަހަޅާފައި އޮތް ނަމަވެސް ގިނަ ނުކުތާތަކެއް ތަކުރާރުވެފައިވުމުގެ ސަބަބުން، މައްސަލަ ދިރާސާކުރުމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެ ޝަރީޢަތް ދިގުލައިގެން ގޮސްފައިވާ ކަމަށާއި، ވަކީލުން ހުށަހަޅާ ހުށަހެޅުންތައް ވީހާވެސް ސާފުކޮށް ހުށަހެޅަންޖެހޭ ކަމަށް ހައިކޯޓުގެ ފަނޑިޔާރު މުޙައްމަދު ނިޔާޒު ވިދާޅުވެފައިވެއެވެ.

