ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު ދެއްވި ފައިސާއަށް، މައުމޫނުގެެ ދަރިކަލުން ފާރިސް މައުމޫން ހިޔާނާތްތެރިވީ މައްސަލަ ބަލައިދިނުމަށް އެދި ދިޔާނާ ސައީދު ފުލުހަށް މައްސަލަ ހުށައަޅުއްވައިފިއެވެ.
މިއީ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް މައުމޫންގެ ޒިންމާވެވަޑައިގަންނަވާ ގޮތުގެ މަތިން ޖާބިރު ދިންކަމަށް ބުނާ 29 މިލިއަން ރުފިޔާގެ ލޯނާ ގުޅޭ މައްސަލައެކެވެ. މީގެކުރިން ތަކުރާރުކޮށް އެތައް ފަހަރެއްގެ މަތިން ޖާބިރު މި ފައިސާތަކުގެ ވާހަކަ ދައްކަވާފައިވާއިރު، މި މައްސަލަ ދެ ފަހަރެއްގެ މަތިން ފުލުހަށް ހުށައެޅުއްވުމަށްފަހު، ޖާބިރު ވަނީ އަމިއްލަފުޅަށް މައްސަލަ އަނބުރާ ގެންދަވާފައެވެ.
ފިރިކަލުންގެ ފައިސާއަށް ހިޔާނާތްތެރިވީ މައްސަލަ ބަލައިދިނުމަށްއެދި ފުލުހަށް ހުށައެޅުއްވި ސިޓީގައި ދިޔާނާ ވިދާޅުވީ، އެ 29 މިލިއަން ރުފިޔާގެ ތެރެއިން 24 މިލިއަން ރުފިޔާ ހަވާލުކުރީ ފާރިސް މައުމޫނާ ކަމަށެވެ. އަދި އެ ފައިސާ ރައީސް މައުމޫނަށް ލިބިވަޑައި ނުގަންނަވާކަމަށް އެ މަނިކުފާނު ވިދާޅުވާއިރު، ފާރިސްއާ ހަވާލުކުރި ފައިސާ ނުލިބޭނަމަ އެ ފައިސާއަށް ފާރިސް ހިޔާނާތްތެރިވާ މައްސަލަ ބަލައިދިނުމަށް ދިޔާނާ ފުލުހުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.
ދިޔާނާ ވިދާޅުވާ ގޮތުގައި، މެލޭޝިއާގެ ކުއަލަ ލަމްޕޫރުގައި ކުރެވުނު މަޝްވަރާތަކަށްފަހު މި ފައިސާ ދޭން އެއްބަސްވެގެން މެދުވެރިއެއްގެ ހައިސިއްޔަތުން އެ ފައިސާ އެކިފަހަރު މަތިން ފާރިސްއާ ހަވާލުކުރިއެވެ. އަދި މިއީ ރައީސް މައުމޫންގެ އަމިއްލަފުޅު ގެކޮޅު، މއ. ކިނބިގަސްދޮށުގޭގެ ރަޖިސްޓްރީ ބާއްވައިގެންނަމަވެސް، ހޯއްދަވަން މަސައްކަތްކުރެއްވި ލޯނެއްކަމަށާއި، އެ ގޭގެ ރަޖިސްޓްރީ ނުނެގީ ރައީސް މައުމޫންގެ ބަސް ގެރެންޓީއެއްގެ ގޮތުގައި ފުދޭކަމަށް ޖާބިރު ވިދާޅުވުމުންކަމަށްވެސް ސިޓީގައި ދިޔާނާ ވިދާޅުވިއެވެ.
މި މައްސަލަ ބަލައިދިނުމަށް އެދި ފުލުހަށް ހުށައެޅީ، މިހާރު ސިވިލް ކޯޓުގައި މި މައްސަލައާ ގުޅިގެން ކުރިއަށްދާ ޝަރީއަތުގައިވެސް މި ފައިސާ ލިބިވަޑައިނުގަންނަވާކަމަށް މައުމޫން ވިދާޅުވެފައިވާއިރު، އެ ފައިސާއަށް ހިޔާނާތްތެރިވުމުގެ ޒިންމާ އަމިއްލައަށް އުފުލަންޖެހުމުގެ ފުރުސަތު އެބައޮތްކަމަށް ދެކެވަޑައިގަންނަތީކަމަށް ދިޔާނާ ވިދާޅުވިއެވެ. ދިޔާނާގެ ސިޓީ ނިންމަވާލެއްވުމުން މި މައްސަލައިގެ ތަހުގީގު މަރުހަލާގެ ތެރެއިން މައްސަލައާ ގުޅޭ ހެކި ހުށައަޅުއްވާނެކަމަށް ބަޔާންކުރައްވާފައިވެއެވެ.

