ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގައި އޮތް ބަލި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ އެ ރަށް މޮނިޓަރިންއަށް ލައިފިއެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މިރޭ ބުނީ އެ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި އޮތް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމޢ ގުޅިގެން ކުޅުދުއްފުއްޓަށް އަރައި ފޭބުން މަނާކޮށްފައިވާ ކަމަށެވެ. އަދި އެ ހޮސްޕިޓަލުން މިހާރު ދަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންނެވެ.
”މާސްކް އަޅައި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އުޅުމަށް ހުރިހާ ބޭފުޅުންނަށް ވެސް އިލްތިމާސް ކުރަން،“ ހޮސްޕިޓަލުން ބުންޏެވެ.
ކޮވިޑް-19 ގެ ކޭސްތައް ފެނިގެން މިވަގުތު 13 ރަށެއް ވަނީ މޮނިޓަރިން ހާލަތަށް ގެނެސްފައެވެ. އެއީ ކުޅުދުއްފުށީގެ އިތުރުން ނ. ޅޮހި، އއ. ތޮއްޑޫ، ދ. ކުޑަހުވަދޫ، ރ. އުނގޫފާރު، ފ. ނިލަންދޫ، ދ. މީދޫ، ކ. ހުރާ، ކ. ދިއްފުށި، ޅ. ނައިފަރު، ރ. މަޑުއްވަރީ، ރ. ހުޅުދުއްފާރު، ޅ. ފެލިވަރެވެ.

