މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ އެއްވެސް ވޯޓެއް ދޫކޮށް ނުލާނެ ކަމަށާއި، ސަރުކާރުން ހުއްޓުމެއް ނެތި އިލެކްޝަންސް ކޮމިޝަނަށް ނުފޫޒު ފޯރުވާނަމަ އެ މައްސަލަ ކޯޓަށް ހުށަހަޅާނެކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފި އެވެ.
އިންތިހާބާއި ބެހޭ މަރުކަޒުގައި، ބައެއް ވޯޓު ފޮށިތައް އަލުން ގުނުމުގެ މަސައްކަތް ކުރިޔަށް ގެންދިޔަ ވަގުތު އިދިކޮޅުގެ ލީޑަރުންނާއި ސަރުކާރުގެ މައި ޕާޓީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ ސަރަހައްދަށް އެއްވެފަ އެވެ. އިދިކޮޅުން ބުނީ، އެ ތަނަށް ދިޔައީ ވޯޓު އޮޅުވާލުމަށް މަސައްކަތް ކުރަމުންދާތީ އެކަން ގާތުން ބެލުމަށް ކަމަށެވެ. އަދި ފާޑުކިއުންތަކާއި އެކު ޓްވީޓެއް ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އިންތިހާބުގެ މަރުކަޒަށް ކޮމިޝަނުގެ އޮފިޝަލުން ނޫން އިތުރު ބަޔަކަށް ވަދެވިގެން ނުވާނެ ކަމަށެވެ.
އިންތިހާބާއި ބެހޭ މަރުކަޒަށް ވަޑައިގަތީ، އިދިކޮޅުގެ ލީޑަރުން ހޯލުގެ ތެރެއަށް ވަތްތާ ބައި ގަޑިއިރު ވެގެން ދިޔައިރު ވެސް ނުނިކުތުމުން ކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.
މިއަދު ހިނގި ހަމަނުޖެހުންތަކަކީ، އެ ސަރަހައްދަށް ރައީސް ނަޝީދު ވަޑައިގަތުމުން ހިނގި ހަމަނުޖެހުންތަކެއް ނަމަވެސް އިދިކޮޅުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ބާ ޖަމާލުއްދީންގެ ތެރެއަށް ވަދެގެންފައި ވެއެވެ. އެ ސަރަހައްދު ދޫކޮށް ދިއުމަށް ތަކުރާރުކޮށް އިންޒާރު ދިނުމުން ވެސް އެއަށް އަމަލުކޮށްފައިނުވާތީ ފުލުހުން އެއްވުން ރޫޅާލީ ބާރުގެ ބޭނުންކޮށްގެންނެވެ.
މައްސަލައިގައި ޕާޓީ އޮފީހުގައި ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ކޯލިޝަން ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އެންމެ ވޯޓެއް ވެސް ދޫކޮށް ނުލާނެ ކަމަށެވެ. އަދި ވޯޓު އޮޅުވާލުމަށް އިތުރު މަސައްކަތްތަކެއް ކުރާނަމަ، އެކަން ދެން ހައްލު ކުރާނީ ކޯޓުގެ ތެރެއިންކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ބަޔަކު އިލެކްޝަންސް ކޮމިޝަނަށް ނުފޫޒު ފޯރުވާއިރު އެ މަންޒަރު ބަލަން ނުތިބޭނެ ކަމަށާއި، އިންތިހާބުގެ ހުރިހާ ކަމަކަށް ފާރަވެރިވާނެކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ މަގުމަތީ ހަރަކާތްތައް ވެސް ކުރިޔަށް ގެންދާނެ ކަމަށާއި، އިންތިހާބާއި ބެހޭ މަރުކަޒުގެ ތެރޭގައި ވެސް އިހުތިޖާޖު ކުރުމަށް ފަހެއް ނުޖެހޭނެ ކަމަށެވެ. މިއީ ކުރިއަރާފައިވާ ޒަމާނެއްކަން ފާހަގަކޮށް އަބްދުއްރަހީމް ވިދާޅުވީ ކޮންމެ ކަމެއްގައި ރައްޔިތުންނަށް އޮޅުވާނުލެވޭނެ ކަމަށެވެ. އެއީ ރައްޔިތުން އެއަށްވުރެ ހޭލުންތެރިވެފައި ވާތީކަމަށް އޭނާ ވިދާޅުވިއެވެ.

