ވެކްސިން ޖެހުމުގައި ރާއްޖެ އޮތީ ކުރީ ސަފުގައިކަމަށާއި، ދުނިޔޭގެ ގިނަ ގައުމުތަކުގެ ރައްޔިތުން އަދިވެސް ތިބީ ވެކްސިންގެ ”އެންމެ ޑޯޒް“ ވެސް ނުޖަހާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ކޮވިޑުގެ ހާލަތު ގޯސްވެ، ފިޔަވަޅުތައް ވަރުގަދަކޮށް މާދަމާއިން ފެށިގެން އެއަށް އަމަލު ކުރުމަށް ވަނީ ނިމްމާފައެވެ. ލޮކްޑައުން ބަސް ބޭނުން ނުކޮށް، މުޅި މާލެ ފުރަބަންދުގެ ހާލަތަކަށް ގެނައިއިރު ކޮވިޝީލްޑްގެ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ގިނަ ރައްޔިތުން ތިނީ ދެވަނަ ޑޯޒް ނުޖަހަ އެވެ. ރާއްޖެއިން ވެކްސިން ހުސްވެ، މުއްދަތު ހަމަވީއިރު ވެސް ވެކްސިންގެ ދެވަނަ ޑޯޒް ނުޖެހޭ އެތައް ރައްޔިތުންނެއް މާލޭގައި އެބަތިއްބެވެ.
ވެކްސިން ހުސްވަމުންދާ ކަމަށް މައުލޫމާތު ލިބޭތީ، އެކަމުގެ ސުވާލު ކުރުމުން ނޫސްވެރިންގެ ވާހަކަތައް ދޮގުކޮށް ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނީ ރާއްޖެއިން ވެކްސިން ހުސް ނުވާ ކަމަށެވެ.
މިރޭ ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ކޮވިޑު ބަލި މެނޭޖު ކުރުމުގައި މި ސަރުކާރު ފެއިލްވިކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެހެން ނަމަވެސް ގޯސްތަކެއް ހެދުނުކަން ގަބޫލުކޮށް، އޭޕްރިލް މަހުގެ ތެރޭގައި ބޭއްވި ލޯކަލް ކައުންސިލް އިންތިހާބަށް ރައީސް އިޝާރާތް ކުރެއްވި އެވެ.
ކުރިޔަށް އޮތް ތަނުގެ ތެރޭގައި ވެކްސިން ލިބޭނެކަން ފާހަގަކޮށް ރައީސް ސޯލިހު ވިދާޅުވީ، ރާއްޖެ ވެކްސިންގެ ފުރަތަމަ ޑޯޒް ދޭން ފެށި މަދު ގައުމެއްގެ ތެރޭގައި ހިމެނޭ ކަމަށެވެ. މިވަގުތު ވެސް ގިނަ ގައުމުތަކަކީ ވެކްސިންގެ ފުރަތަމަ ޑޯޒް ވެސް ދޭން ފަށާފައިވާ ގައުމުތަކެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެހެން ކަމުން، ރާއްޖެ މިއޮތީ ވެކްސިން ޖެހުމުގައި ދުނިޔޭގެ ކުރީ ސަފުގައިކަމަށް ރައީސް ވިދާޅުވި އެވެ.
ތަފްސީލް އަންނަނީ….

