ކޮވިޑަށް ފަރުވާ ދެމުން ދަނިކޮށް ރޭ ނިޔާވި އުމުރުން 10 އަހަރުގެ ކުއްޖާ ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިއުމަށް ބޮޑުތަނުން ލަސްވި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް(އެޗްއާރުސީއެމް) އިން ވެސް ބަލަން ނިންމައިފިއެވެ.
ކޮވިޑް-19 ގައި ރާއްޖެއިން މިހާތަނަށް ނިޔާވި އެންމެ ކުޑަކުއްޖާގެ މައްސަލައިގައި، އެ ކުއްޖާގެ ހާލު ސިރިއަސްވިއިރު، އެމްބިއުލަންސްއަށް ގުޅައިގެން ގިނަ ވަގުތުތަކެއް ވިކަމަށް އާއިލާއިން ވަނީ ބުނެފައެވެ.
މި މައްސަލާގައި އެޗްއާރުސީއެމްއިން ބުނީ ރޭ މެންދަމުގެ ވަގުތެއްގައި ނިޔާވި ކުޑަކުއްޖާއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލެއްވުން އެދި ދުޢާކުރާ ކަމަށާއި މި އުނދަގޫ ދަނޑިވަޅުގައި އާއިލާއަށް ކެތްތެރިކަން ދެއްވުން އެެދި ދުޢާކުރާ ކަމަށެވެ. އަދި ކޮވިޑް-19 ގެ މި ހާލަތުގައި ސިއްޙީ ފަރާތްތަކުން ދެއްވަންޖެހޭ ފަރުވާވީހާވެސް އަވަހަކަށް ދެއްވުމަށް މަސައްކަތް ކުރެއްވުމަށް އިލްތިމާސް ކުރާ ކަމަށެވެ.
”ބަލިމީހާއަށް ލިބެންޖެހޭ ޚިދުމަތް އަވަސްމިނެއްގައި ފޯރުކޮށް ނުދެވިގެން ފުރާނައެއް ނެތިދިއުން މި ކޮމިޝަނުން ކުށްވެރި ކުރަމެވެ. މިކަން ހިނގާފައިވާ ގޮތް މި ކޮމިޝަނުން ބަލާނެ ވާހަކަ ދަންނަވަމެވެ.” އެ ކޮމިޝަނުން ބުންޏެވެ.
މި މައްސަލާގައި ހެލްތް މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އެމްބިއުލާނސް ފޮނުވުން ލަސްވި ގޮތުގެ ކޭސް ރިވިއުއެއް މިހާރު ފަށާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ފެންމަތިވުމާ އެކު، އެމްބިއުލާންސް ޑިޕްލޯއީ ކުރާ އުސޫލަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.
އައިޖީއެމްއެޗް ހޮސްޕިޓަލްގެ އީއާރުގައި ފަރުވާ ދެމުން ދަނިކޮށް ރޭ ނިޔާވި ހދ. ކުޅުދުއްފުއްޓަށް ނިސްބަތްވާ ކުއްޖާގެ އާއިލާ މީހަކު ސޯޝަލް މީޑިއާގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނީ އެ ކުއްޖާގެ މަންމަ އާއި ބައްޕަ އަދި އެކުއްޖާ ކޮވިޑަށް ޕޮޒިޓިވް ކަމަށާއި، ކަރަންޓީނުވެގެންތިބީ ގޭގައި ކަމަށެވެ. އަދި ކުއްޖާ ނޭވާލާން އުނދަގޫވެގެން އެޗްޕީއޭއަށް ގުޅިކަމަށާއި، ކުއްޖާ ބަލައި އެމްބިއުލެންސް އައީ ގުޅިތާ 2 ގަޑި އިރާއި 40 މިނިޓް ފަހުން ކަމަށެވެ.


One Response
ވަރުވަރުން އިސްތިހާރު ކުޅޭތި ”ވަރުބަލިކަމެއް ނެތި“ އޭ ކިޔާފަ.