ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތުހުމަތުކުރެވޭ އަދި ޝިކާރައަށްވާ ކުދިންގެ މައުލޫމާތު އާންމުނުކުރެވޭނެ!

ހުސެއިން ޝަމީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުށުގެ ތުހުމަތުކުރެވޭ ކުދިންނާއި ކުށުގެ ޝިކާރައަށްވާ ކުދިންގެ މައުލުމާތު މީީޑިޔާތަކުން އާންމުނުކުރެވޭނެކަމަށް ޕްރޮސެކިޔުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ދާދިފަހުން ހުޅުމާލޭގެ ދެވަނަ ފޭސްގައި ހިނގާދިޔަ ކަންތައްތަކުގެ ތެރެއިން މަރާލާފައިވާ އޮއްވާ ފެނުނު 13 އަހަރުގެ ފިރިހެން ކުއްޖާގެ މައްސަލާގައި ބައެއް މީޑިޔާތަކުން ގެނެސްފައިވާ ހަބަރާއި ރިޕޯޓުތަކުގައި ކުއްޖާގެ ކަރާމާތަށް ގެއްލުންވާކަމަށް ބެލެވި ބައެއް މީީޑިޔާތައް ވަނީ ޖޫރިމަނާކޮށްފައެވެ. ކުއްޖާގެ ހަބަރުތައް ގެނައުމުގައި ކުއްޖާގެ އުޅުމާއި، ކުއްޖާގެ އާއިލީ މައްސަލަތައް ގެނެސްފައިވާތީ އެއީ ޒާތީ މައުލޫމާތު ހިއްސާކުރުންކަމުގައި ބަލައި، ޖެންޑަރ މިނިސްޓްރީއިން ވަނީ ބައެއް މީޑިޔާތަައް ޖޫރިމަނާކޮށްފައެވެ. މިކުއްޖާ މަރާލާފައި އޮއްވާ ފެނުނީ ހުސްވި ހަފްތާގެ ހޯމަ ދުވަހުގެރޭގެ ދަންވަރު ހުޅުމާލެ ދެވަނަ ފޭސްއާއި ދިމާލުން މޫދުންނެވެ.

މައްސަލައާއި ގުޅޭގޮތުން އަމިއްލަ ބްލޮގްގައި ޕީޖީ ޝަމީމް ވިދާޅުވީ ކުޑަކުދިންގެ އަދުލުގެ ނިޒާމާއި ގުޅުންހުރި ދެގާނޫނެއް މިހާރު ފާސްކޮށްފައިވާ ކަމަށެވެ. އެދެގާނޫނަކީ 18/2019 ކުޑަކުދިންގެ އަދުލުގެ ގާނޫނު އަދި 19/2019 ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު ކަމަށާއި މިދެގާނޫނު ވުޖޫދުވި ހިސާބުން ފެށިގެން އެކި މައްސަލަތަކުގައި ޝާމިލުވާ ކުދިންގެ ޒާތީ މައުލޫމާތު އާންމުކުރުން ގާނޫނީގޮތުން މަނާވާނެ ކަމަށެވެ. މިކަމަކީ ހުޅުމާލެއިން މިފެންމަތިވި ކުޑަކުއްޖާގެ މަރަށްފަހު ދެކެވެން ފެށި ވާހަކައެއް ނުވަތަ އަމަލުކުރަން ފެށި އުސޫލެއްނޫން ކަމަށާއި މިއީ އަބަދުވެސް ދައްކަމުންދާ ވާހަކައެއްކަމަށް ޝަމީމް ވިދާޅުވިއެވެ.

މީގެ ކުރިން، ބައެއް ކުޑަކުދިންގެ މައުލޫމާތާއި ފޮޓޯ މީޑިޔާތަކުން ހާމަކުރުމުން މައްސަލައަކަށް ނުވަނީ ކީއްވެތޯ ވަރަށް ގިނަ އާންމުން ސުވާލު އުފައްދަމުންދާކަން ފާހަގަކުރައްވައި ޝަމީމް ވިދާޅުވީ އެއީ މިގާނޫނު ވުޖޫދުވުމުގެ ކުރިން ހިނގާފައިވާ ކަންކަން ކަމަށެވެ. އެހެންނަމަވެސް ކުޑަކުދިންގެ އަދުލުގެ ނިޒާމާއި ގުޅުންހުރި ގާނޫނުތައް ފާސްވުމަށްފަހު މިގާނޫނުތަކުގެ ދަށުން މިކަން މަނަވާނެކަމަށް ޝަމީމް ވިދާޅުވިއެވެ.

އެގޮތުން، ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ގާނޫނާއި ހިލާފުވާ ކަންކަން ކުރާ ކުޑަކުދިން ހިމެނޭ ކަންކަމުގައި ވަކި ފަރާތަކަށް ނުޖެހި ނޫސްވެރިކަމުގެ ފަންނުގެ އެންމެ މަތީ މިންގަނޑުތަކަށް ތަބާވާންވާނެ ކަމަށާއި ކުއްޖާގެ މަސްލަހަތަށް އިސްކަންދީ ކުއްޖާގެ މަސްލަހަތު އިސްކުރަންވާނެކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުން ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ އެއްވެސް ކަމެއްގައި ކުއްޖާގެ ޒާތީ މައުލުމާތު އާންމުކޮށްގެންނުވާނެ ކަމަށާއި ކުށުގެ ތުހުމަތުކުރެވޭ ކުދިންނާއި ކުށުގެ ޝިކާރައަކަށްވާ ކުދިންގެ މައުލޫމާތު ހާމަކުރާއިރު އެއްވެސް މީޑިޔާއަކުން އެކުދިންނަކީ ކޮން ބައެއްކަން ދެނެގަނެވޭނެ އެއްވެސް މައުލޫމާތެއް ތަސްވީރެއް ހާމަކޮށްގެން ނުވާނެކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާކަމަށް ޝަމީމް ވިދާޅުވިއެވެ.  އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން އާންމުކޮށްފައިވާ އުސޫލުގައިވެސް ކުޑަކުދިންގެ މައްސަލަތައް ރިޕޯޓުކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުގައި ކުދިންގެ ކަރާމާތަށް އަސަރުކޮށްފާނެ ކަމެއް ކޮށްގެން ނުވާނެކަން ބަޔާންކޮށްފައިވާކަމަށް ޝަމީމް ވިދާޅުވިއެވެ.

މީގެ އިތުރުން ޗައިލްޑް ޕްރޮޓެކްޝަން އެޖެންސީއިން 5 ނޫސްބަޔާނެއް މިއަހަރު އާންމުކޮށްފައިވާކަށާއި އެހުރިހާ ނޫސްބަޔާނެއްގައިވެސް ކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް އެކުލަވާލާފައިވާ ގާނޫނުތަކުގައި ހިމަނާފައިވާ ކަންކަން ފާހަގަކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އެގޮތުން ކުދިންގެ ކަރާމާތަށް ގެއްލުންވާ ކަންކަން ނުކުރުމަށް ތަކުރާރުކޮށް ޗައިލްޑް ޕްރޮޓެކްޝަން އެޖެންސީއިން އިލްތިމާސްކޮށްފައިވާކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން، މިއީ ކުއްލިއަކަށް ވެގެން އުޅޭ ކަމެއް ނޫން ކަމަށާއި ނުވަތަ ހުޅުމާލޭގައި ހިނގި ހާދިސާއާއި ގުޅިގެން ދެކެވެން ފެށި ވާހަކައެއްނޫންކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލާގައި ބައެއް މީޑިޔާތަކުން އާންމުކޮށްފައިވާ ކަންކަމުގެ ސަބަބުން ޖެންޑަރ މިނިސްޓްރީއިން ބައެއް މީޑިޔާތައް ޖޫރިމަނާކޮށް އިންޒާރު ދީފައިވެއެވެ. ބައެއް މީޑިޔާތަކުން ކުއްޖާގެ ޒާތީ މައުލޫމާތު ހާމަކޮށް ކުއްޖާގެ ފޮޓޯވެސް ބައެއް މީޑިޔާތަކުން ވަނީ ޝާއިއުކޮށްފައެވެ. މީގެކުރިންވެސް މިފަދަ ބައެއް މައްސަލަތަކުގައި ކުޑަކުދިންގެ ޒާތީ މައުލުމާތާއި ފޮޓޯ އާންމުކޮށްފައިވާތީ އެކަން ނުުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: