ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ އެސިސްޓެންޓް ޕްރޮފެސަރ ކަމުގެ މަގާމުން ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުލް ލަތީފް ވަކިކޮށްފި އެވެ.
ޑރ. އިޔާޒު ވަޒީފާއިން ވަކިކުރީ ސޯޝަލް މީޑިއާގައި އޭނާ ކުރާ ޕޯސްޓުތަކުގެ ސަބަބުން، ވަކި ކުރާނެކަމުގެ ދީ ޓްވީޓުތަކުގެ ސަބަބުން ސަސްޕެންޑު ވެސް ކުރުމަށްފަހު އެވެ. އަދި ތަކުރާރުކޮށް ނަސޭހަތް ދިނުމުން ވެސް އެކަންކަން އިސްލާހު ކުރަން ނުކުރުމުންނެވެ.
މައްސަލައިގައި ގައުމީ ޔުނިވާސިޓީން ބުނީ ޑރ. އިޔާޒް މަގާމުން ވަކިކުރީ، އާންމުންގެ ތެރޭ ނުތަނަވަސްކަން އުފެދޭ ގޮތަށް ހިޔާލު ފާޅުކުރުން ހުއްޓާލުމަށް އެންގުމުން ވެސް އެގޮތަށް އަމަލުކޮށްފައި ނުވާތީ ކަމަށެވެ. އަދި އޭނާގެ އަމަލުތައް ހުރީ ހަރުކަށި އަމަލުތަކަށް ހިއްވަރުދޭ މޭރުމަކުން ކަމަށް ތުހުމަތު ކުރެ އެވެ.
ޑރ. އިޔާޒް ވަކިކޮށްފައި މި ވަނީ، އަންހެންކުދިން ހިތާނު ކުރުން ނުވަތަ ”ފީމޭލް ޖެނިޓަލް މިއުޓިލޭޝަން“ އާއި ބެހޭ ގޮތުން ސޯޝަލް މީޑިއާގައި އޭނާ ކުރަމުން ދިޔަ ޕޯސްޓުތަކުގެ ސަބަބުން ފިޔަވަޅު އެޅުމަށް އާއްމުން ގޮވާލަމުން ދަނިކޮށެވެ. އެ މައްސަލަ އިސްލާމިކް މިނިސްޓްރީން ވެސް ދަނީ ބަަލަމުންނެވެ.
އަންހެނުން ހިތާނުކުރުމަށް ހިތްވަރުދޭ ބީދައިން ޑރ. އިޔާޒް ކުރެއްވި ޓްވީޓަކާއި ގުޅިގެން އެ މައްސަލަ ބަލައިދިނުމަށް އެދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވެސް ދާދިފަހުން މައްސަލައެއް ހުށަހެޅި އެވެ.
މީކާއިލް ވަނީ ”ފީމޭލް ޖެނިޓަލް މިއުޓިލޭޝަން“ އަށް ގައުމި ޔުނިވާސިޓީގެ އެސިސްޓެންޓް ޕްރޮފެސަރެއްގެ މަގާމުގައި ހުންނަވައި ޑރ. އިޔާޒް ހިތްވަރު ދެއްވާފައިވާކަމަށް ވިދާޅުވެފަ އެވެ. އަދި މިފަދަ ނުރައްކާތެރި އަމަލުތަކަށް ހިތްވަރު ލިބޭ ގޮތަށް މުއައްސަސާތަކުގެ ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ބޭފުޅުން މަސައްކަތް ކުރެއްވުމަކީ ދިވެހިރާއްޖޭގައި އަންހެނުން ނުރައްކަލަށް ހުށަހެޅި އަންހެނުންގެ ހައްގުތައް ރައްކާތެރި ކުރުމަށް ހުރަސް އެޅޭނޭ ކަމެއްކަމަށް ވާތީ، މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީ މެދުވެރިކޮށް، މައްސަލަ ބަލައިދޭން މީކާއިލް އެދުނެވެ.
އިޔާޒާއި ދެކޮޅަށް ގައުމީ ޔުނިވާސިޓީއަށް ގިނަ ސިޓީތަކެއް ވެސް، ޕެޓިޝަންތަކުގެ ގޮތުގައި ހުށަހަޅާފައިވެއެވެ.

