މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެސިސްޓެންޓް ޕްރޮފެސަރުގެ މަގާމުގައި ހުންނަވަނިކޮށް ދިނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވަޒީފާއިން ވަކިކުރީ ސިޔާސީ ބާރުވެރި ބައެއްގެ ނުފޫޒުންކަމަށް ބުނެ އަދާލަތު ޕާޓީން އެކަން ކުށްވެރިކޮށްފިއެވެ.
އަދާލަތު ޕާޓީން މިއަދު ބަޔާނެއް އާއްމުކޮށް ބުނީ ޑރ. އިޔާޒަކީ ދިވެހި ރާއްޖޭގެ ރައްޔިތުންގެ އިހުތިރާމާއި އިތުބާރު އަދި ގަދަރު ލިބިގެންވާ ދީނީ އިލްމުވެރިއެއް ކަމަށެވެ. މިއީ ރާއްޖޭގެ އިލްމީ ވެއްޓަށް ބޮޑެތި ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅަކާއި މެދު އަދުލުވެރި އިޖުރާއަތެއް ނެތި، ހަމައާއި އިންސާފުގެ ބޭރުން އަޅާފައިވާ ފިޔަވަޅެއްގެ ގޮތުގައި އަދާލަތު ޕާޓީން ބުންޏެވެ. މިއީ އެމްއެންޔޫގެ މުވައްޒަފުންނާއި މެދު ފިޔަވަޅު އެޅުމަށް ކަނޑައަޅާފައިވާ އުސޫލުތަކާއި ހިލާފަށް އެއްވެސް ސަބަބެއް ނެތި، ދީނީ އިލްމުވެރިއަކާއި މެދު އެޅި ފިޔަވަޅެއްގެ ގޮތުގައި ދެކޭކަމަށް ޕާޓީގެ ބަޔާނުގައި ވެއެވެ.
ޑރ. އިޔާޒަށް ތަކުރާރުކޮށް ނަސޭހަތްތެރިވުމުން ވެސް އޭނާ އިސްލާހުވެފައި ނުވާތީ ވަޒީފާއިން ވަކި ކުރީ އިއްޔެ އެވެ. އަދި ޑރ. އިޔާޒް ވަކިކޮށްފައި މި ވަނީ، އަންހެންކުދިން ހިތާނު ކުރުން ނުވަތަ ”ފީމޭލް ޖެނިޓަލް މިއުޓިލޭޝަން“ އާއި ބެހޭ ގޮތުން ސޯޝަލް މީޑިއާގައި އޭނާ ކުރަމުން ދިޔަ ޕޯސްޓުތަކުގެ ސަބަބުން ފިޔަވަޅު އެޅުމަށް އާއްމުން ގޮވާލަމުން ދަނިކޮށެވެ. އެ މައްސަލަ އިސްލާމިކް މިނިސްޓްރީން ވެސް ދަނީ ބަަލަމުންނެވެ. އެ މައްސަލައިގައި ގައުމީ ޔުނިވާސިޓީން ބުނީ ޑރ. އިޔާޒް މަގާމުން ވަކިކުރީ، އާންމުންގެ ތެރޭ ނުތަނަވަސްކަން އުފެދޭ ގޮތަށް ހިޔާލު ފާޅުކުރުން ހުއްޓާލުމަށް އެންގުމުން ވެސް އެގޮތަށް އަމަލުކޮށްފައި ނުވާތީ ކަމަށެވެ. އަދި އޭނާގެ އަމަލުތައް ހުރީ ހަރުކަށި އަމަލުތަކަށް ހިއްވަރުދޭ މޭރުމަކުން ކަމަށް ތުހުމަތު ކުރެ އެވެ.
ގައުމީ ޔުނިވާސިޓީގެ ނިންމުން ކުށްވެރިކޮށް، އަދާލަތުން އާއްމު ކުރި ބަޔާނުގައި ބުނެފައިވަނީ ޑރ. އިޔާޒްގެ ވަޒީފާ އަލުން އިޔާދަކުރުމަށް ގޮވާލާ ކަމަށެވެ. އިސްލާމީ ޝަރީއަތުގެ ފަރުއީ ބައެއް މައްސަލަތަކާއި ބެހޭ ގޮތުން އިލްމުވެރިންގެ މެދުގައި ބަހުސްތައް އަބަދުވެސް ކުރެވޭކަން ފާހަގަކޮށް އަދާލަތު ޕާޓީން ބުނީ އެ ބަހުސްތަކަކީ ހަގީގަތަށް ވާސިލުވުމަށް ކޮންމެހެން ލާޒިމު ކަމެއްކަމަށާއި އެފަދަ އިލްމީ ބަހުސްއެއްގެ ތެރެއިން އިލްމުވެރިއަކު ހަގީގަތެއް ބަޔާން ކުރުމަކީ، އެކަން ބަޔާން ކުރާ މީހާ އެއަށް ބުރަވާކަން ދޭހަކޮށްދޭ ކަމެެއް ނޫން ކަމަށެވެ.
”އެހެންކަމުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީން ޑރ. މުޙައްމަދު ޢިޔާޟް ވަކިކުރުމަށް ނިންމި ނިންމުން ކުށްވެރިކުރާ ޙާލު އެނިންމުން ބާޠިލުކޮށް އެމަނިކުފާނު ކުރިން ހުންނެވި މަޤާމަށް އަނބުރާ އިޢާދަކުރުމަށް ގޮވާލަމެވެ. އަދި ދަންނަވަމެވެ. އިސްލާމްދީނަކީ ސާދަ ޤަރުނަށްވުރެ ދިގުދެމިގެން ގޮސްފައިވާ ޙަޟާރަތެއްގެ މައްޗަށް ބިނާވެފައިވާ ދީނަކަށް ވާއިރު، މި ޙަޟާރަތުގެ އެންމެ އަސާސީ ބުންޔާދަކީ ވޭތުވެދިޔަ ދިގު ތާރީޚުގައި ކުރެވިފައިވާ ޢިލްމީ ބަހުސްތަކާއި ހޯދިފައިވާ ހޯދުންތަކާއި ކުރެވިފައިވާ އީޖާދުތައް ކަމަށްވެފައި، އިސްލާމީ ޝަރީޢަތުގެ ފަރުޢީ ބައެއް މައްސަލަތަކާ ގުޅޭގޮތުން އިލްމުވެރިންގެ މެދުގައި ބަހުސްތައް ހިނގާފައިވާއިރު، އަދި އެ ބަހުސްތަކަކީ ޙައްޤަށް ވާސިލުވުމަށްޓަކައި ކޮންމެހެން ލާޒިމުވެފައި އަދި މިފަދަ ގިނަ ބަހުސްތަކަކީ މެދުކެނޑުމެއް ނެތި ހިނގަމުންދާ ބަހުސްތަކަކަށް ވާތީ، މިފަދަ ޢިލްމީ ބަހުސްތަކާ ގުޅޭ ޙަޤީޤަތެއް ބަޔާންކުރުމަކީ، އެކަން ބަޔާންކުރާ ޢިލްމުވެރިއަކު އެ ރައުޔަކަށް ބުރަވާކަން ދޭހަކޮށްދޭ ކަމެއް ނޫނެވެ.“ އަދާލަތު
މީގެ އިތުރުން އިލްމުވެރިއަކު އޭނާގެ ހިޔާލު ފާޅުކުރުމުން، އެ ރައުޔަކީ ހައްގު ގޮތް ނުވަތަ ހައްގު ގޮތާ އެންމެ ގާތްގޮތް ކަމަށް ދައްކުވައިދޭ ކަމެއްވެސް ނޫންކަމަށް ބަޔާނުގައި ވެއެވެ. އަދި ބުނީ އެއީ އިސްލާމްދީނުގެ ޢިލްމީ ހަޟާރަތުގެ މުއްސަނދިކަން ދައްކުވައިދޭކަމެއްގެ ގޮތުގަ އެވެ.
ނޫސްބަޔާން: ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީން ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުއްލަޠީފް ވަކިކުރުމާއި ގުޅިގެން ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުން ނެރޭ ބަޔާން pic.twitter.com/VoZyP9Fg2X
— Adhaalath Party (@AdhaalathOffice) July 2, 2021
މީގެ އިތުރުން އެ ބަޔާނުގައި ބުނެފައި ވަނީ މިއީ ކޮންމެ މީހަކަށް ވެސް އެ މީހެއްގެ ވިސްނުމާއި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ލިބިދީފައިވާ ޒަމާނެއް ކަމަށެވެ. އަދި އިސްލާމް ދީނުގެ އަސްލުތަކާއި ހިލާފު ނުވާހެން އިލްމުވެރިއަކު ހިއްސާ ކުރާ ވާހަކައެއްގެ ސަބަބުން ދިވެހިރާއްޖޭގެ އެންމެ ބޮޑު ތަޢުލީމީ މުއައްސަސާއިން، އެ ބޭފުޅަކާއި މެދު ފިޔަވަޅު އަޅައި ބިރު ދެއްކުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށެވެ.
އަދާލަތު ޕާޓީން ބުނީ މިއީ އިލްމުވެރިންގެ މެދުގައި ނުތަނަވަސްކަން އުފެދި، އިސްލާމީ ޝަރީޢަތުގެ ތަރަހައިގެ ތެރޭގައި މިނިވަންކަމާއެކު ކުރެވޭ ޢިލްމީ ބަހުސްތަކާއި މުނާޡަރާތަކަށް އޮންނަންޖެހޭ ތަނަވަސް ޖާގަ ގެއްލިގެން ހިނގައިދާނެ ކަމެއްގެ ގޮތުގައި ދެކޭ ކަމަށެވެ.
ޑރ. އިޔާޒާއި މެދު އެޅި ފިޔަވަޅަކީ ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ހަރުދަނާކޮށް އިސްލާމްދީނާ ދެކޮޅަށް ދިވެހިރާއްޖޭގައި ހިންގޭ އުދުވާންތައް ހުއްޓުވުމަށް ސާބިތުކަމާއެކު އޭނާ ކުރައްވަމުން ގެންދާ މަސައްކަތްތައް ނިމުމަކަށް ގެނައުމަށް ނުފޫޒުތަކެއްގެ ސަބަބުން ހިންގި އަމަލެއްގެ ގޮތުގައި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން ތުހުމަތު ކުރި އެވެ.
”މި ކަމުން ދޭހަކޮށްދެނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީއަށް ނާޖާއިޒު ސިޔާސީ ނުފޫޒު ފޯރާފައިވާ މިންވަރެވެ. އަދި މިކަމުގެ ފަހަތުގައި ވަނީ ވަކި ފަރުޢީ މައްސަލައަކާމެދު ޑރ. މުޙައްމަދު ޢިޔާޒު ޝުޢޫރެއްނޫނެވެ. މިއީ އުފެދި ބޮޑުވަމުން އަންނަ ޒުވާން ޖީލު ތަރުބިއްޔަތުކުރުމާއި ޤައުމުގެ ސިޔާސަތު ކަނޑައެޅުމާއި ދާއިރާތަކުން އިސްލާމްދީނުގެ ޢިލްމުވެރިން އެއްކިބާކޮށް އެކަހެރިކޮށްލަން ހިންގާ ނުރައްކާތެރި ރޭވުމެއްގެ ބައެކެވެ“ އަދާލަތު ޕާޓީ
މީގެ ކުރިން ވެސް ޔުނިވާސިޓީ އޮތްގޮތަށް، ހަގީގީ އިލްމީ މުއައްސަސާއެއްގެ ގޮތުގައި ރާއްޖޭގެ އިލްމީ ދަންމަރު އުފުލުމުގެ ގާބިލުކަން ހުރިތަނަކަށް ހެދުމަށް ކަމާބެހޭ އެންމެހާ ފަރާތްތަކަށް އަދާލަތު ޕާޓީން ގޮވާލި އެވެ. އަދި ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ބަލިކަށިކޮށް އިލްމީ މާހައުލު ހަނިކުރުމަށް ކުރެވޭ މިފަދަ ނުރައްކާތެރި މަސައްކަތްތަކާމެދު ހުޝިޔާރުވުމަށް ދިވެހި ރައްޔިތުންނަށް އަދާލަތުން ނަސޭހަތްތެރިވި އެވެ.

