މާލެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކާއި މާލެ ރައްޔިތުން ބޭނުންވާ ގޮތާއި އަދި މާލެ ސިޓީ ކައުންސިލުން ޕްރޮމޯޓް ކުރާ ކަންކަން ދިމާ ނުވާ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
”ސަންގު ޓީވީ“ އަށް ދިން އެކްސްކްލޫސިވް އިންޓަވިއުއެއްގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ، ބޯހިޔަވާހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކާއި ސިޓީ ކައުންސިލްގެ ވިސްނުން ދިމާނުވުމަކީ މިވަގުތު ދިމާވެފައިވާ ހަމައެކަނި މައްސަލަ ކަަމަށާއި އުންމީދު ކުރަނީ މަޝްވަރާ ކޮށްގެން އެކަންތައްތައް ހައްލުކުރެވޭނެ ކަމަށް ކަމަށެވެ. މުއިއްޒު ވިދާޅުވީ އޭނާ ގަބޫލު ކުރައްވާ ގޮތުގައި ސަރުކާރަކުން ބޭނުންވާނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކޮށްދެން ކަމަށާއި އަދި މާލެ ސިޓީ ރައްޔިތުން ބޭނުންވާ ގޮތަށް ބޯހިޔާވަހިކަމުގެ ކަންކަން ކުރިއަށް ގެންދިއުމުން އެކަމުން ސަރުކާރަށްވެސް ފައިދާ ވާނެ ކަމަށެވެ.
މުއިއްޒު ވިދާޅުވީ މާލެ ސިޓީގެ ތަރައްގީ އާއި ގުޅުން ހުރި ބޮޑެތި ކަންކަމުގައި ލަސްވާތީ އިންތިހާއަށް ކަންބޮޑުވުން އެބަ ހުރި ކަމަށެވެ. އެގޮތުން ގުޅީފަޅު މަޝްރޫއުއަކީ މޭޔަރު ކަމުގެ މަގާމާއި މުއިއްޒު ހަވާލުވުމުގެ ކުރިންވެސް ގިނަ އެއްބަސްވުންތަކެއް ހަދާފައިވާ މަޝްރޫއުއެއް ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ ގުޅީފަޅު ތަރައްގީ ކުރުމުގެ މަސައްކަތް ފެށުން މާ ލަސްވެއްޖެނަމަ ކުރިން ހަދާފައިވާ އެއްބަސްވުންތައް އަނެއްކާ އަލުން އިޔާދަ ކުރަން އުނދަގޫވާނެ ކަމަށެވެ.
ހިޔާ މަޝްރޫއުގެ އެގްރިމެންޓްތައްވެސް އަދި ހަދަމުން ދަނީ ބޮޑު އަގުގައި ކަން ފާހަގަކުރަމުން މުއިއްޒު ވިދާޅުވީ އަދި އޮތީ މެއިންޓެނެންސް ފީ އާއިއެކު މަހަކު 8500 ދައްކާ ގޮތަށް ކަމަށެވެ. މުއިއްޒު ވިދާޅުވީ، އެ ކުއްޔަކީ ރައްޔިތުންނަށް ބޮޑު ތަކްލީފެއް އުފުލަން ޖެހޭ ގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށް ރައީސް އަރިހުގައިވެސް އަދި ޕްލޭނިންގް މިނިސްޓްރީގައިވެސް ވިދާޅުވެފައިވާނެ ކަމަށެވެ.

