ނ. ފޮއްދޫގެ ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
އެމްޑަބްލިއުއެސްސީން ބުނީ، މިހާރު ކުރިޔަށްދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތްކުރުމުގެ މަސައްކަތް ކަމަށެވެ. އަދި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރު ވަނީ ފޮއްދޫއަށް ގެންދެވިފައެވެ.
މި މަޝްރޫޢުގައި ހިމެނޭ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ފޮއްދޫގައި 4.76 ކިލޯ މީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ޤާއިމް ކުރުމާއި އާރ.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި 2 އާރ.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 3 ތާންގީ ބެހެއްޓުން ހިމެނެއެވެ. މީގެ އިތުރުން، ގޭގޭގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެންދާނެއެވެ.

