ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ސަރުކާރުގެ މައި ޕާޓީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަކީ ދިވެހި ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ ވަރުގަދަ ސިޔާސީ ޝަހުސިއްޔަތެވެ. އެމަނިކުފާނު އޭރު ނިކުންނެވީ، 30 އަހަރުގެ ދިގު ވެރިކަމެއް ނިމުމަކަށް ގެނައުމަށެވެ. ހައްގުތަކާއި، ތިމާއަށް ލިބިގެންވާ އަސާސީ ހިދުމަތުގެ ޒައްރެއްގެ މިންވަރު ވެސް ނޭނގޭ ރައްޔިތު މީހާއަށް އެކަން ސާފުކޮށް ދިން ވެރިއަކީ ރައީސް ނަޝީދުކަން އެއީ ދެބަސް ވެވެން ނެތް ހަގީގަތެވެ.
ރާއްޖެއަށް މަލްޓި ޕާޓީ ސިސްޓަމް ތައާރަފްވެ މިވީ 16 އަހަރުގެ ތެރޭގައި ސިޔާސީ ވަރަށް ގިނަ ހަމަނުޖެހުން ހިނގައި ގޮސްފި އެވެ. ގައުމު ހަލަބޮލި އެތައް ހާލަތަކަށް ވައްޓާލި އެވެ. އޭގެއިން އެ ދުވަސްވަރަކަށް ވާނީ 2012 ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވައްޓާލި ދުވަހެވެ. އެއަށްފަހު 2018 ވަނަ އަހަރާއި ހަމައަށް މަގުމަތީ އެތައް ހަރަކާތެއްގެ ތެރެއިން އެމްޑީޕީ ވަރުގަދަވެ އެނބުރި އައެވެ. އެހެން ނަމަވެސް މިފަހަރު އެމްޑީޕީ ވެރިކަމަށް އައި ”ހަތުރުންނާއި“ އެކީ ކޯލިޝަނެއް ހަދައިގެންނެވެ.
ވެރިކަމުގެ ދައުރު ދެބައިވީތަނާހެން ރައީސް ނަޝީދު، އިދިކޮޅުގެ އެހީ އަށް އެދެން ނިންމުމާ އެކު، ރައްޔިތުންނަށް ލިބުނު ހައިރާންކަން ބޮޑެވެ. ސިޔާސީ މައިދާން ކޮންމެ ގޮތަކަށް ވެސް އެނބުރިދާނެކަން ގަބޫލު ކުރިޔަސް، ރައީސް ނަޝީދަކީ އަމިއްލަފުޅަށް ހިންގަވާފައި ރައީސް ޔާމީންގެ އަރިހަށް ވަޑައިގެންފާނެ ބޭފުޅެއްގެ ގޮތުގައި އެކަކު ވެސް ގަބޫލެއް ނުކުރާނެ އެވެ.
މިއީ ފަހަރުގައި ދިވެހިންނަށް އާކަމެއް ނޫނެވެ. ބޮޑު ދެ ހަތުރުންގެ ގޮތުގައި ތިއްބެވި ނަޝީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް މަސައްކަތް ކުރަނީ އެކީގައެވެ.
ކުރީގެ ރައީސް ޔާމީންގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި ސިޔާސީ އެތައް ބަޔަކު ހައްޔަރުކޮށް ޖަލަށް ލެވުނެވެ. ރައީސް ނަޝީދު ވެސް ޖަލުގައި ދުވަސްތައް ހޭދަ ކުރެއްވި އެވެ. އެ ހުރިހާކަމެއް އެއް ފަރާތްކޮށް ރައީސް ނަޝީދު މިހާރު ބޭނުންފުޅު ވަނީ އަސްލު އެމްޑީޕީއާއި، އިދިކޮޅު ޕީޕީއެމް ޕީއެންސީ ގުޅިގެން މަސައްކަތް ކުރާށެވެ. އެއީ ދެ ޕާޓީން ގަބޫލު ކުރާ ސިޔާސަތުތަކައި، ދަމަހައްޓާ ހަމަތައް އެއްގޮތްވުމުން ކަމަށް ރައީސް ނަޝީދު ވިދާޅުވެ އެވެ.
ރައީސް ނަޝީދުގެ ވާހަކައަށް އިދިކޮޅުގެ މާބޮޑު ”އިންޓްރެސްޓެއް“ ނެތެވެ. އެބޭފުޅުން ގަބޫލު ކުރާ ގޮތުގައި ރައީސް ނަޝީދަކީ ވަރުގަދަ ލީޑަރަކަސް ފަނާކުރުވަނީ ފިކުރެއްގެ ބޭފުޅެކެވެ. ޕީޕީއެމް، ޕީއެންސީން ރައީސް ނަޝީދާއި އެއް މޭޒެއްގައި ތިބެ ދައްކަން ބޭނުންވާ ވާހަކައެއް ނެތެވެ. އެ ވިދާޅުވީ ކޯލިޝަނެއް ހަދާ، ޕާޓީގެ ލީޑަރު ޔާމީން މިނިވަން ކުރުމުގެ ޝަރުތެއް މޭޒުމަތީ ބާއްވަން ބޭނުމެއް ނުވެއެވެ.
ގައުމު ހަމައަކަށް އެޅުމަށް ލަފާ ދީ، ގުޅިގެން މަސައްކަތް ކުރުމަށް ޕީޕީއެމް، ޕީއެންސީގެ އެއްވެސް މައްސަލައެއް ނެތެވެ. އެހެން ނަމަވެސް އެމްޑީޕީއާއި ޕީޕީއެމް މި ދެ ބަސް އެއްވާކަށް ހަމަ ބޭނުން ނުވަނީ އެވެ. ކޮންގްރެސް ކޯލިޝަން ބޭނުންވަނީ 2023 ގައި ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރެވޭނެ ފޯމިއުލާ އެކެވެ. ކޯޓުން ރައީސް ޔާމީން މިނިވަންވުމެވެ. ޝަރުއީ މަރުހަލާގެ ތެރެއިން އެކަން ކުރިޔަށް ގެންދާއިރު، އެއީ ”ޑީލް“ އެއްގެ ދަށުން ނިންމާލާ ކަމަކަށް ހަދަން އިދިކޮޅުން ބޭނުމެއް ނޫނެވެ. ޕްރެސްކޮންފަރެންސްގައި އެންމެ ހަރު އަޑުން ގޮވި ވާހަކައަކީ އެއީއެވެ.
ނަޝީދުގެ ހުށަހެޅުން، މިވަނީ ކިހިނެއް؟
އިދިކޮޅުގެ އުންމީދަކީ ރައީސް ޔާމީނަށް ދަށު ކޯޓުން އިއްވި ހުކުމް އިސްތިއުނާފީ މަރުހަލާއިން ބާތިލު ވުމެވެ. އެއީ ޤައިރުގާނޫނީ ހުކުމެއްގެ ގޮތުގައި ކޯޓުން ކަނޑައެޅުމެވެ. ދެން އޮތް އަނެއް ކަަމަކީ ރައީސް ޔާމީނަށް ސިޔާސީ ގޮތުން ކުރާ ޖެއްސުންތައް ހުއްޓާލުމެވެ. ދައުވާ ކުރުމަށް ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހަށް ފޮނުވާ މައްސަލަތަކާއި، އަދި ކްރިމިނަލް ކޯޓުގައި ކުރިޔަށް ގެންދާ ދައުވާތައް ސިޔާސީ ނުކޮށް ހުއްޓާލުމެވެ.
ގާނޫނީ ކަންތަކެއްގެ ވާހަކަ ދައްކާއިރު، ރައީސް ނަޝީދަކީ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ހުންނަވާ ބޭފުޅެކެވެ.
އެމްޑީޕީ ވުޖޫދުވެ، ޕާޓީ މިހާހިސާބަށް ގެނައުމުގައި ރައީސް ނަޝީދާއި އެންމެ ގާތުން އެކުގައި މަސައްކަތް ކުރެއްވީ ހިންނަވަރު، ނޫރާނީއާގެ އިބްރާހިމް މުހައްމަދު ސޯލިހެވެ. 25 އަހަރު ދުވަހު މަޖިލީހުގައި މެމްބަރުކަން ކުރެއްވުމަށްފަހު، މިއަދު ގައުމުގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައި ހުންނެވި ބޭފުޅާ އެވެ. އެންމެ ގާތް އެކުވެރިޔާއާއި މައްސަލަ ޖެހެން މެދުވެރިވީ ވެރިކަމެވެ. މި ރުޅިވެރިކަން ނުވަތަ ދެބަސްވުން ފެށުނީ ކިހާ ހިސާބަކުންކަން ޔަގީނެއް ނޫނެވެ. އެހެން ނަމަވެސް ވެރިކަމަށް ކުރިމަތިލުމަށް ބޭނުންވެ، ހުރެ ގާނޫނީ ގޮތުން އެ ފުރުސަތު ނެތްކަން އެނގުމުން ހަތިޔާރު ތިރިކޮށް އެ ދެއްވީ ގާތް ރައްހުމަތްތެރިއާ އަށެވެ. ޝަރުތުތަކެއް ހުންނާނެ އެވެ. އެއީ އިންތިގާލީ ވެރިކަމެއް ކުރުން، ނުވަތަ ދެ އަހަރާއި ބައިވުމުން އިތުރު އިންތިހާބަކަށް ދިއުންކަމަށް ވެސް ވެދާނެ އެވެ.
ކޮންމެއަކަސް ޖެހުނު މައްސަލައެއް މިހާރު މިއޮތީ ޖެހި، އެކަން ހާމަވެސް ވެފައެވެ. ފިކުރީ ގޮތުން ރައީސާއި ހިޔާލުތަފާތުވެއްޖެކަން އިއުލާނުކޮށް މިހާރު ބޭނުމީ ވާދަވެރި ޕީޕީއެމް، ޕީއެންސީ އެމްޑީޕީ ކޯލިޝަނެކެވެ. ނުވަތަ އިއްތިހާދެކެވެ. ފެނާއި ތެލުގެ މިސާލެކެވެ. ދެ ޕާޓީގެ ފިކުރު މުޅީންވެސް ތަފާތެވެ. ވިސްނުމާއި، ސިޔާސަތުތައް އުޑާއި ބިމާހާ ތަފާތެވެ.
ދެން ސުވާލަކީ އެއްވެސް ފައިދާއެއް ނެތް ކަމަކަށް ރައީސް ނަޝީދު ވަގުތު ބޭކާރު ކުރަންވީ ސަބަބާއި މެދު އެވެ. ޖަވާބު ވަރަށް ސާފެވެ. ރާއްޖޭގައި އޮންނަ ވެރިކަމުގެ ނިޒާމު ބަދަލު ކުރަންޖެހޭކަމަށް ރައީސް ނަޝީދު ހަރު އަޑުން އަބަދުވެސް ގޮވައެވެ. 2007 ވަނަ އަހަރު އެމަނިކުފާނު ކުރެއްވި މަސައްކަތް ނާކާމިޔާބު ވިޔަސް، އޭރު ޕީއޭގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެއް ފަރާތުގައި ހުންނަވައި ތާއީދު ކުރި ނިޒާމަކީ އެއީ އެވެ. ބަރުލަމާނީ ނިޒާމެވެ. ދެ ބޭފުޅުންނަކީ، 2007 ވަނަ އަހަރު ބޭއްވުނު ނިޒާމީ ވޯޓުގައި ބަރުލަމާނީއަށް ތާއީދު ކުރެއްވި ދެބޭފުޅުންނެވެ.
”އާސްކް ސްޕީކާ“ ޕްރޮގްރާމްގައި ރައީސް ނަޝީދު ވަނީ ނިޒާމު ބަދަލުކުރާނީ ޕީޕީއެމާ ގުޅިގެން ކަމަށް ވިދާޅުވެފައެވެ. އަދި ޔާމީން ވެސް ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރައްވާ ކަމަށާއި، ޕީޕީއެމަކީ ބަރުލަމާނީ ނިޒާމާ ބީރަށްޓެހި ޕާޓީއެއް ނޫން ކަމަށް ފާޅުގައި ވިދާޅުވެ، ކުރިޔަށް ފިޔަވަޅެއް އެޅުއްވި އެވެ. އޭގެ ފަހުން އަނެއްކާ ވެސް އެމްޑީޕީ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ވަނީ ރައީސް ޔާމީންއަކީ ދީނީ ގޮތުން މެދުމިނުގެ ސިޔާސަތަކަށް ތާއީދު ކުރާ ބޭފުޅެއް ނަމަ އެމަނިކުފާނު ލީޑް ކުރައްވާ ޕީޕީއެމްގެ އެހީއަށް އެދޭނެ ކަމަށް ވިދާޅުވެފަ އެވެ. އަނެއްކާވެސް އަމިއްލަ ރަސްމީ އެކައުންޓުން ކުރި ޓްވީޓެއްގައި އެމްޑީޕީން ޕީޕީއެމް އާއިއެކު އިއްތިހާދު ވެގެން މަސައްކަތް ކުރާނެ ޝަރުތުތަކެއް ހާމަކުރެއްވި އެވެ.
އެއީ ”އިންޑިއާ އައުޓް“ ނުގޮވުމާއި، ކޮމިޓީ މަރުހަލާގައި އޮތް ނަފުރަތު އުފެއްދުން ކުށަކަށް ހެދުމުގެ ބިލަށް ތާއިދުކުރުމާއި، މިއުޒިކް ހަރާމް ނުކުރުމާއި، ކީރިތި ރަސޫލާއަށާއި އިސްލާމް ދީނަށް ފުރައްސާރަ ނުކުރުމެވެ.
ރައީސް ނަޝީދަށް ހުށަހެޅެން އޮތް ހަމައެކަނި ޑީލްއަކީ އެއީ އެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކޮށްލުމެވެ. ބަރުލަމާނީ ނިޒާމަކަށް ދިއުމަށް އިދިކޮޅުގެ ތާއީދު ލިބިއްޖެނަމަ ރައީސް ޔާމީން މިނިވަން ވާނެކަމަށް ރައީސް ނަޝީދު ހުށަހެޅުން ވަރަށް ގާތެވެ.
އިދިކޮޅާއި އެކު މަސައްކަތް ކުރުމުގެ ވާހަކަ ރައީސް ނަޝީދު ދެއްކެވި ފަހުން، އެކަމަށް ތާއީދުކޮށް ވާހަކަ ދެއްކެވީ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފެވެ. އޭނާ ވިދާޅުވީ، ޕީޕީއެމާއި އެމްޑީޕީއަކީ ވައްކަމާއި ކޮރަޕްޝަނާއި ދެކޮޅު ޕާޓީއެއް ކަމަށެވެ. އެހެން ކަމުން އެ އިޝާރާތް ކުރެއްވީ އެކުގައި މަސައްކަތް ކުރެވިދާނެކަމަށް ބަލަމާ ހިނގާށެވެ.
އިދިކޮޅާ އެކީގައި މަސައްކަތް ކުރަން ބޭނުންކަމަށް ރައީސް ނަޝީދު ވިދާޅުވުމުން، އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ އެމްޑީޕީގެ ސިޔާސަތުތަކާއި ޕީޕީއެމްގެ ފިކުރާއި ވިސްނުން އެއްގޮތެއް ނުވާނެ ކަމަށެވެ. ދެ ޕާޓީން ގެންގުޅޭ އިސްލާމްދީނާއި އިގުތިސާދާއި ގައުމު ކުރިއެރުވުން ފަދަ މުހިންމު އަސާސްތައް ވަރަށް ބޮޑަށް ތަފާތުކަން ޝިޔާމް ފާހަގަކުރެއްވިއެވެ. ރައީސް ނަޝީދުގެ ހުށަހެޅުމުގެ ތެރެއިން ގޯސްކަންތަކެއް ވެސް ޝިޔާމް ނެންގެވި އެވެ. އަދި އެކުގައި މަސައްކަތް ނުކުރެވޭނީ އެ ސަބަބާއި ހުރެކަމަށް ވެސް ވިދާޅުވި އެވެ.
އިދިކޮޅު ކޯލިޝަނުގެ ސިޔާސަތުތަކާއި އެމްޑިޕީއާއި ރައީސް ނަޝީދުގެ ސިޔާސަތުތަކާ ފުށުއެރުންތަކެއް ހުރިއިރު ދުވަހަކުވެސް އެމަނިކުފާނާއެކު މަސައްކަތް ކުރާނެ ޖާގައެއް ނުފެންނަ ކަމަށް ވިދާޅުވިއެވެ. ޝިޔާމް ވިދާޅުވީ ޕީޕީއެމްއަށް އެތައް ހާސް ރައްޔިތުން ސަޕޯޓް ކުރަނީ ރައީސް ޔާމީންގެ ފިކުރާއި ނަޝީދުގެ ފިކުރު ތަފާތުވުމުން ކަމަށެވެ. އަދި ޕީޕީއެމް އިން އެމްޑީޕީގެ ސިޔާސަތުތަކަށް ތާއީދު ނުކުރާނެތީ ކަމަށާއި އެމްޑީޕީއާ އެކު މަސައްކަތްކޮށްފިނަމަ މި އިތުބާރު ގެއްލިގެން ދާނެކަމަށެވެ.
ޕީޕީއެމް އަދި ޕީއެންސީގެ އެންމެ ބޮޑު އަމާޒަކީ، ޕާޓީގެ ލީޑަރު މިނިވަން ކުރުމެވެ. އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކޮށް، ގައުމުގެ ވެރިކަމަށް އައުމެވެ. އެއްގޮތަކަށް ވެސް ޑީލްއެއްގެ ހެދުން ނޫންކަމަށް ބުނެ އެވެ.
ރައީސް ނަޝދުގެ ހުށަހެޅުން ސާފެވެ. ނަމަވެސް ބަރުލަމާނީއަކަށް ރައީސް ޔާމީން ކޮމްޕްރޮމައިޒް ވެދާނެކަމާއި މެދު ޝައްކެވެ.
މި ވާހަކަތައް ރައީސް ނަޝީދު ދެއްކެވީ، ވެސް ފެހި ސިގްނަލްއަކާއި އެކީކަމަށް ވުމުގެ ފުރުސަތު އެބައޮތެވެ.

