މި ވެރިކަން ގެނައި މަގްސަދު އޮޅެމުންދާކަމަށް ބުނެ އިދިކޮޅާއި އެކު މަސައްކަތް ކުރަން ބޭނުންވާކަމަށް ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކައިގެ ތާއީދުގައި އެމްޑީޕީގެ ގުނަވަންތަކުން ނިކުންނަން ފަށައިފި އެވެ.
ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ނުފޫޒު ފޯރުވައި، އެމްޑީޕީގެ އެތެރޭގެ އެންމެ ޒަމާންވީ އުސޫލުތަކާއި ހިލާފުވަމުންދާކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. އިނގިރޭސި ބަހުން އާއްމު ކުރައްވަފައިވާ ބަޔާނެއްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ، ރައީސް ސޯލިހު ސަރުކާރުގެ މަސައްކަތްތައް ކުރިޔަށް ގެންދަނީ އަދާލަތުގެ ނުފޫޒުގެ ތެރޭގައި ޖެހިގެން ކަމަށެވެ. ހާއްސަކޮށް ސަރުކާރުން ހުށަހެޅި، ނަފްރަތު އުފެއްދުން ކުށަކަށް ހެދުމުގެ ބިލަށް އެންމެ ފަހު ވަގުތު ތާއީދު އަނބުރާ ގެންދިއުން އެއީ ރައީސްއާއި އެކު އިތުރަށް ދެން މަސައްކަތް ކުރެވެން ނެތްކަމުގެ ހެއްކެއްގެ ގޮތުގައި ވިދާޅުވި އެވެ.
ގާނޫނުލްއުގޫބާތަށް ހުށަހަޅާފައިވާ އިސްލާހުގެ ކޮމިޓީ މަރުހަލާ ނިމި، މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވަނިކޮށް ހިޔާލު ތަފާތުވެ އިތުރު އިސްލާހުތަކެއް އައުމުގެ ސަބަބުން ބިލް ޖެހުނީ ދައުރުގެ އެންމެ ފަހު ދުވަހު ކޮމިޓީއަށް އަލުން އަނބުރާ ފޮނުވާލާށެވެ. އެކަމާ އެމްޑީޕީގެ މެމްބަރުން ވަރަށް ބޮޑަށް ނުރުހުންވެ ވާހަކަ ދެއްކެވިއިރު، އެންމެ ބޮޑަށް އެކަމާ ހިތްހަމަނުޖެހިފައި ހުންނެވީ ރައީސް ނަޝީދެވެ.
ރައީސް ނަޝީދާއި، ބިލުގެ ދިފާއުގައި އެންމެ ފުރަތަމަ ބަޔާނެއް އާއްމު ކުރީ އެމްޑީޕީގެ ޒުވާނުންގެ ގޮފިންނެވެ. އެއަށްފަހު ޕާޓީގެ އަންހެނުންގެ ރޫހުން ވެސް ބަޔާނެއް އާއްމު ކުރި އެވެ. ދެން ބަޔާން އާއްމުކުރި ޕާޓީގެ އިދާރާތްތަކުގެ ތެރޭގައި ހިމެނެނީ ށ. މިލަންދޫ ދާއިރާ، މާފަންނު އުތުރު ދާއިރާ، އަދި ހެންވޭރު ހުޅަނގު ދާއިރާގެ އިތުރުން ވިލިމާލެ ދާއިރާ އާއި، ގަލޮޅު ދެކުނު ދާއިރާގެ އިތުރުން މައްޗަންގޯޅި އުތުރު ދާއިރާ އަދި މައްޗަންގޯޅި މެދު ދާއިރާ އެވެ.
މި ބަޔާންތަކުގައި ވަނީ އެއް ވާހަކަ އެކެވެ. އޭގެ ތެރޭގައި އެމްޑީޕީއިން އަބަދުވެސް ވަކާލާތުކުރަމުން އަންނަ އެންމެ މުހިއްމު އަސާސަކީ އަނިޔާވެރިކަމާއި ދެކޮޅު ހެދުމާއި ރައްޔިތުންނަށް އިންސާފު ހޯދައިދިނުމުގައި ފަހަތައް ނުޖެހުމާއި ރައްޔިތުންނަށް އޯގާތެރި ސަރުކާރެއް ހޯދައިދިނުންކަމަށް ބުނެފައި ވެއެވެ. ހާއްސަކޮށް އެމްޑީޕީއިން އެންމެ ފަހުން ކާމިޔާބުކުރި ރިޔާސީ އިންތިހާބާއި 2019 ގެ ރައްޔިތުންގެ މަޖްލިސް އިންތިހާބުގައި ވެސް ރައްޔިތުންނަށް ވީ ވައުދު ތަކުގެތެރޭގައި އާއި، ރައްޔިތުން އެކަންކަމަށް ތާއީދުކޮށް ޕާޓީގެ ކެންޑިޑޭޓުންނަށް ވޯޓުދިން ސަބަބުތަކުގެ ތެރޭގައި ގޮތް ނޭންގި ގެއްލުވާލާފައިވާ މީހުންނާއި، މަރާލާފައިވާ މީހުންނަށް އިންސާފު ހޯދަދީ އެފަދަ އަނިޔާވެރި އަމަލުތައް ރާއްޖޭގައި ތަކުރާރުވިޔަ ނުދޭން ފިޔަވަޅު އަޅާނެކަމަށްވީ ވައުދުތައްހިމެނޭ ކަމަށެވެ.
”ސަރުކާރުގެ އިއްތިހާތުގައި ހިމެނޭ ބައެއް ޕާޓީތަކުގެ ސީޔާސީ މަގުސަދުތައް ހާސިލުކުރަން ސަރުކާރުން އިސްކަންދިނުމުގެ ބަދަލުގައި މުޖުތަމައުގައި ނަފްރަތު އުފެއްދުން ހުއްޓުވާ އަނިޔާވެރި އަމަލުތަކާއި ދެކޮޅަށް ފިޔަވަޅު އެޅުމަކީ މިގައުމުގެ މުސްތަގުބަލުގެ ޖީލުތަކަށްޓަކާ ކޮންމެހެން ކުރާންޖެހިފައިވާ ކަމަކަށް ވީހިނދު, އެމްޑީޕީއިން ވެފައިވާ މިފަދަ އެންމެހާ ވައުދުތަކަށް ސަރުކާރުން އިސްކަން ދޭންޖެހޭކަމަށް ރައީސް މުހަންމަދު ނަޝީދާއެކު މިދާއިރާގެ އެންމެހާ ރައްޔިތުން އިއްތިފާގުވެ އެވެ.“ ބަޔާންތައް
މީގެ އިތުރުން ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުއްالله އާއި ޔާމީން ރަޝީދު އަދި ޑރ. އަފްރާޝީމް އަލީ އަނިޔާވެރި ގޮތަކަށް ގަތުލުކުރުމާއި ހަމައަށް ގެންގޮސް، ރައީސް މުހައްމަދު ނަޝީދުގެ ފުރާނަފުޅު ދުއްވާލަން ބޮން ގޮއްވުމާއި ހަމައަށް ވެސް ފެންނާން އޮތީ ބަޔަކު ރޭވުންތެރިކަމާއިއެކު އެފަހަރަކު ސިޔާސީ ގޮތުން ޓާގެޓު ކުރާ ބަޔަކު ފާހަގަކޮށް އެ ބައެއްގެ ބޮލުގައި ވަކި ލޭބަލްތަކެއް އަޅުވައި، އެ މީހުންނާއި މެދު މުޖުތަމައުގައި ނަފްރަތު އުފެއްދުމަށް ދުރާލާ ބަޔަކު މުގުލުގައި ތިބެ ރާވައިގެންކަން ކަމުގައި ސާފުކޮށް ފެންނަން އެބައޮތްކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ.
އެމްޑީޕީގެ ވައުދުތަކާއި އެއްގޮތަށް އެފަދަ އަނިޔާވެރި އަމަލުތައް ހުއްޓުވޭނީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ގާނޫނުލްއުޤޫބާތަށް އިސްލާހު ގެނައުމުގެ ބިލު ފާސްކޮށް, ވަކިވަކި ފަރުދުންނާއިމެދު ނަފްރަތު އުފެއްދުމަކީ ޤާނޫނީކުށަކަށް ހަދައި ގައުމު ވެއްޓިފައިއޮތް މި އަނދަވަޅުން އަރައިގަނެވިގެންކަމީ ސާފުކޮށް ފެންނާން އޮތް ހަގީގަތެއްގެ ގޮތުގައި މި ބަޔާންތަކުގައި ވެއެވެ.
މި ރާއްޖޭގެ ޒުވާނުންގެ މުސްތަގުބަލު ސަލާމަތް ކުރެވެން އޮތީ ވަގުތީ ސިޔާސީ މަންފާއަށްވުރެން ރައްޔިތުންގެ އަސަސީ ހައްގުތައް ހިމާޔަތް ކުރުން އިސްކޮށް އެމްޑީޕީން ރައްޔިތުންނަށް ވިއްކި ވައުދުތައް ފުއްދުން އަވަސްކޮށްގެން ކަމުން ސަރުކާރުން އެމްޑީޕީގެ އަސާސްތަކަށް އިހްތިރާމް ކުރުމަށްވެސް އެ ބަޔާންތަކުގައި ވަނީ ގޮވާލާފައެވެ.

