ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔާގޫތުގެ ކައިރީ ބޮމެއް ގޮއްވާލައި ރައީސް ނަޝީދު އަވަހާރަކޮށްލަން ވެސް މަސައްކަތް ކުރި!

ކުރީގެ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގައި އެމަނިކުފާނުގެ ފައިވާނާއި، ފޯނު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މެދު އޮތް ނަފްރަތާއި ރުޅިވެރިކަމެއްގެ ސަބަބުން އެމަނިކުފާނު އަވަހާރަކޮށްލުމަށް، މ. ޔާގޫތުގެ ކައިރީގައި ވެސް އައިއީޑީއެއް ގޮއްވާލުމަށް ހަމަލާގެ ތުހުމަތުގައި ހައްޔަރު ކުރި މީހުން އެކި ފަހަރު މަތީން މަސައްކަތް ކުރިކަމަށް ފުލުހުން ހާމަކޮށްފި އެވެ.

މ. ޔާގޫތު ގެއަކީ ރައީސް ނަޝީދުގެ އަނބިކަބަލުން މެޑަމް ލައިލާ އަލީގެ ގެކޮޅެވެ.

މިދިޔަ މޭއި މަހުގެ 06 ގައި ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާގެ މައްސަލައިގައި ފުލުހުން ވަނީ މިހާތަނަށް 10 މީހަކު ހައްޔަރުކޮށްފަ އެވެ. މި އެންމެނަކީ ވެސް ހަމަލާ ރާވައި، ބޮން ގޮއްވާލުމުގައި އަމަލީ ގޮތުން ބައިވެރިވީ މީހުންނެވެ. އަދި މީގެ ތެރެއިން 04 މީހެއްގެ މައްޗަށް ދައުވާކޮށްދޭން އެދި ހުށަހަޅާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ އަހުމަދު އަދުހަމް އާއި މުޖާޒް އަހްމަދުގެ އިތުރުން ތަހުމީން އަހްމަދު، އަދި އަހުމަދު ފާތިހު އެވެ.

މައްސަލައިގެ މައުލޫމާތު ހިއްސާކުރުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓަންޓް ކޮމިޝަނާރ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ، ރައީސް ނަޝީދަށް ހަމަލާ ދޭން އެތައް ފަހަރެއްގެ މަތީން މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި ގ. ކެނެރީގެ ސަރަހައްދުގައި ބޮން ގޮއްވާލީ، މީގެ ކުރިން ކުރި މަސައްކަތްތައް ނާކާމިޔާބުވުމުން ކަމަށެވެ.

މިރޭގެ ޕްރެސްގައި ފުލުހުން ވަނީ އައިއީޑީ ހަރުކޮށްފައި ހުރި، ސައިކަލު ހުޅުމާލެއިން މާލެ ގެނައި ގޮތާއި، އަދި ބޮން ގޮއްވާލުމުގެ ކުރިން އެކަމުގައި ބައިވެރިވީ މީހުން ހުޅުމާލެ އާއި މާލޭގެ ތެރޭގައި އުޅުނު ގޮތުގެ ޕްރެޒެންޓޭޝަނެއް ހުށަހަޅާފަ އެވެ.

ރިޔާޒް ވިދާޅުވީ ހަމަލާ ދޭން ބޭނުން ކުރި ސައިކަލަކީ 2019 ވަނަ އަހަރުގެ ތެރޭގައި ގަނެފައިވާ ސައިކަލެއް ކަމަށެވެ. އަދި އެކި ފަހަރު މަތީން އައިއީޑީ ހަރުކޮށް، ގޮއްވާލަން މަސައްކަތް ކުރީވެސް އެ ސައިކަލުގައި ކަމަށެވެ.

ތަހުގީގަށް ހޯދުނު މައުލޫމާތުތަކާއި ގުޅޭގޮތުން ރިޔާޒް ވިދާޅުވީ، ޔަގޫތުގޭ ސަރަހައްދުގައި އައިއީޑީ ގޮއްވާލަން މިދިޔަ އަހަރު ހަތަރު ފަހަރެއްގެ މަތީން މަސައްކަތް ކުރި ކަމަށެވެ. ރިޔާޒް ވިދާޅުވީ ޔާގޫތުގެ ކައިރިން ބޮން ގޮއްވާލަން މަސައްކަތް ކުރިއިރު އެ މީހުން ތިބީ ޖާނުން ފިދާވާން ވެސް ތައްޔާރަށެވެ. ނަމަވެސް އެކަން ނާކާމިޔާބު ވީ އެ ސަރަހައްދުން ހަމަލާ ދިނުމުގައި ދަތިތަކެއް ހުރުމުންކަމަށް ރިޔާޒް ވިދާޅުވި އެވެ. އެހެންވެ ކޮންމެ ފަހަރަކު ވެސް ސައިކަލުން އައިއީޑީ ނަގައި އެ ޑިސްޕޯޒް ކުރަނީ އެވެ.

އެ ރޭވުންތައް ނާކާމިޔާބު ވުމުން ދެން އެ މީހުން މަސައްކަތް ކުރީ، ރައީސް ނަޝީދު އާއްމުކޮށް ގެެއިން ނިކުންނަވާ ގަޑިތައް ބަލައި އެފަދަ ގަޑިއެއްގައި ހަމަލާ ދިނުމަށެވެ. އެގޮތުން ރައީސް ނަޝީދު ކަސްރަތު ކުރެއްވުމަށް ނިކުންނަވާ ގަޑިއާއި ދިމާކޮށް، މޭރީ ބްރައުން ސަރަހައްދުގައި ސައިކަލު ބަހައްޓައި އެ ގޮއްވާލަން މަސައްކަތް ކުރި އެވެ. ފުޅާ ދާއިރާއެއްގައި އެކަމުގެ ބަހުސްތަކާއި މަޝްވަރާ ކުރުމަށްފަހު، މޭރީ ބްރައުން ސަރަހައްދުގައި އައިއީޑީ ގޮއްވާ ނުލަން ނިންމީ ބޭނުންވާ ގޮތަށް އެކަން ނުކުރެވިދާނެކަމަށް އެ މީހުންނަށް ގަބޫލު ކުރެވިގެންކަމަށް ރިޔާޒް ވިދާޅުވި އެވެ.

ގ. ކެނެރީގެ ސަރަހައްދުން ނީލޯފަރު މަގުގައި އައިއީޑީ ގޮއްވާލުމުގެ މަޝްވަރާތައް ފަށައި، އެކަމުގެ ޕްލޭންތައް ކުރިޔަށް ގެންދިޔައީ މާޗު މަހުގެ ތެރޭގަ އެވެ. އެގޮތުން އެކަމަށް ބޭނުންވާ ސައިކަލު ހުޅުމާލޭގެ ގަރާޖަކުން ސާވިސް ކުރުމަށްފަހު، މާލެ ގެނައި ބޮން ހަރުކޮށްގެންނެވެ. އަދި މާލެ އައިއިރު އާއްމުކޮށް މީހުން ސައިކަލު ދުއްވައި ނޫޅޭ ރޫޓުތައް ބޭނުންކޮށްފައިވާކަން ފާހަގަ ކުރެވުނުކަމަށް ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވީ ހަމަލާ ދިނުމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންނަކީ، ރައީސް ނަޝީދާއި މެދު ނުބައި ރުޅިވެރިކަމަކާއި ނަފްރަތެއް ގެންގުޅޭ ބައެކެވެ. އަދި އެ މީހުން ދެކެމުން އައީ ރައީސް ނަޝީދަކީ ދީނުން ބޭރުވެފައިވާ ބޭފުޅެއްގެ ގޮތުގަ އެވެ.

މައްސަލައިގެ ތުހުމަތަށް ފުލުހުންގެ ބަންދުގައި މިވަގުތު ދެން ތިބީ އެއީ ނ. މަނަދޫ، ނޫރީގެ އަލީ ހައިޝަމް އާއި މ. ކުދެހިގެ، އިސްހާގު އާއި ގއ. ވިލިގިލި ހުދުރުވާގެ، ފަހުމީ އަލީ އާއި އއ. މާޅޮސް އަސަރީގެ، މުހައްމަދު ނާޒިމް އާއި ހއ. މޮޅަދޫ ބަހާރުގޭ، އަބްދުﷲ އަލިމަނިކުގެ އިތުރުން ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްމީނެވެ. މީގެ ތެރެއިން އަލިމަނިކަކީ ހިމަންދޫ ހަމަނުޖެހުމުގެ މައްސަލައިގައި ހައްޔަރުކޮށް، ޖަލު ހުކުމެއް އިއްވާފައިވާ މީހެކެވެ.

ތަސްމީނަކީ މި އެންމެން އެއްކޮށް، ރައީސް ނަޝީދަކީ އަވަހާރަކޮށްލަން ޖެހޭ ބޭފުޅެއްގެ ގޮތުގައި އެހެން މީހުންގެ ސިކުނޑިތަކަށް ވައްދައި ސެލް އުފެއްދި މީހާ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: