ތިމާގެ އަމިއްލަ އާއިލާއާއި، އަމިއްލަ މީހާގެ ރައްކާތެރިކަމާއި، މުޅި މުޖުތަމައުގެ ރައްކާތެރި ކަމަށްޓަކައި އަވަހަށް ވެކްސިން ޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އިލްތިމާސް ކުރައްވައިފިއެވެ.
މިއަދު ފަށާފައިވާ ވެކްސިން ޕްރޮގުރާމުގައި ބައިވެރިވުމަށް ދިވެހި ރައްޔިތުންނަށް އިލްތިމާސް ކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ކުރެއްވި ޓްވީޓުގައި ވިދާޅުވީ އެތައް މަހެއް ވާންދެން ތަކުލީފާއި ބުރަ އުފުލުމަށް ފަހު، އާންމު ދިރިއުޅުމަކަށް ދިއުމަށް ޓަކައި، ވިޔަފާރިތައް ހިންގައިގަތުމަށް ޓަކައި އަދި އާއިލާއާއި ރައްޓެހީންނާ އެކުގައި ވުމަށް މަގުފަހިކޮށްދޭ ކޯވިޑް ވެކްސިން މިހާރު މިވަނީ ލިބިފައި ކަމަށެވެ.
ހުރިހާ ރައްޔިތުންގެވެސް އަމާޒަކަށްވާންވީ ތިމާގެ އަމިއްލަ ރައްކަލަށާއި، އާއިލާއާއި، މުޖުތަމައުގެ ރައްކަލަށްޓަކައި އަވަހަށް ވެކްސިން ޖެއްސެވުންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ލިބިފައިމިވާ ފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ.

