ދެ ގައުމަކުން ރާއްޖެއަށް ކަނޑައެޅި އާ ސަފީރުން، ސަފީރުކަމުގެ ފަތްކޮޅު ރައީސް އަަށް އަރުވައިފިއެވެ.
އެގޮތުން ރުވާންޑާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައިވާ އައު ސަފީރު ޖެކުއަލިން މުކަންގިރާ، އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް މިއަދު ވަނީ އަރުވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުކުރީގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ރުވާންޑާގެ އައު ސަފީރަށް ރައީސް ސޯލިހު ވަނީ މަރުހަބާ ދަންނަވާފައެވެ.
މި ބައްދަލުކުރެއްވުމުގައި، ދެބޭފުޅުން ވަނީ ރާއްޖެއާއި ރުވާންޑާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި، ރުވާންޑާގެ ސަފީރުގެ ދައުރުގައި މި ގުޅުންތައް އިތުރަށް ބަދަހިވެގެން ދިއުމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރުވާންޑާގެ ސަފީރުގެ ވާހަކަފުޅުގައި ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ރުވާންޑާގެ ރައީސް ޕޯލް ކަގާމޭގެ ފަރާތުން ހެޔޮއެދުންތައް އަރިސްކޮށްފައެވެ. އަދި، އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހޮވި ވަޑައިގަންނަވާފައިވާތީ އެކަމަށް މަރުހަބާ ދެންނެވިއެވެ.
އޭގެ އިތުރުން، ދެ ގައުމުން އިސްކަންދޭ މުހިންމު ދާއިރާތަކުން ގުޅިގެން ކުރަމުންދާ މަސައްކަތްތައް އިތުރުކުރުމުގެ ޝައުގުވެރިކަން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުން ނިންމަވައިލައްވަމުން ރުވާންޑާގެ ރައީސް ޕޯލް ކަގާމޭއަށް ރައީސުލްޖުމްހޫރިއްޔާ ހެޔޮއެދުންތައް ފޮނުއްވިއެވެ. އަދި، ރައީސުލްޖުމްހޫރިއްޔާއާ ރުވާންޑާގެ އައު ސަފީރު ދެއްކެވި ވާހަކަފުޅުގައި ދެ ގައުމުގެ ދެމެދު ޒަމާނުއްސުރެ އޮންނަ ގާތް ގުޅުން ކުރިމަގުގައި އިތުރަށް ބަދަހިކޮށް ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ފާހަގަ ކުރެެއްވިއެވެ.
މީގެ އިތުރުން ޖަރުމަނު ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ހިޒް އެކްސެލެންސީ ހޮލްގަރ ލޯތަރ ސިއުބަރޓް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސް ޞާލިޙަށް މިއަދު ވަނީ އަރުވާފައެވެ.
މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުވުމަށްފަހު، ޖަރުމަނުގެ އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެމަނިކުފާނު ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން މަރުޙަބާ ވިދާޅުވިއެވެ. އަދި، އެމަނިކުފާނުގެ ސަފީރުގެ ދައުރުގައި ރާއްޖެއާ ޖަރުމަނާ ދެމެދުގައިވާ އެކުވެރި ވަރުގަދަ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމުގައި ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ޖަރުމަނަކީ ރާއްޖޭގެ ތަރައްޤީއަށް މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވައި، ފާއިތުވި އަހަރުތަކުގައި ޖަރުމަނުން ރާއްޖެއަށް ވެދެއްވާފައިވާ އެހީތެރިކަމަށް ޝުކުރުއަދާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި ޖަރުމަނުގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާއި، ޖަރުމަނާ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައިވެއެވެ. މިގޮތުން، ދެބޭފުޅުން ވަނީ ބައިނަލްއަޤްވާމީ ގުޅުންތައް ވަރުގަދަކުރުމާއި ގުޅޭގޮތުންނާއި، މަސްވެރިކަމުގެ ދާއިރާއާއި، އިޤްތިޞާދީ ދާއިރާއާއި، ޞިއްޙީ ދާއިރާ އަދި، ތަޢުލީމީ ދާއިރާއާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ.
މީގެ އިތުރުން ވެސް ދެބެފުޅުން ވަނީ ދެ ޤައުމުގެ ކޮވިޑް-19 ގެ އެންމެ ފަހުގެ ޙާލާތާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މިގޮތުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ސަރުކާރުގެ އަމާޒަކީ ވަކި ޤައުމެއްގެ ރައްޔިތުން ތަފާތުކުރުމެއް ނެތި ރާއްޖޭގައި ދިރިއުޅޭ އާބާދީގެ އެންމެނަށް ވެކްސިން ޖަހާ ނިންމާނެ ކަމުގައި ވިދާޅުވެފައެވެ.
ޖަރުމަނުގެ ސަފީރު ވަނީ، އެމަނިކުފާނަށް މަރުޙަބާ ވިދާޅުވުމުން ޝުކުރު އަދާކުރައްވައި، ޖަރުމަނުގެ ފަރާތުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުކަމުގެ މަޤާމާއި ހަވާލުވެވަޑައިގަތުމަކީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޝަރަފެއްކަމުގައި ސިފަކުރައްވައިފައެވެ. މީގެއިތުރުން އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވިއެވެ.

