ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީން އަސްލު މިޖަހަނީ ކޮން ސަކަރާތެއް؟

އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި ރައީސް މުހައްމަދު ނަޝީދާއި، ރައީސް ސޯލިހު/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ސިޔާސީ ތާރީހުގައި އެންމެ ދޮށީ ޕާޓީއަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އެވެ. އަދި ސިޔާސީ މައިދާނުގައި އުފެދޭ އެހެން ޕާޓީތައް ރޫޅި ނެތިފައިވާތަނާއި، ނެތެމުންދާތަނާއި، އެޕާޓީތަކުގެ ފިކުރު ބަދަލުވާތަންވެސް ފެންނަމުންދާއިރުވެސް، އެމްޑީޕީގެ ފިކުރަކަށް ބަދަލެއް ނާދެއެވެ. 2005 ވަނަ އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހުން ފެށިގެން އެޕާޓީގެ ”ރަން ރީނދޫ ލަޝްކަރު“ ގަދަފަދަވެ. އެ ވާހަކަތައް ދެކެވެމުންދާތާ މިހާރަށް މިވަނީ 16 އަހަރެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދިގު 30 އަހަރުގެ އަނިޔާވެރި ވެރިކަމާއި ދެކޮޅަށް ނުކުމެ ވެރިކަން ބަދަލުކޮށްލީ އެމްޑީޕީ އެވެ. އަދި އެއަށްފަހު އެމްޑީޕީން ގެނައި ފިކުރާއި އެމްޑީޕީގެ ރޫހަކަށް ބަދަލެއް ނައެވެ. ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ސިފަކުރައްވާ ގޮތަށް އެމްޑީޕީގެ ފިކުރަކީ ފޮހެވިގެން ނުދާނެ ފިކުރެކެވެ. އަދި އެއީ ހިތާއި ހިތުގެ ގުޅުމަކުން ގުޅިފައިވާ ޕާޓީ އެކެވެ.

ނަމަވެސް ފާއިތުވި އަހަރުތަކުގައިވެސް އެޕާޓީގެ އެތެރެއިން ގިނަ ހަމަނުޖެހުންތަކަކާއި މައްސަލަތަކެއް އުފެދިފައިވެއެވެ. އިސް މަގާމުތަކުގައި ހުރެ އެޕާޓީން ގެންނެވި ކެނޑިޑޭޓް ރައީސް ނަޝީދުގެ މަގާމަށް އަންނަން އުޅުނު ކޮންމެ މީހަކުވެސް އެޕާޓީން މަޑުމަޑުން އެއް ފަރާތް ކޮށްފައިވެއެވެ. އެހެން ނަމަވެސް އެވަރުންވެސް އަދި އެމްޑީޕީގެ ރޫހަކަށް ބަދަލެއް ނާދެއެވެ. އެޕާޓީން ގެނައި ފިކުރު ހަމަ އޮތްގޮތަށް ދެމިއޮތެވެ. ޕާޓީގެ ކުލައަކަށް ފަނޑުކަމެއް ނާދެ އެވެ.

ކުލަވަރު ބަދަލުވާންފެށީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި ރައީސް ނަޝީދުގެ ދެމެދުގައި ޖެހުނު މައްސަލައަކުންނެވެ. ސޯޝަލް މީޑިއާގައި އަޑުތައް ފެތުރޭގޮތުން މިއީ އެ ދެބޭފުޅުންގެ ދެމެދުގައި ޖެހުނު ޒާތީ މައްސަލައަކާއި ގުޅިގެންނޭ ކިޔާ އަޑު އިވެއެވެ. އަދި ރައީސް ނަޝީދު ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަން ބަދަލުކުރުމަށްޓަކައި ބޮޑުވަޒީރުކަމަށް އައުމަށް ރައީސް ޞާލިހު ދެކޮޅު ހެދުމުންކަމަށްވެސް ވާހަކަތައް ކިޔާ އަޑު އިވެއެވެ. ދެން އިވެނީ މިއީ ރައީސް ޞާލިހް ސަރުކާރު ހިންގަވަމުން ގެންދަވާ ގޮތް ކަމުނުދާތީ ހިތްހަމަނުޖެހުމުން ގުޅިގެން ޖެހުނު މައްސަލައެއްކަމުގަ އެވެ. އަދި އެމްޑީޕީގެ އަސާސްތަކާއި، ގަވާއިދުތަކާއި އުސޫލާއި ހިލާފުވެ ވަޑައިގެން ސަރުކާރު ހިންގަވަމުން ގެންދާތީކަމަށް ވާހަކަދެކެވެ އެވެ.

އެހެންނަމަވެސް ނުދެކެވޭ ވާހަކަތަކަކީ އއ. އުކުޅަހުގައި އެމްޑީޕީން ބޭއްވި ”އާދަޔާ ހިލާފު“ ކޮންގްރެސްގައި އެޕާޓީގެ އިސް މެމްބަރުންނާއި ރައީސް ނަޝީދު އިސްކޮށް ހުންނަވައިގެން ކަނޑައެޅި ޑީލުގެ ވާހަކަތަކެކެވެ. 2018 ވަނަ އަހަރުގައި ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދަށްކޮށްފައިވާ ހުކުމްގެ ސަބަބުން އެ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު އެމަނިކުފާނަށް ގެއްލުނެވެ. އެހެންނަމަވެސް އެ ކޮންގްރެސްގައި އެމަނިކުފާނު ވަނީ ރައީސް ޞާލިހަށް ރައީސްކަމަށް ކުރިމަތިލުމުގެ ޓިކެޓު ހޯއްދަވައިދެއްވާފަ އެވެ.

މި ޑީލުގައި ރައީސް ޞާލިހަށް ދީފައި ވަނީ އިންތިގާލީ ވެރިކަމުގެ ޓިކެޓެއްކަމަށް ވާހަކަ ދެކެވެ އެވެ. އަދި ރައީސްކަމުގެ މަގާމަށް ރައީސް ނަޝީދަށް އާދެވޭނެ މަގު ހޯދަވަން އެމަނިކުފާނު ބޭނުން ވެ އެވެ.

މި ވާހަކަ އެމަނިކުފާނު ވަނީ ޖަޒީރާ ރާއްޖޭގެ ކެމްޕެއިންގެ ތެރެއިންވެސް ވިދާޅުވެފައެވެ. ހަމައެހެންމެ އެމްޑީޕީއަށް ރާއްޖޭގެ ވެރިކަން ލިބުނުތާ ބަރާބަރު 2 އަހަރުވެސް ފުރިފައިވާއިރު، އެއްބަސްވެފައިވާ އުސޫލުތަކެކޭ އެއްފަދައިން މިއީ ރައީސް ނަޝީދަށް ވެރިކަން ލިބެންޖެހޭ ދުވަސްވަރެވެ.

އެހެންނަމަވެސް މިއަދު މިފެންނަ މަންޒަރުތަކަކީ ތަފާތު މަންޒަރުތަކެކެވެ. ސިޔާސީ ކޯޅުންގަނޑުގެ ތެރޭގައި ދެކެވޭ ވާހަކަތަކަކީ، މިއީ ދެފަރާތުންވެސް ބާރުގެ ބޭނުމުގައި ކުރަމުން ގެންދާ ކަންތައްތަކެއް ކަމަށެވެ. އަދި ރައީސް ނަޝީދުގެ ފެކްޝަނުން ވަނީ މިއީ ރައީސް ޞާލިހް ވެވަޑައިގެންނެވި ބަގަޣާވާތުގެ އަމަލެއްކަމަށް އެމަނިކުފާނަށް ތުހުމަތުކޮށްފައެވެ.

ކަން މިހާހިސާބަށް ދިއުމުން އެމްޑީޕީގެ ފިކުރާއި އެއްބައިވަންތަކަން ބެހިގެން ދިޔައީ ދެ ފިކުރަކަށްށެވެ. ދެ ބެސްޓްފްރެންޑުންގެ ގޮތުގައި ތިއްބެވި ބޭފުޅުން މިވަގުތު ދެ ހަތުރުންނަށް ވެފައިވާކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

މިހެން މިކަންވާއިރު ރައީސް ސޯލިހް މިހާރު އަދާލަތު ޕާޓީގެ މެންބަރަކަށް ނުވާކަންވެސް ޔަގީން ނުވާކަމަށް ބުނެ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ވިދާޅުވި ވާހަކައާއި ގުޅިގެން ރައީސް ވަނީ އެމަނިކުފާނު މިހާރު އެމްޑީޕީގެ މެމްބަރަކަށް ނުވަނީތޯ ސުވާލު ކުރައްވައިފައެވެ. އަދި އެމަނިކުފާނަކީ އެމްޑީޕީގެ އެންމެ އިސް ލީޑަރު ކަމަށާ ޕާޓީގެ ތެރޭގައި ބައިބައިވުން އުފެދޭނެ ފަދަ ކަންކަން ކުރުމަށް ފުރުސަތެއް ދީގެން ނުވާނެ ކަމަށް ރައީސް ޞާލިހް ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް މިއީ އިއްޔެއަކު މިއަދަކު ފެށިގެން އުޅޭ ދެބައިވުމެއް ނޫނެވެ. ހަގީގަތަށް ދަންނަވާނަމަ ޕާޓީގެ އެންމެ މުގުލުގައި އަލިފާން ރޯވާން ފެށިތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ.

އެމްޑީޕީގައި ހިޔާލު ތަފާތުވުމާއި މެމްބަރުންގެ މެދުގައި ކޯޅުންތަކެއް އުފެދިފައިވާއިރު، ދެން ހިނގައިދިޔަ ކަމަކީ ގަބޫލުކުރަންވެސް އުނދަގޫވި ކަމެކެވެ. ރައީސް ނަޝީދު ކުރީގެ ރައީސް ޔާމިން ޢަބްދުލްޤައްޔޫމާއި ގުޅިގެން މަސައްކަތްކުރައްވަން ބޭނުންވާކަމަށް ބުނުމެވެ. ނަމަވެސް އެކަމަށް އިދިކޮޅުން ބުނީ، އެއްވެސް ޝައުގެއް ނެތް ކަމަށެވެ.  ދެޕާޓީގެ ސިޔާސަތު އުޑާއި ބިމާހައި ތަފާތުވާއިރު، ދެޕާޓީ އެއްކޮށް މަސައްކަތް ކުރުމަކީ ކިހިނެއް ވާނެ ކަމެއްކަމާއިމެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދައި ފާޑުކިޔަމުންނެވެ.

އިދިކޮޅުގެ ބައެއް އިސް މެމްބަރުން ވިދާޅުވަނީ ރައީސް ނަޝީދު ޕީޕީއެމްއާއި ގުޅިވަޑައިގެންފިނަމަ ޕާޓީއަކުވެސް ނުހުންނާނެކަމަށެވެ. އަދި ޕާޓީގައި އުފެދޭ މައްސަލަތައް އަމިއްލައަށް ހައްލުކުރުމަށާއި، މި މައްސަލައިގެ ދެމެދަށް ޕީޕީއެމް ނުވެއްދުމަށް އެޕާޓީން ދަނީ ތަކުރާރުކޮށް ގޮވާލަމުންނެވެ. ހަމައެހެންމެ އެމްޑީޕީގެ މައްސަލަތައް ހައްލުކުރުމަކަށް ޕީޕީއެމްއަކުން ނުދާނެކަމަށް އެޕާޓީގެ މެމްބަރުން ދަނީ ފާޅުގައި ބުނަމުންނެވެ.

ރައީސް ނަޝީދު ކުރަންވީ މަސައްކަތަކީ އެންމެ ފުރަތަމަ ގާތް އެކުވެރިޔާއާއި ޖެހުނު މައްސަލަ ހައްލުކޮށް ޕާޓީގައި ހުރި ކުނި ސާފު ކުރުންކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު ވަނީ ވިދާޅުވެފައެވެ. ޝަރީފްވެސް ވިދާޅުވީ މިއީ ބާރުގެ ބޭނުމުގައި ކުރެވުނު މަސައްކަތެއްގެ ތެރެއިން އުފެއްދުނު ދެބަސްވުމެއްކަމަށެވެ. އަދި އެމްޑީޕީގެ އެތެރޭގެ މައްސަލައިގެ ތެރެއަށް ޕީޕީއެމްއާއި ޕީއެންސީން ނުވަންނާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ދެއްވި ރައްދުގައި ވިދާޅުވީ ޕީޕީއެމްއާއި ޕީއެންސީ އަށް ރަނގަޅު ގޮތް ނިންމާނީ އެޕާޓީންކަމަށެވެ. އަދި އެއީ އެހެން ޕާޓީއެއްގެ ރައީސެއް ނުވަތަ އެހެން ޕާޓީއެއްގައިވާ ބާރެއް ނޫންކަމަށާއި އެހެން ބައެއްގެ ޒިންމާ ނޫނީ ހައްގެއް ނޫން ކަމަށްވެސް ޝިޔާމް ވަނީ ވިދާޅުވެފައެވެ. 

މިކަމާއި ގުޅިގެން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ ރައީސް ނަޝީދު ދެއްކެވި ވާހަކަތަކަކީ ރައީސް ޔާމީންއާއި އެކު އިންތިހާބެއް ކާމިޔާބު ކުރާ ވާހަކައެއް ނޫންކަމަށާއި، އެއީ ގައުމީ މަސްލަހަތު ހިމެނޭ ކަންކަމުގައި އެއްބައިވުންކަމުގައެވެ.

މިހާރު ދެން މިއޮތީ މި ބާބު ނިމެން ކައިރިވެފަ އެވެ. އަންނަ މަހުގެ ތެރެއިން ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނެކަމަށް ވާހަކަތައް ދެކެވޭއިރު، ޕާޓީތަކުގެ ކޯޅުމާއި ހިޔާލުތަފާތުވުންތައް ކޮންމެވެސް އެއްގޮތަކަށް ނިމޭނެކަމަށް ބެލެވެއެވެ. މިކަން ހިނގާދާނެހެން ހީވަނީ ދެގޮތަކަށްށެވެ. އެއްގޮތަކީ ރައީސް ޞާލިހްގެ ފެކްޝަން ޕާޓީން ދުރުކުރުމެވެ. ނޫނީ ރައީސް ނަޝީދުގެ ފެކްޝަން އެމްޑީޕީން ވަކިވުމެވެ. ވާނެހެން އެންމެ ހީނުވާ ކަމަކީ ދެބޭފުޅުން އެކީގައި އަލުން މަސައްކަތް ކުރުމެވެ. ޕާޓީގެ މެދުގައި ބޮޑެތި ހިޔާލު ތަފާތުވުންތަކެއް ހިނގާއިރު، ކުރިއަށް އޮތީވެސް ގައުމީ މަޖިލިސްގެ އިންތިހާބެވެ. އެ އިންތިހާބަށްވެސް ހިޔާލުތަފާތުވުންތަކާއި ކޯޅުންތައް އަދި އޮތީއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: