މިއަދު ދިވެހީންނަށް އާދެވިފައި މިވާ ހިސާބަށް އާދެވިފައި މިވަނީ، އުއްމީދު ނަގާނުލައި، ބިރުފަހަނާޅައި ގޮސް، އެކަކު އަނެކަކުގެ ކިބައިން ހިތްވަރު ހޯދައި ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުންކަމަށް ވެރިކަން ކުރާ އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީން މިހެން ބުނެފައިވަނީ 2004 ވަނަ އަހަރުގެ އޯގަސްޓް 12،13 ގެ ޙާދިސާއަށް 17 އަހަރު ފުރުން ފާހަގަކޮށް ނެރުނު ބަޔާނެއްގައެވެ.
އެ ބަޔާނުގައި ބުނީ 2004 ވަނަ އަހަރުގެ އޯގަސްޓް 12، 13 ގައި ޖުމްހޫރީ މައިދާނަށް ސުލްޙަވެރިކަމާއެކު ގިނަ އަދަދަކަށް ރައްޔިތުން އެއްވެފައިވަނީ، ޖަލުތަކުގައި ހައްޔަރުކޮށްފައިވާ ސިޔާސީ ޤައިދީން މިނިވަންކުރުމަށާއި، ރާއްޖޭއަށް އިސްލާޙީ ބަދަލުތަކާއި ޑިމޮކްރެސީ ގެނައުމަށް ސަރުކާރަށް ގޮވާލުމަށް ކަމަށެވެ.
އެގޮތުން މިއީ އެއިރު ރައްޔިތުން މިގޮތަށް އެންމެ ގިނަ އަދަދަކަށް އެއްވި ފުރަތަމަ ފަހަރު ކަމަށާއި މި ސުލްޙަވެރި އެއްވުން ދެމިގެން ދަނިކޮށް ސަރުކާރުން އޯޑަރުކޮށްގެން ކުއްލިއަކަށް ހަތިޔާރުއެޅި ސިފައިން ނުކުމެ، އެއްވެފައި ތިބި މީހުންނާ ދިމާލަށް ދުއްވައިގަނެ އެމީހުންގެ ގައިގާ މުގުރުންނާއި ބޫޓުން ތަޅައި، ކަރުނަ ގޭސް ޖަހައި، އެ އެއްވުން އަނިޔާވެރިގޮތަކަށް ރޫޅާލައި ގިނަ އަދަދެއްގެ ރައްޔިތުންތަކެއް ހައްޔަރުކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.
އަދި ޖަލަށް ލުމަށްފަހުގައި ވެސް އަނިޔާކޮށްފައިވާ ކަމަށާއި މީގެ ތެރޭގައި އަންހެނުންނާއި ގިނަ އަދަދެއްގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ސިޔާސީ ބޭފުޅުން ހިމެނޭ ކަމަށް ބުނެފައިވެއެވެ.
މި ޙާދިސާއާ ގުޅިގެން، ސަރުކާރުން ކުއްލި ނުރައްކަލުގެ ޙާލަތު ޢިއުލާނުކޮށް، އަސާސީ ޙައްޤުތައް އިތުރަށް ހިފެހެއްޓުމަށް ސަރުކާރުން ފުރުސަތު ހޯދާފައިވާ ކަމަށާއި އެހެން ޚުދުމުހުތާރު ޤައުމުތަކެކޭ އެއްފަދައިން، ދައުލަތުގެ މީޑިއާއިން ސަރުކާރުގެ ޕްރޮޕަގެންޑާ ފެތުރުން ކުރިއަށް ގެންގޮސްފައިވާއިރު، އެނޫން ޚަބަރުތައް ފެތުރުން ހުއްޓުވައި އިންޓަރނެޓާއި އެސްއެމްއެސްގެ ޚިދުމަތްތައް ސަރުކާރުން ކަނޑައިލާފައިވާ ކަމަށް އެމްޑީޕީން ބުނެއެވެ.
”މިއަދު ދިވެހީންނަށް އާދެވިފައި މިވާ ހިސާބަށް އާދެވިފައި މިވަނީ، އުއްމީދު ނަގާނުލައި، ބިރުފަހަނާޅައި ގޮސް، އެކަކު އަނެކަކުގެ ކިބައިން ހިތްވަރު ހޯދައި ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުންނެވެ. އެގޮތުން އިސްލާމީ އަދި ޑިމޮކްރެސީގެ އުސޫލުތަކާއި ސިޔާސީ އަދި ފަރުދީ މިނިވަންކަމާއި އަސާސީ ޙައްޤުތަކާއި، ދިރިހުރުމުގެ ޙައްޤުގެ މައްޗަށް އެކުލެވޭ ޤާނޫނުއަސާސީ އެއް 2008 ވަނަ އަހަރު ހޯދިފައިވެއެވެ“ އެ ބަޔާނުގައި ވެއެވެ.
އެގޮތުން މި އަސާސްތަކުގެ މައްޗަށް ބިނާވެ، އަށަގެނެ، އަޙުލުވެރިވެފައިވާ މުޖުތަމަޢުއެއް ޤާއިމުކުރުމުގެ މަސައްކަތް ކުރުމުގައި ދައުލަތާއި ރައްޔިތުން އަބަދުމެ ސާބިތުކަމާ އެކު ތިބުމުގެ މުޙިއްމުކަން ބޮޑުކަން އެމްޑީޕީން ފާހަގަކުރެއެވެ.

