މޭ 6ގެ ހަމަލާ ރޭވި މީހުން ހައްޔަރު ނުކުރަނީސް ރާއްޖެ ދިއުމަށް ޖެހިލުންވާކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ހަމަލާ ގުޅިގެން ލިބުނު ޒަހަމްތަކަށް އިތުރު ފަރުވާ ހޯއްދަވަން މިވަގުތު އިނގިރޭސިވިލާތުގައި ހުންނެވި ރައީސް ނަޝީދު މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ އަށް ފޮނުއްވި ސިޓީއެއް މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަމީންއާންމު ވަނީ އިއްވާފަ އެވެ.
ސިޓީގައި ބުނެފައިވަނީ އެ ސިޓީއަކީ ސަރުކާރާއި ދައުލަތުގެ އިދާރާއަކާ ”ނުރުހިގެން“ ފޮނުވާ ސިޓީއެއް ނޫންކަމަށާއި މިއީ މިވަގުތުގެ ހާލަތަށް ރިއާޔަތްކޮށް އިހުލާސްތެރިކަމާ އެކު ދަންނަވާ ދެންނެވުމެއް ކަމަށެވެ.
ސިޓީގައި ރައީސް ނަޝިދު ވަނީ އެމަނިކުފާނަށް އަމާޒުކޮށް ދިން ހަމަލާ ރާވާ ހިންގި ފަރާތްތަކުގެ ތަހުގީގު އަދި ނުނިމޭކަމަށް ފުލުހުން ބުނެފައިވާކަން ފާހަގަކޮށްފައެވެ.
”ހައެއް މޭ 2021 ވަނަ ދުވަހު އަޅުގަނޑަށް ދިން ހަމަލާ ރާވައި ހިންގި ފަރާތްތަކުގެ ތަހުގީގު އަދި ނުނިމި ކުރިއަށްދާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނޭ. އެ ތަހުގީގު ނިމި އެކަން ރާވައި ހިންގި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެވި ހައްޔަރުކުރުމުގެ ކުރީގައި އަޅުގަނޑު ރާއްޖެ ދިއުމަކީ އަޅުގަނޑުގެ އާއިލާއާއި އަޅުގަނޑަށް ހެޔޮއެދޭ އެތައްބައެއް އަދި އަޅުގަނޑު ވެސް ޖެހިލުންވާ ކަމެއް،“ ރައީސް ނަޝީދުގެ ސިޓީގައިވެ އެވެ.
އެހެންކަމުން އެމަނިކުފާނުގެ ޗުއްޓީ އިތުރުކޮށްދެއްވައި ރާއްޖެއިން ބޭރުގައި ހުރެވޭނެ ގޮތަށް ކަންކަން މަގުފަހިކޮށްދެއްވުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފަ އެވެ. އަދި ރާއްޖެއިން ބޭރުގައި ހުންނަވާއިރު ދައުލަތަށް ހިދުމަތް ކުރުމުގައި މަސައްކަތް ކުރައްވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

