ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސައީދު އަމީރުއަށް: ”އިމާރާތްތައް ކުރަނީ ރަހުނު ތޯ، ނޫނީ ހިބަކޮށް ދެނީ ތޯ؟“!

މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބްރައީސް މުހައްމަދު ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އިމާރާތްތައް ރަހުނުކޮށްގެން ނަގާ ލޯނު ފައިސާއަށް ސަރުކާރުން ކުރާކަމެއް، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސާފުކޮށްދޭން ޖެހޭކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ ބައެއް ބިންތައް ރަހުނުކޮށްގެން ދަރަންޏަށް ފައިސާ ހޯދަން އުޅޭކަމަށް މީޑިއާތަކުން ދަނީ ރިޕޯޓު ކުރަމުންނެވެ. ނަމަވެސް އެ ވާހަކަތައް ދޮގުކޮށް، ދާދިފަހުން ޓީވީ ޕްރޮގްރާމެއްގައި އަމީރު ރާއްޖޭގައި ހުރި ހަރު މުދާތައް ރަހުނުކޮށް ދަރަންޏަށް ފައިސާ ހޯދުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށެވެ. އި ދައުލަތުގެ ބިންތައް ރަހުނުކުރާ ކަމަށް ދެކެވުނު ވާހަކަތަކާއި އެކު އާއްމުންގެ ނުރުހުން ވަރަށް ބޮޑަށް ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.

ސައީދު މިހެން ވިދާޅުވީ ދައުލަތުގެ ބައެއް ބިންތައް ރަހުނުކޮށްގެން ދަރަންޏަށް ފައިސާ ހޯދަން އުޅޭކަމަށް ދެކެވޭ ވާހަކައަށް، ”ސަންގުޓީވީ“ ގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ފިނޭންސް މިނިސްޓަރު އަމީރު ކުރައްވާ މަސައްކަތްތަކާއި މެދު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދު ވެސް ސުވާލު އުފައްދަވާއިރު އެކަމަށް ސަރުކާރަށް އެޓެންޑު ނުކުރެވެން ވީ ސަބަބެއް ނުވިސްނޭކަމަށް ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ ގޮތުގައި އިމާރާތްތައް ރަހުނު ކުރުން އާއްމުކަމަކަށް ހަދައި، ދައުލަތަށް ފައިސާ ނަގަމުންދާއިރު އެއަށް ދޭންވީ އިތުރު ނަމެއް ނޯންނާނެ އެވެ.

”ފޮތެއްގައި ލިޔެ ރެޖިސްޓްރީކޮށް ބަޔަކަށް ހިބަކޮށް ދެނީތޯ… އަޅުގަނޑަކަށް ނޭނގުނު ހަމަ ވިސްނާ ވިސްނާވެސް މިނިސްޓަރު އަމީރު އެ ދައްކަވާ ވާހަކަފުޅުތައް.. ހަތަރު ބިލިއަން ރުފިޔާ ބޭނުންވެގެން، އެ އުޅުއްވި ދުވަސްވަރު ވިދާޅުވީ އެ ޕްރިންޓެއް ނުކުރަމޭ، ޕްރިންޓެއް ނުކުރަމޭ… ޕްރިންޓު ކުރާކަށް ނޫނޭ މިއުޅެނީކީ.. ދެން ކޮންކަމެއްތޯ އޭ ކުރައްވަނީ“ ސައީދު

ކޮވިޑުގެ ހާލަތާއި އެކު ޑޮލަރުގެ ބާޒާރަށް އައި ބަދަލުތައްކަށް ވެސް ސަމާލުކަން ނުދެއްވައި، އެއީ އިދިކޮޅުން ސަރުކާރާއި ޖައްސާލައިގެން ދެއްކި ވާހަކައެއްގެ ގޮތުގައި އަމީރު ސިފަ ކުރެއްވިކަމަށް ސައީދު ވިދާޅުވި އެވެ. އަދި ރާއްޖޭގެ އިންފްލޭޝަން ރޭޓު އިންތިހާއަށް މަތިވުމުން ވެސް އެއީ، ބައެއް ތަކެތީގެ އަގު މަތިވުންގެ ގޮތުގައި ދައްކަން އަމީރު މަސައްކަތް ކުރެއްވި ކަމަށެވެ.

ސަރުކާރުގެ ވޭތުވެ ދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި 40 ބިލިއަން ރުފިޔާގެ ދަރަނި އުފެދުނީ، ކޮން ކަމަކަށް ހަރުދުކޮށްގެންކަން ސާފުކޮށްދޭން ޖެހޭކަން ފާހަގަކޮށް ސައީދު ވިދާޅުވީ މި ސަރުކާރަށް ހިންގުނު އެއްވެސް މަޝްރޫއުއެއް ނެތް ކަމަށެވެ.

”ރާއްޖޭގެ ރިޒާވް އެބަ ދަށްވޭ… އަމީރު ވިދާޅުވާނެ ރިޒާވް ދަށެއް ނުވެއޭ… އެއީ ސެންޓްރަލް ރިޕޯޓު ނެރުނު މިވެނިކަމެއްގައި އޮތް ކުށެކޭ.. އެއްފަހަރު އެހެން ވިދާޅުވެދާނެ، އަނެއްފަހަރު އެހެން އެއްޗެއް ވިދާޅުވެދާނެ.“ އަމީރު

ސައީދު ގަބޫލު ކުރައްވާ ގޮތުން މިފަދަ މައްސަލައް ބެލޭނެ ރަނގަޅު ނިޒާމެއް ނެތެވެ. ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި އޮތް ސުޕަ މެޖޯރިޓީއާއި އެކު ވެސް، ޖަވާބުދާރީ ކުރުވޭނެ އެއްވެސް ގޮތެއް ނެތުން އެއީ ކަންބޮޑުވާންޖެހޭ ކަމެއްގެ ގޮތުގައި އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ރައްޔިތުންގެ މަސްލަހަތު އޮންނަ ކަންކަމުން ކޯލިޝަން ޕާޓީތަކުން ބޯދަމައިގަންނަނީ އެއީ އެ ޕާޓީތަކާއި މަޝްވަރާ ކުރުމެއް ނެތި ކުރިޔަށް ގެންދާ މަސައްކަތެއްގެ ގޮތުގައި ބުނެ ކަމަށެވެ. އެއަށް ފަހު އެމްޑީޕީން އެކަން އަޅުވަނީ އެހެން ބައެއްގެ ބޮލުގައިކަމަށް ސައީދު ވިދާޅުވި އެވެ.

”އެހެންވީމަ ރާއްޖެއިން އެ ނަގާ ލޯނުތައް ނަގަނީ ކޯޗެއް ދައްކާފައި ތޯ. މޯގޭޖުކޮށްފައި ތޯ… ރަހުނު ތޯ، ކޮންމެވެސް ނަމަކުން… ކޮންމެވެސް ކަމެއްކޮށްފައިތާ އެ ނަގަނީ. އެ ވާހަކަތައްތާ ތިބޭފުޅުން ނޫސްތަކުގައި ތި ލިޔުއްވަނީ..“ ސައީދު

ރާއްޖޭގެ އިގްތިސޯދީ ހާލަތު ދަށްކަމަށާއި، ރާއްޖެ ދަނީ ބަނގުރޫޓުވުމުގެ މިސްރާބަކަށްކަމަށް ސައީދު ވިދާޅުވި އެވެ.

”ދެން ވިދާޅުވާނެ ރާއްޖެ ޑިފޯލްޓަކަށް ނުދާނޭ… ޑިފޯލްޓަކަށް ނުދާނެ ސޮލިއުޝަނަކަށް އޮންނާނީ އަނެއްކާވެސް ބޮރޯ ކުރުން. ނަނެއް ދޫކުރާހެން، ހަމަ ކަމުން، ކަމުން ކަމުން ގޮސް ގޮހޮރަށް. އިންޑިއާއިން އެބަދޭ ލޯނު، އެކަމު އެ ލޯނުން ނެއްޓޭނެ ގޮތެއް ނެތޭ. އިންޑިއާއަށް އެބަ އިނގޭ ބޭނުންވީމަ ބުޅި އެބަ އެޅޭކަން“ ސައީދު

ސައީދު ވިދާޅުވީ އޮލިމްޕަސް އާއި، މާލޭގެ ހަތް ސްކޫލެއް ރަހުނު ކުރިވާހަކަ އެއީ ތެދެއްތޯ ނޫންތޯ އަމީރު ސާފުކޮށްދޭން ޖެހޭ ކަމަށެވެ. އަދި ވެގެން އުޅޭ ގޮތް ރަނގަޅަށް ކިޔައިދޭން ޖެހޭ ކަމަށެވެ.މި ހުރިހާ ކަމެއް ދިމާވާ ސަބަބެއްގެ ގޮތުގައި ސައީދު ވިދާޅުވީ އެމްޑީޕީއަށް ސަރުކާރު ހިންގަން ނޭނގުމެވެ.

ރާއްޖޭގެ އިގްތިސޯދީ ހާލަތާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް، އަދި އިމާރާތްތައް ރަހުނު ކުރަނީތޯ ނުވަތަ އަމީރު ކުރައްވާ ކަމަކީ ކޮބައިތޯ ސާފުކޮށްދިނުމަށް ވަކިން އެއް މޭޒެއްގައި ތިބެގެން ނަމަވެސް މަޝްވަރާތައް ކުރަން ޖެހޭކަމަށް ސައީދުގެ ވާހަކައިގައި ވަނީ ވިދާޅުވެފަވެ.

ރޭގެ ޕްރޮގްރާމުގައިް ސައީދު ވަނީ، ފިނޭންސް މިނިސްޓަރު އަމީރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: