ރާއްޖޭގެ އަމިއްލަ ލޮނު އުފެއްދުމުގެ މަސައްކަތްތައް މި ދައުރުގައި ކުރެވިގެންދާނެކަމަށް އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އިކޮނޮމިކް މިނިސްޓްރީން ކުރިއަށް ގެންދިޔަ ނުސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ސައީދުވަނީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ދިވެހިރާއްޖޭގެ އިގްތިސާދު ނަގާ ކޮޅަށް ޖެހުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވާފައެވެ. މިނިސްޓަރ ވިދާޅުވީ، ރާއްޖެއަކީ ބިޔަ ކަނޑުގެ ސަރަހައްދެއް ލިބިފައިވާ ގައުމެއްކަމަށްވުމުން އެކަމުގެ އެންމެ ފުރިހަމަ ފައިދާ ނަގަން މަސައްކަތްކުރަންޖެހޭނެކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، އެ ވިސްނުމުގެ މަތިން ސަރުކާރުންވަނީ ދިވެހިރާއްޖޭގައި ލޮނު އުފެއްދުމަށްޓަކައި ބިޒްނަސް ސެންޓަރ ކޯޕަރޭޝަނާއި އެ މަސައްކަތްތައް ފެށުމަށް ހަވާލުކޮށްފައިކަމަށާއި ޔޫއެންޑީޕީގެ ރީސާރޗް އެއިޑް އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި ހޯދުމަށްވެސް ސަރުކާރުން މަސައްކަތްކުރެއްވިކަމަށް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، މަސައްކަތްތަކާއި ގުޅޭ ދިރާސާތައް ކުރެވިގެން އައުން މުހިންމުކަމަށާއި ދިރާސާކުރުމުގެ ނަމުގައި އަހަރުތަކެއް ގެއްލުވާލުމަށް ނިޔަތެއް ނެތްކަމަށްވެސް ހިއްސާކުރެއްވިއެވެ. ސައީދު ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ބޭނުނަށް ވަރަށް ކޮލިޓީ ލޮނު އުފައްދަމުންދާކަމަށާއި އާންމު ބޭނުންތަކަށްވެސް އިމްޕޯޓުކުރަމުންދާކަމަށެވެ. އެހެންކަމުން އެ ތަަކެތި ރާއްޖޭގައި އުފެއްދުމަށް ސަރުކާރުން ބޭނުންވާކަމަށްވެސް ވިދާޅުވިއެވެ،.
ސައީދު ވިދާޅުވީ، މި ފަސް އަހަރުގެ ތެރޭގައި ސަރުކާރުން އެކަން ފަހިކުރާނެކަމަށާއި މިވަގުތު މަސައްކަތްތައް ނިމުމަކަށް އަންނާނެ ތާރީހެއް ދެންނެވެން ނެތްނަމަވެސް މަސައްކަތްތައް ކުރެވެމުންދާކަމުގެ ޔަގީންކަން ދެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ، އެކަމުގެ އިތުރުން ރާއްޖެއިންވަނީ ޗައިނާއާއިއެކު ފްރީ ޓްރޭޑް އެއްބަސްވުމެއް ގާއިމުކޮށް އަމަލުކުރަން ފަށާފައިކަމަށެވެ. އަދި އެ އެއްބަސްވުމުގެ ދަށުން ރާއްޖެއިން ޗައިނާއަށް 200 އަށްވުރެ ގިނަ ބާވަތުގެ ސީފުޑް އެއްވެސް ޓެރިފެއް ނެތި އެކްސްޕޯޓުކުރެވޭނެކަަމށެވެ. އަދި ސަރުުކާރުންވާނީ އެހެނިހެން ހުރަސްތައްވެސް ނައްތާލައި އިތުރު ލުއިތައްވެސް އެކަމުގައި ހޯދާފައިކަމަށް ހިއްސާކުރެއްވިއެވެ.
ސައީދު ވިދާޅުވީ، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ފެށުމާއިއެކު އެއްބަސްވުމުގައި ވާގޮތުގެ މަތިން އަމަލުކުރަން ފެށުމުގެ ގޮތުން ކަންކަން ތަންފީޒުކުރެވިގެންދާނެކަމަށެވެ. އެހެންކަމުން އެ ހިސާބުން ފެށިގެން ޗައިނާ އާއި ރާއްޖެ ދެމެދު ގާއިމުކުރެވިފައިވާ ފްރީ ޓްރޭޑް އެއްބަސްވުން އެކްޓިވް ވާނެކަމަށްވެސް ހިއްސާކުރެއްވިއެވެ.

