ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ހަމަޖައްސައިފި އެވެ.
މިއަދުގެ ޖަލްސާގައި މަޖިލީހުގެ ނާއިބް ރައީސް އީވާ އަބްދުﷲ ވިދާޅުވީ މިބަދަލު ގެނައުމަށް ޖޭޕީން ހުށަހަޅާފައިވުމުން، މިއަދުން ފެށިގެން ކޮމިޓީއަށް ބަދަލު ގެނެސްފައިވާކަމަށެވެ.
މީގެ ކުރިން 241 ކޮމިޓީގައި ޖުމްހޫރީ ޕާޓީ ތަމްސީލު ކުރައްވަމުން ގެންދެވީ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު އެވެ. ނަމަވެސް އޭނާ ވަނީ ޖުމްހޫރީ ޕާޓީ ދޫކުރައްވައި މޯލްޑިވްސް ނެޝެނަލް ޕާޓީއާ ގުޅިވަޑައިގެންފައެވެ.
މަޖިލީހުގެ މި ދައުރު ފެށިފަހުން 241 ކޮމިޓީއަށް އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލިޔާސް ލަބީބް ވެސް އަލުން ވަނީ ހަމަޖައްސައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް މިއަދު ފަށާފައިވާއިރު، މަޖިލީހުގެ ދަފްތަރަށާއި، ކޮމިޓީތަކަށް ވަނީ ބަދަލު ތަކެއް އައިސްފައެވެ.
މަޖިލީހުގެ ދަފްތަރަށް ބަދަލުތަކެއް އައިސްފައިވަނީ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްއާއި، ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް، ޖުމްހޫރީ ޕާޓީން ވަކިވެފައިވާކަން އަންގަވައި، މަޖިލީހުގެ ގަވާއިދުގައި ބުނާ ލިޔުންތައް ހުށަހަޅުއްވާފައިވާތީ އެޕާޓީން ވަކިމުންނެވެ.

