ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކިނބިދޫގައި ބޯހިޔާވަހިކަމުގެ ސްކީމެއް ކުރިޔަށް ގެންދަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

އަހަރުގެ ބަޖެޓުގައި ހިމަނައިގެން ބޯހިޔާވަހިކަމުގެ ސްކީމެއް ތ. ކިނބިދޫގައި ކުރިޔަށް ގެންދިއުމުގެ ވިސްނުންފުޅު އެބަހުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ކިނބިދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއެކު މިއަދު މެންދުރުކުރީ އެ ރަށު ޒުވާނުންގެ މަރުކަޒުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން އެ ރަށުގެ ފެނާއި ނަރުދަމާއާއި، ފެން ރައްކާކުރާ ނިޒާމް އަދި ފުޓްސަލް ދަނޑު އެޅުން ފަދަ މަޝްރޫޢުތަކާއިއެކު ސަރުކާރުން ކިނބިދޫގަައި މިހާރުވެސް ގިނަ ތަރައްޤީގެ މަޝްރޫޢުތަކެއް ކުރިޔަށް ގެންދަވާކަމުގައި ކައުންސިލުގެ ރައީސް ޢަލީ ޙުސައިން ފާހަގަކުރައްވައިފިއެވެ.

ކިނބިދޫ ކައުންސިލުން ވަނީ އެރަށުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވައި، އެ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން، އެބޭފުޅުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ބިމުގެ ދަތިކަން ޙައްލުކުރުމަށް ބިން ހިއްކުމާއި، ގިރާ ސަރަޙައްދު ޙިމާޔަތްކުރުމާއި، ވޭމަންޑޫއާ ކިނބިދޫ ކޯޒްވޭއަކުން ގުޅާލުމާއި، ކިނބިދޫގެ އާސާރީ ތަނެއްކަމުގައިވާ ވޭރު ޙިމާޔާތްކުރުމާއި، ކިނބިދޫގައި ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ހިންގުން ހިމެނެއެވެ. މީގެ އިތުރުން ވެސް ކައުންސިލުން ފާހަގަކުރެއްވި ގޮތުގައި ކިނބިދޫގައި އިޤްތިޞާދީ ޙަރާކާތް އިތުރުކުރުމަށް ބޭނުންވާކަމަށާއި، ފަތުރުވެރިކަމުގެ ފުރުޞަތުތައް އިތުރުކުރުމާ ގުޅޭގޮތުން އަދި އިޖްތިމާޢީގޮތުން ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ ކައުންސިލް މެންބަރުން މަޝްވަރާކުރެއްވިއެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ވަނީ އަންހެނުން ބާރުވެރިކުރުމަށް ސަރުކާރުން ދެއްވާ އެއްބާރުލެއްވުމަށް ޝުކުރުއަދާކުރައްވާފައެވެ. އަދި، އެ ކޮމިޓީގެ މަސައްކަތްތައް ކުރިޔަށް ގެންދާ ގޮތްތަކާއި ގުޅޭ މަޢުލޫމާތުގެ އިތުރުން، ކޮމިޓީގެ މެންބަރުންގެ މުސާރައާއި ޢިނާޔަތްތަކާ ގުޅިގެން ހުރި ކަންބޮޑުވުންތައް އެބޭފުޅުން ވަނީ ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. މި ކޮމިޓީއިން ވަނީ އަންހެނުން އިޤްތިޞާދީގޮތުން ބާރުވެރިކުރުމަށް އިތުރު ފުރުޞަތުތައް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދަންނަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި މަޝްރޫޢުތައް ކުރިޔަށްދާގޮތާ ބެހޭ ފަހުގެ މަޢުލޫމާތުތައް އެބޭފުޅުންނާ ހިއްސާކުރައްވާފައެވެ. މިގޮތުން އެމަނިކުފާނު ވިދާޅުވިގޮތުގައި ކިނބިދޫ ބިން ހިއްކުމަކީ ސަރުކާރުން ޕްލޭން ކުރައްވާފައިވާ ކަމެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ބޯހިޔާވަހިކަމުގެ ސްކީމެއް މިރަށުގައި ކުރިޔަށް ގެންދިޔުމަށް ވިސްނުންފުޅުހުރިކަން ހާމަކުރެއްވިއެވެ. މީގެ އިތުރުން ވެސް ވޭމަންޑޫއާއި ކިނިބިދޫ ކޯޒްވޭއަކުން ގުޅާލުމަށް ހަދަން ޖެހޭ ފީސިބިލިޓީ ސްޓަޑީ މިހާރު ކުރިޔަށްދާކަމަށާއި، ދެން ކައުންސިލުން ފާހަގަކުރެއްވެވި ކަންކަމުގައި ކަމާގުޅޭ ފަރާތްތަކާއި އެކު މަޝްވަރާކޮށްގެން މައްސަލަތަކަށް ޙައްލު ހޯދައިދެއްވުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވިއެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ މުސާރަ އިތުރުކުރުމަށް ސަރުކާރުން ނިންމާފައިވާކަމުގައި ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ވެސް އިޤްތިޞާދީގޮތުން ހުރި ފުރުޞަތުތަކާއި އިޖްތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުން ސަރުކާރުގެ އިދާރާތަކާއި ގުޅިގެން ކުރިޔަށް ގެންދެވޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮވިޑް ކޮންޓްރޯލްކުރުމުގައި ކައުންސިލްތަކާއި ރައްޔިތުން ދެއްވާ އެއްބާރުލެއްވުން ފާހަގަކުރައްވައި، އެންމެން ގުޅިގެން ވެކްސިން ޖެހުމުގެ ކަންކަން ވީހާވެސް އަވަހަކަށް ނިންމަވާދެއްވުމަށް އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ ކިނބިދޫ ހެލްތް ސެންޓަރަށާއި، ކިނބިދޫ ސްކޫލަށް ޒިޔާރަތްކުރައްވައި އެ ތަންތަނުގެ ޙާލަތު ބައްލަވާލައްވާފައެވެ. އަދި، އެމަނިކުފާނު ވަނީ ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ކުރިޔަށްދާގޮތް ވެސް ބައްލަވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިހާރު ކިނބިދޫއަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ ތ. އަތޮޅުގެ 7 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދަޢުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: