މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ އިސްތިއުނާފުގެ ފަނޑިޔާރުންގެ މަޖިލީހަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެ ޕާޓީން އާއްމުކޮށްފައިވާ ބަޔާނެއްގައި ބުނީ އިސްތިއުނާފްގެ ފަނޑިޔާރު މަޖިލީހުގެ މެންބަރުންގެ ޝަރުތުތަކުގެ ތެރޭގައި، ޕާޓީގެ މެންބަރެއް ކަމުގައިވުން އަދި ޤައުމީ މަޖިލީހުގެ މެންބަރަކު ކަމުގައި ނުވުން ހިމެނޭ ކަމަށެވެ.
އިސްތިއުނާފްގެ ފަނޑިޔާރުން މަޖިލީހުގެ ރައީސްގެ ޝަރުތަކީ، ޕާޓީގެ މެންބަރެއްކަމުގައި ވުމުގެ އިތުރުން މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖުރިބާހުރި ޤާނޫނީ ވަކީލެއްކަމުގައިވުމާއެކު އުމުރުން 35 އަހަރު ވެފައިވާ މީހަކު ކަމުގައި ވުމެވެ.
އެ މަޖިލީހަށް ކުރިމަތިލުމުގެ ފުރުސަތު ފުރުސަތު 24 އޮގަސްޓްގެ މެންދުރު 02:00 އާ ހަމައަށް ހުޅުވާލާފައިވާއިރު ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން ޕާޓީގެ ސެކްރެޓޭރިއެޓް މައި އޮފީހަށް ލިޔެކިޔުން ހުށަހަޅައިގެން ނުވަތަ ޕާޓީގެ އީމެއިލް secretariat@mdp.org.mv އަށް ލިޔެކިޔުން އީމެއިލް ކުރުމަށްވެސް އެދިފައިވެއެވެ.
އެގޮތުން ހުށަހަޅަންޖެހޭ ލިޔުންތަކުގެ ތެރޭގައި މެންބަރުކަމަށް އެދި ހުށަހަޅާ ސިޓީއާއެކު އެމީހެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި، އެމީހެއްގެ ވަނަވަރު އެނގޭނޭ ލިޔުމަކާއި، ޤައުމީ މަޖިލީހުގެ 2 މެންބަރެއްގެ ތާއީދު އޮތްކަން އެނގޭނޭ ލިޔުން ހިމެނެއެވެ.

