އެމްޑީޕީގެ ވެރިކަމެއް ދެކެ ހިތްހަމަނުޖެހި ރައްޔިތުން އެކަމާއި އަޑުއުފުލުމުން، އަދަބު ދޭންވީ އިދިކޮޅުގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ނޫންކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ބުނެފި އެވެ.
މިނިވަންކަމުގެ ދިފާއުގައި ”އިންސާފު ހޯދަން“ ގެ ނަމުގައި އިދިކޮޅުން ބޭއްވި ސުލްހަވެރި ހިނގާލުމަށް ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނެވެ. އަދި މިދިޔަ ހުކުރު ދުވަހު ވެސް އިދިކޮޅުން އިންތިޒާމުކޮށްގެން ބޭއްވި ”އައްޑަނަ“ ޖަލްސާގައި ގިނަ އަދަދެއްގެ އާއްމުން ބައިވެރިވި އެވެ. މިއަދުގެ ހަވީރު ޕާޓީ އޮފީސް ދޮރުމަތީން ފެށުނު ހިނގާލުމުގައި، ރާއްޖޭގެ ޖުޑިޝަރީ އިސްލާހު ކުރުމަށް ގޮވާލައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަގުތުން އިސްތިއުފާ ދޭންޖެހޭ ކަމަށް އިދިކޮޅުން ބުންޏެވެ.
އެއްވެސް ހުރަހެއް ނެތި އިދިކޮޅަށް އަޑުއުފުލަމުން ހިނގާލުން ކުރިޔަށް ގެންދެވުނީ، ކާނިވާ ސަރަހައްދާއި ހަމައަށެވެ. ހުޅުމާލެ، މާލެ ފެރީ ޓާމިލް ކުރިމަތިން ކުރިޔަށް ނުދެވޭހެން ޝީލްޑާއި އެކު އެސްއޯ ފުލުހުން ތިބުމުން ބައިވެރިން މިސްރާބު ޖެހީ އަނބުރާލައި ޕާޓީ އޮފީސް ކުރިމައްޗަށް ދިއުމަށެވެ. އަދި ހިނގާލުން ނިންމާލުމުގެ ކުރިން ބައެއް ސަޕޯޓަރުން އެ ސަރަހައްދުގައި ހުންނަ ރައީސް ޔާމީން ދިރިއުޅުއްވާ ގެކޮޅު ކައިިރިއަށް އެއްވުމުން އެމަނިކުފާނު ވަނީ ކުޑަދޮރޮން ބޭރު ބައްލަވައި އާއްމުންނަށް ހަނާ އަޅައި ހިތްވަރު ދެއްވާފަ އެވެ.
އެވަގުތު އެތަނުގައި ތިބި ބައެއް ސަޕޯޓަރުން ވަނީ، ރައީސް ޔާމީންގެ އަތަށް ދިވެހިރާއްޖޭގެ ގައުމީ ދިދަ އާއި، ޕާޓީގެ ރަސްމީ ދިދަ ދެއްވާފަ އެވެ. އެހެންވެ އެމަނިކުފާނު ކުޑަ ދޮރުން ބޭރު ބަލަން ހުންނެވީ އެ ދިދަ ހިއްޕަވައިގެންނެވެ.
ގޭބަންދަށް ބަދަލު ކުރި ފަހުން، ކްރިމިނަލް ކޯޓަށް ހާޒިރު ކުރާ ދުވަސްތަކު ވެސް ރައީސް ޔާމީން ކުޑަދޮރުން ބޭރު ބައްލަވަން ހުންނަވަ އެވެ. އެހެން ނަމަވެސް މިއީ އެމަނިކުފާނު ގޭ ބަންދަށް ބަދަލުކުރި ފަހުން މިފަދަ ގޮތަކަށް އިދިކޮޅުގެ އެއްވުމެއްގައި ފެނުނު ފުރަތަމަ ފަހަރެވެ.
ރައީސް ޔާމީންގެ ތަފާތު ފެނިލުމަށް މީޑިއާތަކުގެ ސަމާލުކަން ލިބިފައިވަނިކޮށް، ކޮމިޝަނާރ އޮފް ޕްރިޒަން އަހްމަދު މުހައްމަދުފުޅު ޓުވީޓެއް ކުރައްވައި ވިދާޅުވީ ކުރީގެ ރައީސް ޔާމީން މިއަދު އަމަލުކުރެއްވީ ގޭބަންދަށް ބަދަލު ކުރުމުގެ އިގްރާރާއި ހިލާފަށް ކަމަށެވެ. އެހެންވެ އެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެކަމަށް އޭނާ ވިދާޅުވި އެވެ.
ސީޕީގެ މި ޓްވީޓަށް އިދިކޮޅުގެ ފާޑުކިއުން އަމާޒުވި އެވެ. އަދި އެ ކޯލިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ގިނަ އަދަދެއްގެ ދިވެހި ރައްޔިތުން ބައިވެރިވި ”އިންސާފު ހޯދަން“ ސުލްހަވެރި ހިނގާލުމުގައި ރައްޔިތުން ސަރުކާރުން އިންސާފުގެ ބޭރުން ކުރަމުން ގެންދާ ކަންކަމާއި ދެކޮޅަށް އަޑު އުފުލި ކަމަށެވެ. އަދި ޝަރުއީ ކޯޓުތަކުގެ ފަނޑިޔާރުންނަށް އެކި ގޮތްގޮތުން ފިއްތުންތައް ކުރިމަތި ކުރުވާ ސިޔާސީ ނުފޫޒު ފޯރުވަމުން ގެންދާތީ އެކަންކަން ހުއްޓާލާ އިންސާފު ގާއިމު ކުރުމަށް ގޮވާލާފައިވާ ކަމަށެވެ.
ސަރުކާރާއި މެދު ހިތްހަމަނުޖެހިގެން، ދިވެހި ރައްޔިތުން މަގުތަކަށް ނުކުމެ އަޑު އުފުލުމުގެ އަދަބު ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ނުދިނުމަށް ގޮވާލަން. pic.twitter.com/43K5TdXpvf
— Progressive Party of Maldives (@ProgressPartyMV) September 10, 2021
ހިންގާލުމުގެ ބައިވެރިން ރައީސް ޔާމީންގެ ގެކޮޅާ ހަމައަށް އެރުމުން އެމަނިކުފާނު ދެކިލުމަށް ބޭނުންވެފައި ތިބި އެތައް ސަތޭކަ ރައްޔިތުންނަށް ފެނިލުމަށް ގޭގެ ކުޑަދޮރުން ބައިވެރިންނަށް އަތް ހޫރުވާ ސަލާމް ކުރުމަކީ އެއްވެސް ހާލެއްގައި ގޭ ބަންދުގައި ހުންނަވާ ބޭފުޅަކަށް ނުކުރެއްވޭނެ ކަމެއްގެ ގޮތުގައި އެއްވެސް ގާނޫނެއް ގަވާއިދެއް ނުވަތަ އުސޫލެއްގައިވެސް ބަޔާންކޮށްފައި ނުވާކަމަށް އެ ބަޔާނުގައި ވެއެވެ.
ބަޔާނުގައި ބުނެފައި ވަނީ އެއްވެސް އިންސާފުވެރިކަމެއް ނެތް ސަރުކާރަކުން ހިންގަމުން ގެންދާ ކަންތައްތަކާއި މެދު ދިވެހި ރައްޔިތުންގެ ހިތްހަމަނުޖެހުން ފާޅުކުރުމަށް ހިންގާ ސިޔާސީ ހަރަކާތްތައް ހަޖަމު ނުވެގެން އެކަމުގެ އަދަބު ރައީސް ޔާމީނަށް ދިނުމަށް ކުރަމުން ގެންދާ މަސައްކަތް ކުށްވެރިކުރާ ކަމަށެވެ.

