ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި އިއުލާނު ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ކޮށްފައިވާއިރު، މީގެ ކުރިން އިއުލާނު ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު ހަމަވާނީ މިމަހުގެ 31 ވަނަ ދުވަހަށެވެ. މި މުއްދަތު ހަމަ ނުވި ނަމަވެސް، އަނެއްކާވެސް ވަނީ އިތުރު 30 ދުވަހަށް އިތުރު ކޮށްފައެވެ. މިއާއެކު ރާއްޖޭގެ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު 20 ވަނަ ފަހަރަށް މިވަނީ އިތުރުކޮށްފައެވެ.
ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ސޮއިކުރައްވައި މިއަދު ނެރުނު ގަރާރުގައި ބުނެފައިވަނީ ރާއްޖޭގައި މި ބަލި ފެތުރުމުގެ ނުރައްކާ އަދިވެސް އޮތް ކަމަށާއި، މިދިޔަ މާޗު މަހުގެ 12 ވަނަ ދުވަހު އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދެމި އޮތް ކަމަށާއި އަދި ނުރައްކާ ކުޑަކޮށް، ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ގަބޫލުކުރެވޭ ކަމަށް ލަފާދީފައިވާ ކަމަށެވެ.
އެހެންކަމުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އިއުލާންކޮށްފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އަންނަ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމާފައިވާ ކަމަށް ބުނެފައިވެއެވެ.
މި ގަރާރުގައި މިނިސްޓަރު ނަސީމް ވަނީ ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ގެންދެވުމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް އަންގަވާފައެވެ.
ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކޮށްފައިވާއިރު ރާއްޖޭގެ ކޮވިޑް ހާލަތު ކަންބޮޑުވާން ޖެހޭ މިންވަރަށް މަތި ނުވިޔަސް ދޭތެރެ ދޭތެރެއިން އަދަދުތަށް މަތިވެއެވެ. އެގޮތުން އިއްޔެ ވަނީ 128 މީހަކު ރާއްޖެއިން ޕޮސިޓިވް ވެފައެވެ. މީގެ ތެރެއިން މާލެ އިން ޕޮސިޓިވްވީ 35 މީހުންނެވެ. އަތޮޅުތެރެއިން ޕޮސިޓިވްވީ 66 މީހުންނެވެ. އަދި އިތުރު 27 މީހުން މިއަދު ރިސޯޓްތަކުން ޕޮސިޓިވްވިއެވެ. އިއްޔެއަކީ ސެޕްޓެމްބަރ މަހުގެ 18 ވަނަ ދުވަހަށް ފަހު ރާއްޖޭގައި ކޮވިޑް ބަލި މީހުންގެ އަދަދު އެންމެ ގިނަވި ދުވަހެވެ.

