ލ. ގަމުގެ 5 މިސްކިތަކާއި އިޖުތިމާއީ މަރުކަޒުގައި ސޯލާ ޕީވީ ނިޒާމު ގާއިމު ކުރަން ފަށާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ބުނެފިއެވެ.
ފެނަކައިން ބުނީ، އެ މަސައްކަތް ކުރަނީ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، އިޔާދަކުރުވަނިވި ހަކަތައިގެ އަމާޒަށް ވާސިލުވުމަށް ފަށާފައިވާ ޕްރޮޖެކްޓުގެ ދަށުން ނެޓްމީޓަރުގެ އުސޫލުން ކަމަށެވެ.
އެ ޕްރޮޖެކްޓުގެ ދަށުން ގަމުގައި 5 މިސްކިތަކާއި އެރަށު އިޖުތިމާއީ މަރުކަޒުގައި ޖުމްލަ 60 ކިލޯވޮޓްޕީކްޕަވާގެ ސޯލާ ޕީވީ ހަރުކުރާނެ ކަމަށް ފެނަކައިން މައުލޫމާތު ދެއެވެ. އަދި އޭގެ ސަބަބުން އެ ރަށު ކައުންސިލުން ކަރަންޓަށް ކުރާ ހަރަދު ބޮޑުތަނުން ލުއިވެގެން ދާނެ ކަމަށް ބުންޏެވެ.
ފެނަކައިން ބުނީ، އެ މަޝްރޫއުގެ ސަބަބުން ދުވާލެއްގެ މައްޗަށް ޑީސަލް ބޭނުންކުރާ މިންވަރު 80 ލީޓަރު މަދުކުރެވިގެން ދާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. އަދި މަހެއްގެ މައްޗަށް ފެނަކައަށް 2400 ލީޓަރުގެ ޑީސަލް ސަލާމަތް ކުރެވޭނެ ކަމަށް ބުންޏެވެ.
އޭގެ އިތުުރުން، ޖައްވަށް ބޭރުކުރާ ކާބަން ޑައިއޮކްސައިޑްގެ މިންވަރު މަހެއްގެ މައްޗަށް 5 ޓަނު މަދުކުރެވޭނެ ކަމަށް ފެނަކައިން ބުންޏެވެ.
ދެމެހެއްޓެނިވިގޮތެއްގައި ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް ކަރަންޓުގެ އަގު ހެޔޮކުރުމަށް ކުރާ މަސައްކަތުގެ އިތުރުން، ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމަކީ ސަރުކާރުގެ އަމާޒުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަދި އެ އަމާޒުތަށް ހާސިލްކުރުމަށް ފެނަކައިން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

