ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ހައްޔަރުކުރި އަލީ މަނިކާއި މުހައްމަދު ތަސްލީމް ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެެވެ.
އަލިމަނިކާއި ތަސްލީމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި މަޖިލީހުގައި ދައުލަތުގެ ފަރާތުން އެދިފައި ވަނީ އެމީހުންނަކީ ޖިނާއީ ބޮޑު ކުށެއްގައި ދައުވާކޮށްފައިވާ ބައެއް ކަމުންނާއި އެމީހުން ދޫކޮށްލައިފިނަމަ މުޖުމަތަމައަށް ނުރައްކާވާނެކަމުގެ އިހުތިމާލް އޮތުމުން ޝަރީއަތް ނިމެންދެން ބަންދުކޮށްދިނުމަށެވެ.
މި މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވިދާޅުވީ، މިއީ ޖިނާއީ ބޮޑު ކުށެއްކަން ޝަރީއަތަށްވެސް ޤަބޫލު ކުރެވޭކަމަށާއި، ދެމީހުންގެވެސް މިބަވަތުގެ މައްސަލައިގެ ރިކޯޑް އޮތްކަމަށެވެ. އެހެންކަމުން ހެއްކަށް ނުފޫޒު ފޯރުވުމާއި، މުޖުތަމައުގެ ސަލާމަތަށް ނުރައްކާ އޮތްކަން ޤަބޫލު ކުރެވޭކަމަށް ވިދާޅުވެ، ދެމީހުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކުރާ ކަމަށް ގާޒީ ވިދާޅުވިއެވެ.
ދައުލަތުން މި ދެ މީހުންގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާ އެވެ.

