މެޝިނެއް ހަލާކުވުމުން އައިޖީއެމްއެޗުން ހަދާ އައުޓް ޕޭޝަންޓު ލޭގެ ޓެސްޓްތައް ހެދުން ހުއްޓިއްޖެއެވެ.
އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ބުނީ ހޯމަ ދުވަހު އައިޖީއެމްއެޗް ލެބޯޓަރީއިން ދެމުންދާ އައުޓްޕޭޝަންޓް ލޭގެ ޓެސްޓު ހަދަން ބޭނުންކުރާ އެލިނިޓީ ސީއެލްގެ މެޝިންތަކަށް ދިމާވެދާނެކަމަށް ކުރިން ލަފާކުރެވިފައި ނެތް، ޓެކްނިކަލް މައްސަލައެއް ދިމާވުމާއި ގުޅިގެން ޓެސްޓުތައް ހެދުން ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ.
މިއަދުން ފެށިގެން ދިމާވެފައިވާ މައްސަލަ ހައްލު ކުރެވެންދެން އައިޖީއެމްއެޗުން ހަދަމުން ގެންދިޔަ އައުޓްޕޭޝަންޓު ލޭގެ ޓެސްޓުތަކާއި އެހެނިހެން ހޮސްޕިޓަލުތަކުން، އައިޖީއެމްއެޗަށް ފޮނުވާ ލޭގެ ޓެސްޓުތައް ހެދުން ހުއްޓާލެވިފައި ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
މި މެޝިންތަކަށް ދިމާވި މައްސަލަ ހައްލު ކުރުމަށްޓަކައި އައިޖީއެމްއެޗްގެ ޓެކްނިކަލް ޓީމުން ހުއްޓުމެއްނެތި މަސައްކަތް ކުރަމުންދާ ކަމަށާއި މި ސަބަބާއި ހުރެ އިއްޔެ ޓެސްޓު ހެދުމަށް ސާމްޕަލް ނެގުނު ފަރާތްތަކުގެ ޓެސްޓުތައް ހެދިފައި ނުވާ ކަމަށް ވެސް އައިޖީއެމްއެޗް އިން ބުނެއެވެ.
މި ޓެސްޓުތައް ހެދިފައިނުވާތީ އައުޓްޕޭޝަންޓް ލޭގެ ޓެސްޓު ހައްދަން ރިކުއެސްޓުކޮށް ސާމްޕަލް ދީފައިވާ ފާރާތްތަކަށް ބަލްކްކޮށް މިހޮސްޕިޓަލުން ފޯނު މެސެޖްގެ ޒަރީޢާއިން މިކަމާބެހޭ މައުލޫމާތު ހިއްސާކުރަމުން ގެންދާނެ ކަމަށް ހޮސްޕިޓަލުން ބުނެއެވެ. މި ޓެސްޓުތައް، ވިނަވި ޚިދުމަތް ފޯރުކޮށްދޭ އެހެން ކޮންމެ ލެބޯޓްރީއަކުން ހެދުމުގެ ފުރުސަތު އޮތް ކަމަށް ވެސް އައިޖީއެމްއެޗް އިން ބުނެފައި ވެއެވެ.

