ރާއްޖެއަށް އެތެރެ ކުރާ މަސްތުވާތަކެތި އަތުލައިގަތުމަށް ކުރިޔަށް ގެންދާ އޮޕަރޭޝަންތައް ވަރުގަދަވެ، ޑްރަގު ނެޓްވޯކުތައް ހިފަހައްޓާ މިންވަރު ފާއިތުވި ދުވަސްތަކުގެ ތެރޭގައި ވަނީ އިތުރުވެފަ އެވެ.
އަވައްޓެރި އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރު ބޭނުންކޮށްގެން، މަސްތުވާތެކެތީގެ އޮޕަރޭޝަންތައް ހިންގަ އެވެ. ދާދިފަހުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ވާހަކަ ދައްކަވަމުން އެމްއެންޑީއެފްގެ ލެފްޓިނެންޓް ކާނަލް ހަސަން އާމިރު ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު މަސްތުވާތަކެތި އެއް ގައުމުން އަނެއް ގައުމަށް ގެންދިއުމުގައި ބޭނުން ކުރާ ކަމަށެވެ. އެހެންވެ، އަވައްޓެރި ގައުމުތަކާއި ގުޅިގެން އިންޓެލިޖެންސްގެ މައުލޫމާތުތަކަށް ބިނާކޮށް އޮޕަރޭޝަނަލް ޕްރޮގްރާމުތައް ކުރިޔަށް ގެންދާ ކަމަށް ވިދާޅުވި އެވެ.
ރާއްޖެއިން މީގެ ކުރިން ޑްރަގު ނެޓްވޯކުތައް އަތުލައިގަންނަނީ 50 ނުވަތަ 80 އެއްހާ ކިލޯގެ މަސްތުވާތަކެއްޗާއި އެކު ނަމަވެސް އެ އަދަދު 100 އިން މައްޗަށް އަރައި އެންމެ ފަހުން ވެސް އަތުލައިގަތް މަސްތުވާތަކެތި 215 ކިލޯއަށް އަރަ އެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް އެތެރެ ކުރަނީ ހެރޮއިންނެވެ. ބޮޑެތި އޮޕަރޭޝަންތަކުގެ ތެރެއިން ފާއިތުވި ތިން އަހަރުގެ ތެރޭގައި 859 ކިލޯގެ ހެރޮއިން އަތުލައިގެންފައި ވެއެވެ. އަދި 54 ކިލޯގެ ކެނަބިސް އާއި 50 ކިލޯގެ މެތް ވަނީ އަތުލައިގެންފަ އެވެ.
މަސްތުވާތަކެތީގެ މައްސަލަތައް ހައްލު ކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ”ސަންގު ޓީވީ“ އާއި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ މަސްތުވާތަކެއްޗާއި ދެކޮޅަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
މަސްތުވާތަކެތި އަތުލައިގަތުމުގައި ފުލުހުން ކުރިއެރުންތަކެއް ހޯދައި، މަސައްކަތްތައް ފުޅާކޮށްފައިވާކަން ފާހަގަކޮށް އިމްރާން ވިދާޅުވީ އެކަން ފަހަކަށް އައިސް އަތުލައިގަންނަ މަސްތުވާތަކެތީން ވެސް ސާފުވާނެ ކަމަށެވެ.
ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އިޖްތިމާއީ މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލަކަން ފާހަގަކޮށް އިމްރާން ވިދާޅުވީ ޒަމާންވީ މި މައްސަލަ ހައްލު ކުރުމަށް ވަރަށް ގިނަ އާ އުކުޅުތަކަކާއި އެކު ވަގުތު ބޭނުންވާނެ ކަމަށެވެ.
ފުލުހުން މަސްތުވާތަކެތި އަތުލައިގަންނަ މިންވަރު އިތުރުވެފައިވާއިރު މި އަހަރު މިހާތަނަށް އަތުލައިގަތް މަސްތުވާތަކެތީގެ ޖުމްލަ 315 ކިލޯއަށް އަރަ އެވެ. އަދި މިދިޔަ އަހަރު ފުލުހުން ވަނީ 372 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފަ އެވެ. 2019 ގައި ހިންގި އެކި އޮޕަރޭޝަންތަކުގެ ތެރެއިން އަތުލައިގެންފައި ވަނީ 284 ކިލޯގެ މަސްތުވާތަކެއްޗެވެ. މިއީ ޖުމްލަ 980 ކިލޯ އެވެ.

އެއްގައުމުން އަނެއް ގައުމަށް މަސްތުވާތަކެތި އެތެރެ ކުރާއިރު، ރާއްޖެއަކީ ބައިންލައަގުވާމީ ޓްރާންސިޓު ނެޓުވޯކަކަށް ވަނީ ހަދާފަ އެވެ. ރާއްޖޭގައި ވެސް އެކި ގައުމުތަކުގެ ބޮޑެތި އޭޖެންޓުން ތިބިއިރު، މަސްތުވާތަކެތި ބަލައި އެ ގައުމުތަކަށް ދިއުމާއި ކަނޑުމަގުން އެ މުއާމަލާތް ހިންގުން ވަނީ އިތުރުވެފަ އެވެ.
ރާއްޖޭގެ ކަނޑުމަގުން އަތުލައިގަންނަ ބޭރުގެ މަސްބޯޓުތަކުން ވެސް މަސްތުވާތަކެތި އަތުލައިގެންފައި އެބަހުއްޓެވެ. ނަމަވެސް ގާނޫނުތައް ހުރެމެ، މަސްތުވާތަކެތީގެ މައްސަލަ ހައްލު ނުވުން އެއީ އާއްމު ކޮންމެ ރައްޔިތެއްގެ ކަންބޮޑުވުމެވެ. މިފަދަ ބޮޑެތި ނެޓުވޯކުތަކުގެ ފަހަތުގައި ތިބޭ މީހުން ނުހޯދޭއިރު، އަތުލައިގަންނަ ބޮޑެތި ގްރޫޕުތައް ގިނަ ފަހަރަށް ކޯޓު މަރުހަލާއިން ދޫވަނީ އިޖުރާއީ ބޮޑެތި ގޯސްތަކުގެ ސަބަބުންނެވެ.
މި މައްސަލައިގައި ސުވާލު ކުރުމުން، އިމްރާން ވެސް ވިދާޅުވީ އެއްވެސް ކުށްވެރިއަކު ނުފޫޒެއްގެ ސަބަބުން ދޫކޮށް ނުލާނެ ކަމަށެވެ. އަދި އިޖުރާއީ ގޯސްތަކަކީ އެއީ ގަސްތުގައި، ކުށްވެރިއާ ދޫކޮށްލުމަށް ހެކި އެއްކުރުމުގައި ހިންގާ އަމަލެއް ނޫންކަމަށް ވެސް ވިދާޅުވި އެވެ.
ކުށްވެރިން އަތުލައިގަތުމުގައި ހެކި އެއް ކުރުމުގައި އަމަލު ކުރާ އުސޫލުގެ ސަބަބުން، އެ މީހުން ދޫވީ ނަމަވެސް ހެއްކާއި ބެހޭ ގާނޫނާއި އެކު އެ މައްސަލަތަކަށް ހައްލެއް އަންނާނެކަމަށް ފުލުހުން ގަބޫލު ކުރެ އެވެ.
މަސްތުވާތަކެތީގެ ވިޔަފާރި ރާއްޖޭގައި ފުޅާވަމުން އަންނާތީ އިދާރާތަކުގެ ކަންބޮޑުވުން އެބަހުއްޓެވެ. ރާއްޖޭގައި ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ ރަނގަޅު ރިހިބިލިޓޭޝަން ފަރުވާއެއް ދެވޭނެ އިންތިޒާމުތައް ހަމަޖެހިފައި ނެތުމެވެ.

ރައީސް ސޯލިހުގެ ރިޔާސީ ވައުދުތަކުގެ ދަށުން، ކުށްވެރިން މުޖްތަމައުއަށް ބޭނުންތެރި ފައިދާ ހުރި ގޮތެއްގައި ނެރުމަކީ އެއީ އެންމެ ބޮޑު އަމާޒެވެ. މި މަހު ބޭއްވި ގައުމީ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މަސްތުވާތަކެތި އެތެރެވާ ދޮރުތައް ބަންދުކުރުމަށް މިދިޔަ 3 އަހަރު ކުރެވުނު ގިނަ މަސައްކަތްތަކުގެ ނަތީޖާ ރަނގަޅު ކަމަށެވެ. އަދި އަތުލައިގަނެވޭ މަސްތުވާ ތަކެތީގެ އަދަދު އިންތިހާއަށް މަތި ކަމަށެވެ.
މިކަމުގައި ސަރުކާރުން އެންމެ އިސްކަމެއް ދޭ ސިޔާސަތެއްގެ ގޮތުގައި ރައީސް ވިދާޅުވީ، ކޮމިއުނިޓީ ބޭސްޑް ޑްރަގް ރިހިބިލިޓޭޝަން ސެންޓަރުތައް ގާއިމް ކުރުމެވެ. އަދި އެ ޒުވާނުންގެ ހުނަރުތައް އަލާ ކުރުމުގައި ފުރުސަތު ހޯދައި ދިނުމެވެ.
ރައީސް ސޯލިހު ވިދާޅުވީ ކުރިޔަށް އޮތް ތަނުގައި ޒުވާނުންނާއި މަސްތުވާތަކެތީގެ މައްސަލައަށް ސަރުކާރުގެ ނަޒަރު ކުރިޔަށް ވުރެ ސީދާ ވާނެ ކަމަށެވެ.
އެގޮތުގެ މަތީން ސަރުކާރުން ވަނީ ޖަލުތަކުގައި ރިހެބިލިޓޭޝަން ޕްރޮގްތާމްތައް ފެށުމަށް ނިންމާފަ އެވެ. މި ޕްރޮގްރާމުގެ ދަށުން ފަރުވާގެ ފުރަތަމަ މަރުހަލާގައި ހިމެނޭ ޑިޓޮކްސިފިކޭޝަން ނުވަތަ ހަށިގަނޑުން މަސްތުވާތަކެތީގެ ވިހަ ފިލުވުމުމަށްޓަކައި ޖަލުގައި ތިބި ގައިދީންނަށް ހާއްސަ ޕްރޮގްރާމެއް ވަނީ ރޭވިފަ އެވެ. އަދި މަސްތުވާތަކެތީގެ މައްސަލަތަކުގައި ޖަލުގައި ހުކުމް ތަންފީޒު ކުރަމުންގެންދާ ގައިދީންނަށް ހާއްސަކޮށްގެން، ޖަލުގައި ޑްރަގް ރިހެބިލިޓޭޝަން ޕްރޮގުރާމެއް ހިންގުމާ ގުޅޭ ގޮތުން، ނޭޝަނަލް ޑްރަގް އެޖެންސީ އާއި މޯލްޑިވްސް ކަރެކްޝަނަލް ސަވިސް އާ މި ހަފްތާގެ ތެރޭގައި އެމްއޯޔޫއެއްގައި ސޮއިކޮށްފައި ވެއެވެ.
މިއީ، ޖަލުގައި ތިބި ގައިދީންނަށް ނޭޝަނަލް ޑްރަގް އެޖެންސީގެ ބެލުމުގެ ދަށުން ފަރުވާ ދިނުމުގެ ޕްރޮގްރާމެކެވެ.

މީގެ އިތުރުން ޖަލުގައި މަސްތުވާތަކެތީގެ ފަރުވާ ފެށުމަށް ތައްޔާރުވެފައިވާއިރު، މިއީ 2011 ވަނަ އަހަރު އަމަލުކުރަން ފެށި މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި ކުރުމަށް ލާޒިމުކޮށްފައިވާކަމެއްކެވެ. ފާއިތުވި 10 އަހަރުގެ ތެރޭގައި މި ގާނޫނު އެއްވެސް މިންވަރަކަށް ތަންފީޒުކޮށްފައި ނުވެ އެވެ.
މި ޕްރޮގްރާމް ކުރިޔަށް ގެންދިއުމަށް ނިންމާފައި ވަނީ ނޭޝަނަލް ޑްރަގް އެޖެންސީ އާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އާ ދެމެދު ސޮއި ކުރި އެއްބަސްވުމެއްގެ ދަށުންނެވެ.
މަސްތުވާތަކެތީގެ ފަރުވާ ޖަލުގައި ދިނުމަށް، ހާއްސަ ކްލިނިކް ގާއިމްކޮށްފައި ވަނީ މާފުށީ ޖަލުގަ އެވެ.
ޖަލުގެ އާބާދީގެ ބޮޑު ބަޔަކީ މަސްތުވާތަކެތި ބޭނުންކުރާ ބައެއްކަން އެނގިފައިވާއިރު، މި ޕްރޮގްރާމަކީ އެމީހުން ޖަލުގައި ބައިތިއްބައިގެން ފަރުވާދިނުމުގެ ޕްރޮގްރާމެކެވެ. މިގޮތުން، ފަރުވާގެ ފުރަތަމަ މަރުހަލާގައި ހިމެނޭ ޑިޓޮކްސިފިކޭޝަން ނުވަތަ ހަށިގަނޑުން މަސްތުވާތަކެތީގެ ވިހަ ފިލުވާނީ ޖަލުގައި ހުކުމް ތަންފީޒްކުރާ މުއްދަތުގައެވެ.

