2019 ވަނަ އަހަރު ދުނިޔެއަށް ކުރިމަތިވި ކޮވިޑު 19 ގެ ބަލިމަޑުކަމާއި ދެކޮޅަށް މަސައްކަތް ކުރުމުގައި ރައީސް ސޯލިހުގެ ސަރުކާރުން ނަމޫނާ ދައްކާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ ހަބަރަށްފަހު ޕްރޮގްރާމުގައި ވާހަކަދައްކަމުން އިބްރާހިމް ޝަރީފު ވިދާޅުވީ، ކޮވިޑުގެ ބަލިމަޑުކަމަކީ ދުނިޔެ ނުދެކޭ ފަދަ އުނދަގޫ ދަތި ދުވަސްވަރެއްގައި އިގްތިސޯދު ފުން ވަޅަކަށް ވެއްޓި ނުދިނުމަށް ސަރުކާރުން ވަނީ ދުނިޔޭގެ އެހެން ގައުމުތަކަށް ނަމޫނާ ދައްކާފައި ކަމަށެވެ.
ސަރުކާރުން ކޮވިޑު މެނޭޖުކުރުމުގައި ކުރި މަސައްކަތްތަކަށް، ވޯލްޑް ހެލްތު އޯގަނައިޒޭޝަން އާއި ޔުނައިޓެޑް ނޭޝަންސް ފަދަ ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ތައުރީފު ކުރަމުންދާ އިރު، ރައީސް ސޯލިހު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަކީ ތައުރީފު ހައްގު މަސައްކަތް ތަކެއް ކަމަށް ޝަރީފު ވިދާޅުވިއެވެ.
އެގޮތުން ދިވެހި ރައްޔިތުން އެންމެ އެދެނީ ދިރިއުޅުން ތަނަވަސްވުމާއި އެކު ލިބެން ޖެހޭ އަސާސީ ހިދުމަތްތައް މެދުކެނޑުމެއް ނެތި ލިބިގެން ދިއުން ކަމަށްވުމާއި އެކު ރައީސްގެ ސަރުކާރުން ދަނީ ހުއްޓުމެއްނެތި ރައްޔިތުންގެ މި އެދުންތައް ފުއްދަމުންކަމަށް ޝަރީފު ފާހަގަކުރެއްވި އެވެ. އޭނާ ފާހަގަ ކުރެއްވި ގޮތުގައި، ސަރުކާރަށް ކޮވިޑުގެ ސަބަބުން ދަތިތަކާއި ކުރިމަތިވި ނަމަވެސް ރަށްތަކުގެ ތަރައްގީގެ މަޝްރޫއުތައް ބާރު މިނުގައި ކުރިއަށް ގެންދެއެވެ.
2019 ވަނަ އަހަރާއި ހިލާފަށް 2020 ވަނަ އަހަރު، ދިވެހިރާއްޖޭގެ އިގްތިސޯދު 33 އިންސައްތަ ދަށަށް ދިޔަކަން ފާހަގަކުރައްވަމުން ޝަރީފު ވިދާޅުވީ ރާއްޖެއަށް ނުލިބޭ އާމްދަނީ އަކުން ނުވަތަ ރާއްޖޭގެ ރިޒާވުގައި ނެތް ފައިސާއަކުން ދުނިޔޭގެ އެހެން ގައުމުތަކުން ކޮވިޑުގެ ދުވަސްކޮޅުގައި ރާއްޖެއަށް އެހިތެރިވެފައިވާ ކަމަށް ޝަރީފު ވިދާޅުވިއެވެ. ދުނިޔޭގެ ގައުމުތަކުގައި އެހީތެރިކަން ފޯރުކޮށްދޭނެ ފެންވަރެއް ނެތް ނަމަވެސް ލިބުނު އެހީއާއި އެކު، ރާއްޖޭގެ ރައްޔިތުން އުފުލަން ޖެހުނު ބުރަ ކުޑަކަމަށް ވެސް ޝަރީފު ވިދާޅުވިއެވެ.
މެމްބަރު ޝަރީފު ވިދާޅުވިގޮތުގައި ސަރުކާރާއި ހަވާލުވުމުގެ ކުރިން ރައީސް ސޯލިހު ތައާރަފުކުރި އެޖެންޑާ 19 ގެ ދަށުން ކުރިއަށްދާ މަސައްކަތްތައް ހުއްޓުމެއްނެތި ކުރެވެމުންދެއެވެ. ގިނަ ބަޔަކު އެޖެންޑާ 19 އާއި އެއްގޮތަށް މަޝްރޫއުތައް ކުރިއަށް ނުހިނގާ ކަމަށް ބުނިނަމަވެސް، އެއީ ހަގީގަތެއް ނޫން ކަމަށާއި އެއްވެސް ސަރުކާރަކުން ހުރިހާ މަޝްރޫއުތަކެއް އެއްފަހަރާ ނުހިންގޭނެ ކަމަށްވެސް އިބްރާހިމް ޝަރީފު ވިދާޅުވިއެވެ. އަދި 2020 ވަނަ އަހަރަށް 37 ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ބަޖެޓެއް ހުށައެޅި ނަމަވެސް، އެ ބަޖެޓު 30 ބިލިއަން ރުފިޔާއަށް ކުޑަކުރަން ޖެހުނު ކަމަށް ޝަރީފު ވިދާޅުވިއެވެ.
ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޝަރީފު ވަނީ ކޮވިޑުގެ ހާލުގައި ވަކި އަދަދަކަށްވުރެ މަތިން މުސާރަ ލިބޭ ފަރާތްތަކުގެ މުސާރައިން ބައެއް ކަނޑާލެވުމުން ވެސް އެއްވެސް މުވައްޒަފަކު ވަޒީފާއިން ކަނޑާފައި ނުވާ ކަމަށް ބުނެފައެވެ. ޝަރީފު ވިދާޅުވި ގޮތުގައި ދިވެހިރާއްޖެއަށާއި ރާއްޖޭގެ އިގްތިސޯދަށް ކޮވިޑުގެ ސަބަބުން އަނދިރި ދުވަސްތަކާއި ކުރިމަތިކުރުވި ނަމަވެސް ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ އެއްވެސް ހިދުމަތެއް ލިބިގަތުމުގައި ހުރަހެއް އެޅިފައިނުވާނެއެވެ.
ކޮވިޑު މެނޭޖު ކުރުމަށް ރައްޔިތުންގެ ވެކްސިން ޖެހުމުގެ ކަންތަކުގެ އިތުރުން ސިއްހީ ގޮތުން ގައުމަށް ބޭނުންވި އިތުރު ހިދުމަތްތައް ހޯދުމުގައި ސަރުކާރުން ކޮށްފައިވާ މަސައްކަތް ފުރިހަމަ ކަމަށް ޝަރީފު ވިދާޅުވިއެވެ. ޝަރީފުގެ ވާހަކައިގައި ދިވެހިރާއްޖޭގައި އަވަސް ބާރު މިނުގައި ގިނަ އަދަދެއްގެ ކޮވިޑު ފެސިލިޓީތައް ގާއިމުކޮށް ކޮވިޑަށް ހޭދަކުރުމާއި އެކު، އިގްތިސޯދފު ހުއްޓުނު ނުދިނުމަށް ސަރުކާރުން ކޮށްފައިވާ މަސައްކަތާއި މެދު ހިތްހަމަޖެހޭކަން ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ އިގްތިސޯދަށް ކުރިމަތިވި ގެއްލުން ކުޑަ ކުރުމުގެ ގޮތުން 2.4 ބިލިއަން ރުފިޔާގެ އިންކަމް ސަޕޯޓުގެ އިތުރުން، ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ޕްރޮގްރާމުތައް ހިންގަމުން ކޮވިޑު މެނޭޖުކުރެވުމަކީ ސަރުކާރަށް ލިބުނު ކާމިޔާބެއް ކަމަށް މަރަދޫ ދާއިރާގެ މެމްބަރު، އިބްރާހިމް ޝަރީފު ވިދާޅުވިއެވެ.

