ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ ދައުވާތަކާއި ގުޅިގެން ޝަރީއަތް ނިމެންދެން އެމަނިކުފާނުގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އެދިއްޖެ އެވެ.
ރައީސް ޔާމީނުގެ ޕާސްޕޯޓު ހިފެހެއްޓި އަމުރުގެ މުއްދަތު ހަމަވާތީ މިއަދު ވަނީ ކްރިމިނަލް ކޯޓުގައި އަޑުއެހުމެއް ބާއްވައިފައެވެ.
ދައުލަތުން ވަނީ މިމައްސަލާގައި ރައީސް ޔާމީން ފިލައިގެން ދިއުމުގެ ފުރުސަތު އޮތްކަމަށްވެސް ބުނެފައެވެ. އަދި ރާއްޖެ ދޫކޮށް ފިލައިގެން ދިއުމުގެ ހެކި ވެސް ހުރި ކަމަށާއި ކުރީގެ ރައީސްކަން ވެސް ކުރައްވާފައި ވާތީ ފިލައިގެން ހިނގައްޖެނަމަ އަނބުރާ ގެންނަން އުނދަގޫވާނެ ކަމަށެވެ. އަދި ކުރީގެ ރައީސްކަން ކުރައްވާފައި ވުމުން ބޭރުގެ ފަރާތްތަކާއި ގުޅުންތައް އޮންނާނެ ކަމަށް ވެސް ދައުލަތުގެ ފަރާތުން ވަނީ ފާހަގަކޮށްފައެވެ.
ނަމަވެސް ރައީސް ޔާމީންގެ ފަރާތްޕުޅުން ދިފާއީ ވަކީ އަބްދުﷲ ޝިޔާޒް ވަނީ އެކަމަށް އިއުތިރާޒް ކުރައްވާފަ އެވެ. އެ ހުށަހެޅުމާއި ގުޅިގެން ދައުލަތުން ހުށަހެޅި ފޯމު ވެސް ލިބުނީ މިއަދު ކޯޓަށް ހާޒިރު ވުމުން ކަމަށާއި އަދި ފުލުހުންނަށް ރައީސް ޔާމީން ރާއްޖެ ދޫކޮށް ވަޑައިގަންނަވަން އުޅޭކަމުގެ ހެކިތައް ވެސް ދިރާސާ ކުރައްވަން ބޭނުންވާ ކަމަށެވެ.
އެމަނިކުފާނުގެ ގާނޫނީ ވަކީލުން އެދިވަޑައިގަތީ މަދުވެގެން ދެ ހަފުތާއެއްހާ ދުވަހުގެ މުހުލަތެއް ދެއްވުމަށެވެ. ދެ ފަރާތުން ދެއްކި ވާހަކަތަކަށް ރިއާޔަތް ކުރެއްވުމަށް ފަހު މައްސަލަ ބައްލަވާ ގާޒީ އަހްމަދު ޝަކީލް ވިދާޅުވީ މިއަދު ހަވީރު 4:00 ޖަހާއިރު މި މައްސަލައާ ގުޅޭ ގޮތުން އަޑުއެހުމެއް ބާއްވާނެ ކަމަށެވެ. އެއީ ގޮތެއް ނިންމަވާފައި އިއުލާން ކުރައްވަން ބާއްވާ އަޑުއެހުމެކެވެ.

