މި އަހަރު ރާއްޖޭގައި ފާހަގަކުރަމުންދާ 41 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވެވި ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުހައްމަދު ސޯލިހް މާލެއަތޮޅު ގާފަރަށް ކުރެއްވި 2 ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މެންދުރު މާލެ ވަޑައިގަންނަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވެސް ވަނީ މި ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ގާފަރަށް ޒިޔާރަތްކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ގާފަރުގައި ސަރުކާރުން ގާއިމުކޮށްފައިވާ 25 ޓަނުގެ އައިސް ޕްލާންޓް ރަސްމީގޮތުން ވަނީ ހުޅުއްވައިދެއްވާފައެވެ. އެ ސަރަޙައްދުގެ ގިނަ މަސްވެރިންނަށް އައިސް ހޯދުމުގައި އިތުރު ލުއި ފަސޭހަތަކެއް ފޯރުކޮށްދިނުމުގެ ގޮތުން ގާފަރުގައި ގާއިމުކޮށްފައިވާ 3.5 މިލިއަން ރުފިޔާގެ މި އައިސް ޕްލާންޓަކީ 50 ޓަނުގެ ސްޓޯރޭޖް ކެޕޭސިޓީއާއެކީ ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ފިޝަރީސް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން މިފްކޯއާ ޙަވާލުކޮށްގެން ކުރިޔަށް ގެންދިޔަ މަޝްރޫޢެކެވެ.
މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެ ޖިންސުގެ މީހުންނަށް އަމާޒުކޮށްގެން ގާފަރުގައި ބޭއްވި މަސްކެނޑުމުގެ މުބާރާތް ޝަރަފުވެރި ކޮށްދެއްވައި، މަސްވެރިންގެ ދުވަހާ ގުޅުވައިގެން ކުރިޔަށް ގެންދާ ފިޝަރީޒް އެކްސްޕޯއަށް ޒިޔާރަތްކުރައްވައި، މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ގާފަރުގައި ބޭއްވެވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވާފައެވެ. މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިސަރުކާރުން މަސްވެރިކަމުގެ ދާއިރާ ތަރައްގީކުރުމަށް ކޮށްފައިވާ މަސައްކަތްތަކާއި މަސްވެރިކަމުގެ ސިޔާސަތާ ގުޅޭ ގިނަ ވާހަކަފުޅުތަކެއް ރައްޔިތުންނާ ހިއްސާކުރައްވާފައެވެ. އެމަނިކުފާނުގެ އަރިހުގައި ރައީސުލްޖުމްހޫެރިއްޔާގެ ނައިބު ވެސް މި ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފައި ވެއެވެ. އަދި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ގާފަރު ބަނދަރު ސަރަޙައްދުގައި ބިނާކޮށްފައިވާ މޮނިއުމެންޓް ހުޅުއްވައިދެއްވާފައެވެ.
މި ދަތުރުފުޅުގެ ބައެއްގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ ގާފަރުގައި ގާއިމްކޮށްފައިވާ ޕޮލިސް ޕޯސްޓަށް ޒިޔާރަތްކުރައްވައި އެތަން ބައްލަވާލެއްވުމަށްފަހު، ގާފަރު ކައުންސިލާއި އަންހެންނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވާފައެވެ. އަދި މި ބައްދަލުކޮށްލެއްވުމަށްފަހު، އެމަނިކުފާނު ވަނީ ގާފަރުގެ ހެލްތް ސެންޓަރަށް ޒިޔާރާތްކުރައްވާފައެވެ. އެމަނިކުފާނުގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

