މިސަރުކާރުން ނޫސްވެރިކަމަށް ފުރިހަމައަށް މިނިވަންކަންދޭނެ ކަަމަށާއި އެކަމުން ސަރުކާރަށް ލިބެނީ ފައިދާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހާއި، ހިޔުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)އަށް 18 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވަނީ ސަރުކާރުން އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމަށްޓަކައި ކުރައްވާ މަސައްކަތްޕުޅުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ.
އެގޮތުން ރައްޔިތުންގެ ބަސް އިއްވެވުމަަށް ތިއްބެވި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އެއްވެސް ނޫފޫޒެއް ބިރުވެރިކަމެއް ނެތި މަސައްކަތްކުރެއްވޭނެކަމަށާއި، އަދި އެ މެންބަރުންނަށް ސިފައިންނާއި ފުލުހުން ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ. އަދި މި ސަރުކާރުން ނޫސްވެރިކަމަށް ފުރިހަމައަށް މިނިވަންކަން ދޭނެކަމަށާއި އެކަމުން ސަރުކާރަށް ލިބެނީ ފައިދާކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ހަމަ އެއާއެކު، އިންސާނާ ދިރިހުރުމުގެ ހައްގު ރައްކާތެރިކުރުމަށްޓަކައި ސަރުކާރުން މުޅި ރާއްޖޭގައި ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫޢުތަކެއް ކުރިޔަށް ގެންދާކަމަށާއި، އަދި އިތުރު މަޝްރޫއުތައް ފެށުމަށް އަންނަނީ ތައްޔާރުވަމުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން އަސާސީ ޚިދުމަތްތައް ލިބިދޭންޖެހޭ ކަމަށް ކުރީގެ ސަރުކާރުތަކަށް ގަބޫލުނުކުރެވުނު ކިތަންމެ ރަށެއްގައި، މި ސަރުކާރުން އަންނަނީ އެ ޚިދުމަތްތައް ގާއިމުކުރަމުންކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ. އަދި މީގެ ކުރިން ހަމައެކަނި ލިޔުމުގައި ބަޔާންކޮށްފައިވާ ހައްގުތައް މިހާރު ރައްޔިތުންނަށް ފުރިހަމައަށް ލިބޭ ހައްގުތަކަކަށް ހެދުމަކީ ސަރުކާރުގެ އަމާޒެއްކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގައި މިހާރު އޮތީ ވަރަށް ތަޢުލީމީ ހޭލުންތެރި ޒުވާން ޖީލެއްކަމަށާއި، އަދި މި ޖީލުގެ ޒުވާނުންގެ އުންމީދަކީ އިންސާނީ ހައްގުތައް ޙިމާޔަތްކޮށް އެހައްގުތައް ފުރިހަމައަށް ލިބުންކަމަށް ވުމުން، އެ އުންމީދު ފުރިހަމަކޮށްދިނުމަށްޓަކައި ސަރުކާރުން ފުރިހަމައަށް ޒިންމާ އަދާކުރަމުންދާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ގައުމުގައި އެންމެ ނާޒުކު ހާލަތުގައި ތިބޭ ފަރާތްތަކަށް ފޯރުކޮށްދެންޖެހޭ ހައްގުތައް ފޯރުކޮށްދިނުމަށް ސަރުކާރުން މަސައްކަތްކުރައްވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން އަންހެނުންނާއި، ކުޑަކުދިން އަދި އުމުރުން ދުވަސްވީ މީހުންނަށް ގޯނާކުރުމަކީ މި ސަރުކާރުން ތަހައްމަލުކުރާނެ ކަމެއް ނޫންކަމަށާއި، ދައުލަތުގެ ހުރިހާ ހަކަތައެއް ބޭނުންކޮށްގެންވެސް، އެ ފަރާތްތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރައްވާނެކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.
މީގެ އިތުރުން، މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިންސާނާގެ ޒާތާ ގުޅިފައިވާ އަދި އިންސާނާގެ ވަށައިގެންވާ މާހައުލުގެ އެންމެހައި ކަންކަމުގެ ތެރެއިން، ވެށި ޙިމާޔަތްކުރުމަށް ސަމާލުކަން ދިނުމަށް ބާރުއަޅުއްވާފައެވެ. އަދި ރާއްޖޭގައި އިންސާނީ ހައްގުތައް ކުރިއަރުވައި ރައްކާތެރިކޮށް ދެމެހެއްޓުމަށް، ހިއުމަން ރައިޓްސް ކޮމިޝަންގެ ފަރާތުން މަސައްކަތް ކުރައްވާއިރުވެސް، އިންސާނީ ހައްގުތަކާއި ގުޅިފައިވާ ހުރިހާ ދާއިރާތަކަށް މިހާރަށް ވުރެ ބޮޑު ސަމާލުކަމެއް ދެއްވައިގެން އެ މަސައްކަތް ކުރެއްވުމަށް ރައީސް ވަނީ ބާރުއަޅުއްވާފައެވެ.

