އިޖްތިމާއީ މައްސަލަތައް ފެނި އެކަންކަން ބޮޑަށް ފާހަގަކުރެވެނީ އަންހެނުންނަށް ކަމަށް ޑޮކްޓަރ އައިމިނަތު ޖަމީލު ވިދާޅުވެއްޖެއެވެ.
ރަންރިހި ދަރުބާރު ފެށުމުގެ ރަސްމިއްޔާތުގައި ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަމުން ޑޮކްޓަރ އާމިނަތު ޖަމީލު ވިދާޅުވީ ލާމަރުކަޒީ ގާނޫނުގެ ދަށުން އަންހެނުންނަށް ވަރަށް ބޮޑަށް މިނިވަންކަމާއި ބާރު ލިބިފައިވާ ކަމަށެވެ. އެބާރާއި މިނިވަންކަން ބޭނުން ކުރަން ޖެހޭނީ ވަރަށް ވިސްނުންތެރި ކަމާއިއެކީގައިކަމަށް ވިދާޅުވިއެވެ.
ލާމަރުކަޒީ ގާނޫނުގައި ޖުމްލަ ގޮތެއްގައި އަންހެނުންނަށް ވަރަށް ބޮޑެތި ޒިންމާތަކާއި މަސްއޫލިއްޔަތުތައް ހަވާލުކުރެވިފައިވާކަމަށް ޑރ އައިމިނަތު ޖަމީލް ވިދާޅުވިއެވެ. އެގޮތުން ކޮންމެ ކަމެއްގައިވެސް ޕްލޭނެއް އެކުލަވާލާއިރު، މިޕްލޭންތަކާއި ޕްލޭންތަކުގައިވާ ކަންކަން ހުރިހާ މެންބަރުންނަށްވެސް އެނގެންޖެހޭ ކަމަށް އެކަމަނާ ވިދާޅުވިއެވެ. ހުރިހާ އެންމެންނަށްވެސްް އެނގޭގޮތަށް ރާވާލައިގެން ކަންތައްތައް ކުރިއަށް ގެންދިޔުމަކީ މުހިންމުކަމެއް ކަމަށާއި އެނޫން ގޮތަކަށް ކަންތައްތައް ކުރިއަށް ގެންގޮސްފިނަމަ އެއްވެސް ކަމެއްގައި އެބޭނުންވާ އަމާޒަކަށް ނުދެވޭނެކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.
”ޑަބްލިއުޑީސީގައި މަސައްކަތްކުރާ މީހުންނަކީ، އެއީ އަތޮޅެއް ނޫނީ ރަށުގެ ކައުންސިލަރުންގެ ގުނަވަނެއްގެގޮތުގައި ތިބޭ ބައެއް. އެއީ މުޅިން މިނިވަން މުއައްސަސާއެއްގެ ގޮތުގައި މަސައްކަތްކުރާ ތަނެއް ނޫން. އެހެންކަމުން އެކުވެރިކަމާއި އެކީ މަސައްކަތް ކުރުމަށް ގާނޫނު އެނގެންޖެހޭނެ“ ޑޮކްޓަރ އާމިނަތު ޖަމީލު
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުންނަކީ ވަރަށް ގިނަ ކަންތައްތައްކުރެވޭނެ ބައެއްގެ ގޮތުގައި ޑރ އާމިނަތު ޖަމީލް ސިފަކުރެއްވިއެވެ. އެހެންނަމަވެސް އެފަދަ ގިނަ ކަންކަން ކުރުމަށް ފައިސާއަކީ މުހިންމު އެއްޗެއްކަމަށް ޑރ އާމިނަތު ޖަމީލް ވިދާޅުވިއެވެ. ގިނަ ކަންކަމަކީ ފައިސާގެ އެހީއާއެކު ކުރެވޭނެ ކަންކަމަށްވީ ނަމަވެސް އޭގެތެރޭގައި އަންހެން ކައުންސިލް މެމްބަރުންނަށާއި އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށްވެސް ކުރެވޭނެ ވަރަށް ގިނަ އިޖްތިމާއީ ކަންތައްތައް އެބަހުރިކަމަށް އެކަމަނާ ވިދާޅުވިއެވެ. ރާއްޖޭގެ އިޖްތިމާއީ ހާލަތު އޮތް ގޮތަށް އަލިއަޅުއްވާލައްވައި އިޖްތިމާއީ ފޭރާން ވީދިފައިވާ ކަމަށް ގިނަ ބަޔަކު މިހާރު ގަބޫލުކުރާކަމަށް ވިދާޅުވިއެވެ. މުޖުތަމައުގައި ފެންމަތިވާ އިޖްތިމާއީ މައްސަލަތައް ހައްލުކުރުމަށް އަންހެނުންގެ ކޮމިޓީން ކުރެވޭނެ ވަރަށް ގިނަ މަސައްކަތްތައް ހުންނާނެކަމަށް އެކަމަނާ ވިދާޅުވިއެވެ.
ޑރ އާމިނަތު ޖަމީލުގެ ވާހަކަފުޅުގައި އިޖްތިމާއީ މައްސަލަތައް އެންމެ ކައިރިން ފެންނާނީ އަންހެނުންނަށްކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން އިޖްތިމާއީ މައްސަލަތައް އެންމެ ފަސޭހައިން ދެނެގަންނާނީވެސް އަންހެނުން ކަމަށް އެކަމަނާ ވިދާޅުވިއެވެ. އެކަމަނާގެ ވާހަކަފުޅުގައި އައު ކަންކަން ދަސްކުރުން ނުވަތަ އުނގެނުން ހުއްޓާނުލާ ކުރިއަށް ގެންދިއުމަށް އެކަމަނާ ވަނީ ހުރިހާ އަންހެނުންނަށް ގޮވާލައްވާފައެވެ. އަދި ދަސްކުރާ ކަންކަމަކީ ކޮންމެހެން ބޮޑެތި ކަންކަމަށް ވާން ނުޖެހޭ ކަމަށާއި ކުދިކުދި ކަންކަންވެސް ދަސްކުރުމުގެ މުހިންމުކަމުގެ މައްޗަށް ވަނީ އަލިއަޅުއްވާލައްވާފައެވެ.
ރަންހިރު ދަރުބާރު މި ޕްރޮގްރާމަކީ ސިޔާސީގޮތުންނާއި އިގްތިސާދީ ގޮތުން އަންހެނުން ބާރުވެރި ކުރުވުމަށްޓަކައި ލޯކަލް ގަވަމަންޓް އޮތޯރިޓީއިން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މިޕްރޮގްރާމްގެ ފުރަތަމަ ސީރީޒް މިއަދު މާލެ ސިޓީގެ އިތުރުން އައްޑޫ އަދި ފުވައްމުލައް ސިޓީ، ގއ އަދި ގދ އަތޮޅުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް އަމާޒުކޮށްގެން މިއަދު ވަނީ ފަށާފައެވެ.

