އެކަށީގެންވާ ނަތީޖާއެއް ނުނެރެވޭތީ އެންޓި ކޮރަޕްޝަން ކޮމިޝަންގެ ހުރިހާ މެމްބަރުން ވެސް ވަކި ކުރުމަށް ފެންނަކަމަށް އެމްޑީޕީގެ ޕާލިމަންޓް ގްރޫޕުން ނިންމައިފި އެވެ.
މެމްބަރުންނަށް ކުރެވޭ މަސައްކަތްތަކުގެ ޕާފޯމަންސް އޮޑިޓެއް ހެދުމަށް ފަހު، އެ ބޭފުޅުން މަގާމުން ވަކި ކުރުމަށް ފެންނަކަމަށް މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީން ވަނީ ނިންމާފަ އެވެ. އެ ނިންމުމަށް އޭސީސީގެ ބައެއް މެމްބަރުން މީޑިއާތަކަށް އިންޓަވިއު ދީ ވިދާޅުވުވީ މިނިވަންކަމާއި އެކު މަސައްކަތް ކުރުމުގެ ފުރުސަތުތައް ދޭން ޖެހޭ ކަމަށެވެ.
ކޮމިޓީގެ ނިންމުމާއި ގުޅޭގޮތުން ގޮތެއް ނިންމުމަށް މިރޭ ބޭއްވި ކުއްލި ޕީޖީ ބައްދަލުވުމުގައި ނިންމީ އޭސީސީގެ ހުރިހާ މެމްބަރުން ވެސް ވަކި ކުރުމަށް ފެންނަ ކަމަށެވެ.
ޕީޖީގެ މި ނިންމުމާއި އެކު، އެމްޑީޕީން ދަނީ ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމުގެ މަސައްކަތް ކުރަމުންނެވެ.
ކޮރަޕްޝަނަށް މަގުފަހިވަ ގޮތަށް ހިންގާފައިވާކަމަށް ބުނާ ގިނަ މައްސަލަތަކެއްގެ ތަހުގީގު އޭސީސީން ކުރިޔަށް ގެންދިޔަ ނަމަވެސް، ގިނަ މައްސަލަތަކުގައި ދަައުވާ ކުރެވޭ މިންވަރަށް އެކަށީގެންވާ ހެކިތައް ނެތުމުގެ ސަބަބުން ޕްރޮސެކިިއުޓާރ ޖެނެރަލްގެ އޮފީހުން މައްސަލަތައް އަލުން އަނބުރާ ފޮނުވާ ހާލަތްތައް ވަރަށް ގިނަ އެވެ. އެހެންވެ އެކަމަށް ވެސް މަޖިލީހުގެ އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުގެ މެމްބަރުންގެ ފާޑުކިއުން އޮވެ އެވެ.
ވެރިކަމަށް އައުމަށް އެމްޑީޕީން ވަނީ މިނިވަންކަމާއި އެކު މައްސަލަތައް ބަލާނެ އެފަދަ ކޮމިޝަނެއް ގާއިމު ކުރާނެކަމުގެ ވައުދު ވެފަ އެވެ. ނަމަވެސް މި ސަރުކާރު ވެރިކަމަށް އައިސް އަލަށް އައްޔަނު ކުރި އޭސީސީއަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރެވޭތީ މަޖިލީހުގެ ކޮމިޓީއަށް މެމްބަރުން ހާޒިރުކޮށް އެކަމުގެ ނުރުހުމާއި ކަންބޮޑުވުން މަޖިލީހުގެ ތަޅުމުގައި ވެސް ފާޅު ކުރި އެވެ.

