މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)ގެ 2019 އާއި 2020 ވަނަ އަހަރުގެ ސްޓާފް އެވޯޑް ނައިޓް ބާއްވައިފިއެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްޑީ ހަސަން ޝާހު ވިދާޅުވެފައި ވަނީ މި އެވޯޑް ހަފްލާގެ މައިގަނޑު މަގްސަދަކީ ކުންފުނީގެ މުވައްޒަފުންގެ ހުނަރު ފާހަގަކުރުމާއިއެކު މުވައްޒަފުން ކުންފުންޏަށް ކޮށްދެއްވާ ބުރަ މަސައްކަތްތަކުގެ އަގު ވަޒަންކޮށް އަދި އެގޮތުގައި ކުރިއަށް ދިއުމުގެ ރޫހު އާލާކޮށް އެކަމަށް ހިތްވަރު ދިނުން ކަމަށެވެ. އަދި ކުންފުނީގެ އެންމެ އަގުހުރި ރައުސްމާލަކީ ކުންފުނީގެ މުވައްޒަފުން ކަމަށްވާއިރު، ކުންފުނީގެ މުވައްޒަފުންގެ ކުރިއެރުމާއި، ލާބައާއި މަންފާއަށް ގިނަ މަސައްކަތްތަކެއް ވޭތުވެދިޔަ ދެއަހަރުގައި ކޮށްފައިވާކަން އެމަނިކުފާނު ވަނީ ފާހަގަކޮށްފައެވެ.
މިގޮތުން އެކި ދާއިރާތަކުން މުވައްޒަފުން ބިނާކުރުމަށްޓަކައި ކުރުމުއްދަތުގެ ތަމްރީން ޕްރޮގްރާމްތަކާއި އަދި ދިގުމުއްދަތުގެ ސްކޮލާޝިޕް ޕްރޮގްރާމްތަކުގެ ފުރުސަތުތައް ފަހިކޮށްދީ، މުވައްޒަފުންގެ ދުޅަހެޔުކަމާއި، ސިއްޙަތު އަދި ވަޒީފާގެ މާހައުލުގައި ހިތްހަމަޖެހުން އަށަގެންނެވުމަށް މަސައްކަތްތަކެއް ކުރެވިފައިވާކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވަފައެވެ. މީގެއިތުރުން، ފެނާއި ނަރުދަމާގެ ހިދުމަތަކީ ކޮންމެ ދުވަހަކުވެސް ރައްޔިތުންގެ އާއްމު ދިރިއުޅުމާއި ގުޅިފައިވާ، އަދި މެދުކެނޑުމެއްނެތި ފޯރުކޮށްދޭންޖެހޭ ހިދުމަތެއްކަން ފާހަގަ ކުރައްވަމުން މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވީ ”އެކުވެރި އެމް.ޑަބްލިޔު.އެސް.ސީ“ގެ ޓީމުން ކޮވިޑް-19 ގެ އެންމެ ނުރައްކާތެރި ވަގުތުގައިވެސް މެދުކެނޑުމެއްނެތި އަސާސީ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދީފައިވާ ކަމަށެވެ. އެކަމަށްޓަކައި ހުރިހާ މުވައްޒަފުންނަށް އެމް.ޑީ ޝާހު ވަނީ ޝުކުރުއަދާކުރައްވާފައެވެ.
މި އެވޯޑް ނައިޓްގައި ދިގު މުއްދަތެއްގައި ކުންފުންޏަށް ހިދުމަތް ކުރައްވާފައިވާ މުވައްޒަފުންނަށާއި، 2019 ވަނަ އަހަރާއި 2020 ވަނަ އަހަރު އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށް އެފަރާތްތަކަށް އެމް.ޑަބްލިޔު.އެސް.ސީ އަން ވަނީ އެވޯޑް ދީފައެވެ. މީރުމާގައި ބޭއްވި މި ހަފްލާގައި މުވައްޒަފުންނަށް އެވޯޑްތައް ހަވާލުކޮށްދެއްވާފައި ވަނީ މިހަފްލާގެ ޝަރަފުވެރި މެހުމާން އެމް.ޑަބްލިޔު.އެސް.ސީގެ ޗެއާމަން އަލްފާޟިލް އަހްމަދު މައުސޫމް އާއި، މިކުންފުނީގެ ބޯޑު ޑިރެކްޓަރުންނާއި، މިކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަލްފާޟިލް ހަސަން ޝާހުގެ އިތުރުން، ސީނިއާ މެނޭޖުމަންޓް ޓީމުގެ މެންބަރުންނެވެ. 2019 ވަނަ އަހަރާއި 2020 ވަނަ އަހަރު ތަފާތު 9 ކެޓަގަރީއަކުން 87 މުވައްޒަފުން ވަނީ އެވޯޑް ޙާސިލްކޮށްފައެވެ.
އެމްޑަބްލިޔުއެސްސީއަކީ މިއަދު ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަށް ފެނާއި ނަރުދަމާގެ ހިދުމަތްތައް ފޯރުކޮށްދޭ ޔުޓިލިޓީ ކުންފުންޏެއްގެ އިތުރުން، ރާއްޖޭގެ ނިސްބަތުން ފުޅާ ދާއިރާއެއްގައި އިންޖީނިއަރިންގ އާއި މެނުފެކްޗަރިންގ އަދި ޓްރޭޑިންގ ދާއިރާއިންވެސް ފާހަގަ ކޮށްލެވޭ ކުންފުންޏެކެވެ. އެމްޑަބްލިއުއެސްސީއަކީ މިއަދު 100 އިންސައްތަ ދިވެހި މެނޭޖްމެންޓެއް އޮތް އަދި ކާމިޔާބުކަމާއެކު ހިންގަމުންދާ ފަހުރުވެރި ކުންފުންޏެކެވެ. މި ކާމިޔާބީތަކާއި ހިންގުންތެރިކަމުގެ ހަގީގީ މޭސްތިރިންނަކީ ކުންފުނީގެ ހީވާގި މުވައްޒަފުން ކަމަށްވާއިރު، މުވައްޒަފުންގެ ހިދުމަތްތައް ފާހަގަކޮށް އަގުވަޒަން ކުރުމަކީ ކުންފުނިން ނުހަނު އިސްކަމެއް ދޭ ކަމެއް ކަމުގައި އެމްޑަބްލިއުއެސްސީއިން ބުނެއެވެ.

