ރާއްޖެއަށް ޒަމާނީ ސިއްހީ ހިދުމަތްތައް ތައާރަފްކުރުމުގައި އޭޑީކޭ އިން ބޮޑެތި ކާމިޔާބީތަކެއްް ހޯދާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
އޭ.ޑީ.ކޭ ހޮސްޕިޓަލަށް 35 އަހަރު ފުރޭ މުނާސަބަތުގައި ”35 ގަޑިއިރުގެ ”ރަން ފޮރ ޗެރިޓީ: ދުވާހިތުން“ ދުވުމުގެ ޙަރަކާތް ނިންމުމުގެ ރަސްމިއްޔާތުގައި މިރޭ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ 1987 ވަނަ އަހަރު ހުޅުވި މެޑި ކްލިނިކް، ހޮސްޕިޓަލެއްގެ ފެންވަރަށް ތަރައްޤީވުމަކީ، ރާއްޖޭގެ ޞިއްޙީ ދުޅަހެޔޮކަމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
”ޒަމާނީ ޞިއްޙީ ޚިދުމަތްތައް ދިނުމުގައި، އޭ.ޑީ.ކޭ އަންނަނީ ވަރަށް ބޮޑެތި ކާމިޔާބީތައް ޙާޞިލްކުރަމުން. އެއިން ކޮންމެ ކާމިޔާބަކީ، ޢާންމު ރައްޔިތުންގެ ޞިއްޙަތަށް ލިބޭ ކުރިއެރުމެއް“ ރައީސް ވިދާޅުވި އެވެ.
އޭ.ޑީ.ކޭ.ގެ މި ފަޚުރުވެރި ކާމިޔާބީގެ އެންމެ ބޮޑު ޙިއްޞާދާރަކީ، އޭޑީކޭ ކުންފުނީގެ ޗެއާމަން އަދި ސީއީއޯ އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު) ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން އޭ.ޑީ.ކޭ. ހޮސްޕިޓަލްގެ ތާރީޚަށް ބަލާއިރު، ޒަމާނީ ޞިއްޙީ ޚިދުމަތްތައް ރާއްޖެއަށް ތަޢާރުފްވުމުގައިވެސް އެ ހޮސްޕިޓަލް ވަނީ ވަރަށް ފަޚުރުވެރި މަޤާމެއް ޙާޞިލްކޮށްފައި ކަމަށް ރައީސް ވިދާޅުވި އެވެ.
”އެމް.އާރް.އައި.ގެ ޚިދުމަތާއި، ސީ.ޓީ ސްކޭންގެ ޚިދުމަތް ރާއްޖޭގައި އަލަށް ފެށްޓީ އޭ.ޑީ.ކޭ.އިން. ފުއްޕާމެޔާއި، ހިތް ފަޅައިގެން ކުރާ އޮޕަރޭޝަންތައް މިހާރު ރާއްޖޭގައި ކުރެވެން ހުރީވެސް ހަމައެކަނި މި ހޮސްޕިޓަލުން. ބޮލާއި ސިކުނޑިއާއި، ނާރުގެ އޮޕަރޭޝަންތައްވެސް ކުރެވެންހުރީ ހަމަ މި އޭ.ޑީ.ކޭ.ގައި“ ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން އޭޑީކޭ ހޮސްޕިޓަލުން މިހާރު ތައްޔާރުވަމުންދަނީ، ކެންސަރު ބަލި ދެނެގަތުމަށްޓަކައި ހަދާ ޕެޓް ސީޓީ ސްކޭންގެ ޚިދުމަތް ވަރަށް އަވަހަށް ތަޢާރުފް ކުރަން ކަމަށް ރައީސް ވިދާޅުވި އެވެ. މިއީ ރާއްޖެއަށް ވަރަށް ބޮޑަށް ބޭނުންޖެހިފައި އޮތް ކަމެއް ކަމަށާއި އަދި އެންމެފަހުގެ އެމް.އާރް.އައި.ގެ ޚިދުމަތްވެސް ހޮސްޕިޓަލުން ވަރަށް އަވަހަށް ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އޭ.ޑީ.ކޭ.އިން އާންމު ރައްޔިތުންނަށް ދެމުން އަންނަ ޚިދުމަތްތައް ވަރަށް ގިނަ ކަމަށާއި އަދި ރާއްޖެއަށް ދިމާވި ޤުދުރަތީ ކޮންމެ ކާރިސާއެއްގައި، ޢާންމު ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ދިނުމަށް، އޭ.ޑީ.ކޭ. އެންމެ ކުރީ ސަފަށް ނުކުންނަކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.
”މިދިޔަ 35 އަހަރުގެ ތެރޭގައި، އޭ.ޑީ.ކޭ.ގެ ސަބަބުން ރައްޔިތުންގެ ޢާންމު ޞިއްޙަތަށް ވަރަށް ހެޔޮ ބަދަލުތަކެއް އައިކަން އަޅުގަނޑަށް ފާހަގަކުރެވޭ. ޞިއްޙީ ދުޅަހެޔޮކަމާ އެކަށޭނަ ގޮތަކަށް، ދިރިއުޅުމުގެ އާދަކާދަތަކާއި ވައްޓަފާޅިތައް ބަދަލުކުރުމަށް، މި ހޮސްޕިޓަލުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން އަޅުގަނޑު ޤަބޫލުކުރަން“ ރައީސް ވިދާޅުވި އެވެ.

