ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދުބާއީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު މިއަދު މާލެ ވަޑައިގެންފި އެވެ.
ރައީސްގެ މި ދަތުރުފުޅަކީ އަބޫދާބީގެ ވަލީއަޙުދު އަދި ޔޫއޭއީގެ އާމްޑް ފޯސަސްގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރ، ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާންގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.
ޔޫ.އޭ.އީގެ ދުބާއީ އަށް ކުރެއްވި ތިން ދުވަހުގެ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އަބޫދާބީ ސަސްޓެއިންނަބިލިޓީ ވީކް ހުޅުވުމުގެ ރަސްމިއްޔާތު އަދި ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑް ދެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. އެ ރަސްމިއްޔާތަށް ފަހު އެމަނިކުފާނު ވަނީ ދުބާއީ އެކްސްޕޯ 2020އަށް ޒިޔާރަތް ކުރައްވައި އެކްސްޕޯގައި ބަހައްޓާފައިވާ ޕެވިލިއަންތަކުގެ ތެރޭން ދިވެހިރާއްޖޭގެ ޕެވިލިއަން އާއި ސިންގަޕޫރުގެ ޕެވިލިއަން އާއި އިޓަލީގެ ޕެވިލިއަންގެ އިތުރުން ވިޝަން ޕެވިލިއަން އަށް ޒިޔާރަތްކުރައްވައި އެ ތަންތަން ބައްލަވާލައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޔޫ.އޭ.އީ.ގެ ދުބާއީއަށް ކުރެއްވި މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.

