ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮޑެތި ބާރުތަކާއި މެދު ނަފްރަތު އުފެއްދުމުން ގައުމުތަކުގެ މިނިވަންކަމަށް އަސަރު ކުރޭ: ނަޝީދު

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި ކުރިޔަށް ގެންދާ ”އިންޑިއާ އައުޓް“ ގެ ސަބަބުން ކުރާ ގެއްލުންތައް ފަހުން ފެންނާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ގައުމުގެ މިނިވަންކަން ގެއްލެމުންދާކަމަށާއި، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ފައިބަން ޖެހޭކަމަށް އިދިކޮޅުން ކުރިޔަށް ގެންދާ ”އިންޑިއާ އައުޓް“ ހަރަކާތަށް ސަރުކާރުގެ ނުރުހުން ވަރަށް ބޮޑަށް ވަނީ އަމާޒުވެފަ އެވެ. އިދިކޮޅުން މި ކެމްޕެއިން ކުރިޔަށް ގެންދަނީ އިންޑިއާއި އެކު ގޮތް ނޭނގޭ އެއްބަސްވުންތަކެއް އެކުލަވާލާފައިވާކަމަށާއި، އެ އެއްބަސްވުންތަކުގެ ދަށުން ރާއްޖޭގައި ހަތިޔާރު އެޅި އިންޑިއާ ސިފައިން ތިބެ އެ މީހުންގެ ބޭސްއެއް ގާއިމު ކުރަމުންދާކަމަށް ބުނެ އެވެ. ނަމަވެސް ގައުމީ ދިފާއީ ބާރު އެމްއެންޑީއެފާއި، ސެރުކާރުން ވަނީ އެކަން ދޮގުކޮށްފަ އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް އެކި ފަހަރުމަތީން ހުށަހެޅި މައްސަލަތަކަށް ފަހު މީގެ ދުވަސްތަކެއް ކުރީން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވަނީ ހެލިކޮޕްޓަރު ބެެލެހެއްޓުމަށާއި، ޑޯނިއާ ދުއްވުމަށް ރާއްޖޭގައި 75 އިންޑިއާ ސިފައިން އެތަބިތިބިކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެ މީހުންގެ ސަބަބުން ގައުމުގެ މިނިވަންކަމަށް އޮތް އެއްވެސް ނުރައްކަލެއް ނެތްކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އިދިކޮޅުން މި މައްސަލައިގައި ކުރިޔަށް ގެންދާ ކެމްޕެއިން މުޅި ރާއްޖެއަށް ފުޅާކޮށްފައިވާއިރު، ޖަލުން މިނިވަންވުމަށް ފަހު ރައީސް ޔާމީން ގެންދަވަނީ އަތޮޅުތަކުގައި ހިންގާ މި ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވަމުންނެވެ.

ކޮމަންޑޫ ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ރާޝިދުގެ ކެމްޕޭނަށް ށ. ފޯކައިދޫގައި ބޭއްވި ހާއްސަ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ، އަވައްޓެރި އިންޑިއާ އާއި ދެކޮޅަށް ރައީސް ޔާމީން ހިންގަވަނީ ވަރަށް ނުރައްކާތެރި އަދި ގޯސް ހަރަކާތެއް ކަމަށެވެ.

ކުރިއަރަމުން އަންނަ ދުނިޔެއެއްގެ ތެރެއިން ނޭފަތުގެ ކުރީގައި ވިސްނުން ބަހައްޓައިގެން ކުރިޔަށް ނުދެވޭނެކަމަށާއި، އެއްވެސް ގައުމަކަށް އަމާޒުކޮށް ”އައުޓަށް“ ނުގޮވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އޭގެ ބަދަލުގައި ގުޅުން އިތުރަށް ބަދަހިކޮށް، އެކުގައި އިތުރަށް މަސައްކަތް ކުރަންވީކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ސަބަބުން ދިވެހިންނާއި އޭގެ ގެއްލުންތައް ކުރިމަތިވާނެކަން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ، އިންޑިއާއަކީ ދުނިޔޭގެ އެންމެ ވަރުގަދަ އެއް ބާރުކަމަށެވެ. އަވައްޓެރި ގައުމެއްގެ ގޮތުގައި ރާއްޖެ އޮވެ އިންޑިއާއަށް އަމާޒު ކުރާ ބަސްތަކުގެ ސަބަބުން، އޭގެ ހުރިހާ ގެއްލުމެއް ފަހުން ފެންނާނެކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. ރައީސް ނަޝީދު ވިދާޅުވީ އިދިކޮޅުގެ ސަބަބުން އިންޑިއާއި ދިވެހިންގެ މޫނު ކެނޑެމުންދާ ކަމަށެވެ. އެއީ ވަރަށް ގޯސް މަންޒަރެއްކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

”އިން ވާން ޖެހޭނީ. އައުޓެއް ނުވެވޭނެ“ ރައީސް ނަޝީދު

ގައުމުތަކާއި ޖެހިގަތުމުގެ ސަބަބުން ނިކުމެފައިވާ ނަތީޖާތަކުން އިބުރަތް ހާސިލު ކުރުމަށް ގޮވާލައި ރައީސް ނަޝީދު ވިދާޅުވީ، ރައީސް ޔާމީންގެ މި އަމަލުން މިނިވަންކަން ގެއްލުމަށް ހުށަހެޅިދާނެ ކަމަށެވެ. އަދި ބޮޑެތި ބާރުތަކާއި މެދު ނަފްރަތު އުފެއްދުމުގެ ސަބަބުން ގައުމުތަކުގެ އިސްތިގުލާލާއި މިނިވަންކަން ގެއްލުނުކަން ތާރީހުން ހެކިދޭކަމަށެވެ.

”އިންޑިއާ އައުޓް“ ގެ ހަރަކާތަށް ދިވެހިންގެ އެއްވެސް ޝައުގުވެރިކަމެއް އަދި ތާއީދެއް ނެތްކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

”ގައުމުތަކުގެ އިސްތިގްލާލާއި މިނިވަންކަން ގެއްލި މި ދަނީ ބޮޑެތި ބާރުތަކާ ނަފްރަތު އުފެއްދުމުން“ ރައީސް ނަޝީދު

ރައީސް ނަޝީދު ވަނީ މީގެ ކުރިން ވެސް ބޭއްވި އެމްޑީޕީގެ އެކި ހަރަކާތްތަކާއި، ޖަލްސާތަކުގައި އިންޑިއާއި މެދު އުފައްދަމުންދާ ނަފްރަތު ހުއްޓުވުމަށް ގޮވާލާފަ އެވެ. އަދި ސިފައިންނާއި ފުލުހުން ނެރެގެން ވިޔަސް އިދިކޮޅުގެ އެ ހަރަކާތް ހުއްޓުވައި، އެބޭފުޅުންނާއި މެދު ގާނޫނީ ފިޔަވަޅު އަޅަން ޖެހޭކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ގަބޫލު ކުރައްވާ ގޮތުގައި އިންޑިއާ އަކީ ރާއްޖެއަށް ދިމާވާ ކޮންމެ ދަތި އުނދަގޫ ވަގުތެއްގެ ތެރެއިން އެންމެ އަވަސް އެހީތެރިކަން ފޯރުކޮށްދޭ ގައުމެވެ. އެގެ ތެރޭގައި ގައުމުގެ މިނިވަންކަން ގެއްލުނު ކޮންމެ ފަހަރަކާއި 2004 ގައި ދިމާވި ސުނާމީ ކާރިސާ، އަދި 2014 ގައި މާލޭގެ ފެން ކެނޑި ކުރިމަތިލާން ޖެހުނު ވޯޓާ ކްރައިސިސް އަދި ކޮވިޑުގެ ދަތި އުނދަގޫ ވަގުތުގެ ތެރެއިން އިންޑިއާއިން ފޯރުކޮށްދިން އެހީތައް އެމަނިކުފާނު ފާހަގަ ކުރައްވަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: