ޗައިނާގެ ބައެއް ކުންފުނިތަކުން ރާއްޖޭގެ ރަށްތަކެއްގައި ހިންގި ޕްރޮޖެކްޓްތަކެއް މިސަރުކާރުން ހުއްޓުވާފައި ވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ދިވެހިރާއްޖެއާއި ގާތް ގުޅުމެއް އޮތް ޗައިނާއަށް އެމްޑީޕީގެ ފާޑުކިއުންތައް އަމާޒުވެ އެވެ. ހާއްސަކޮށް ރައީސް ނަޝީދު ގަބޫލު ކުރައްވާ ގޮތުގައި އިގްތިސާދީ އެހީތެރިކަމުގެ ނަމުގައި އެ ގައުމުން ރާއްޖެ ޖެއްސީ، ދަރަނީގެ ދަންތުރައެއްގަ އެވެ.
ދާދިފަހުން ސްރީލަންކާއަށް ކުރެވި ދަތުުރުފުޅުގެ ތެރެއިން އެ ގައުމުގެ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ ޗައިނާއިން ރާއްޖޭގެ ރިސޯޓުތަކެއްގެ މަސައްކަތް ކުރި ކަމަށެވެ. އެ މަސައްކަތް ޗައިނާއިން ކުރަނީ ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ 16 ރަށެއްގައިކަމަށް އެމަނިކުފާނު ތުހުމަތުތަކެއް ކުރެއްވި އެވެ. އެހެންވެ އެމްޑީޕީން ވެރިކަމަށް އައިސް އެ ޕްރޮޖެކްޓުތައް ހުއްޓުވިކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ރައީސް ނަޝީދު ވިދާޅުވީ އަދިވެސް އެ މީހުންގެ މަގްސަދާއި މެދު ސުވާލު އުފެދޭކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ޗައިނާގެ ކުންފުނިތަކުން ރަށްތަކެއްގެ މަސައްކަތްތަކެއް ކުރިޔަށް ގެންދަނިކޮށް، އެކަން ހުއްޓުވިއިރު މަސައްކަތް އޮތީ އެކި މަރުހަލާތަކުގެ ތެރޭގައި ކަމަށާއި، ކުންފުނިތަކުގެ އަތުން ރަށްތައް ނެގިތާ ދުވަސްތަކެއް ވެފައިވާކަމަށެވެ.
”މި ރަށްތަކުގައި ރިސޯޓް ހެދުމާއި މި ރަށްތަކުގެ މިލްކުވެރިކަމާ މެދު އަނެއްކާވެސް ސުވާލު އުފެދޭ.. ޗައިނާގެ ކުންފުނިތަކުން އިމާރާތް ކުރުމުގެ ތަފާތު މަރުޙަލާތަކުގައި ގާތްގަނޑަކަށް ހައެއްކަ ރަށް އެބައޮތް… އެކަމަކު ކޮންސްޓްރަކްޝަން މަސައްކަތް މިހާރު ހުއްޓިފައި ގިނަ ދުވަސްތަކެއް ވެފައި ވާއިރު މި ރަށްތަކުގެ ކޮންޓްރެކްޓް މިލްކުވެރިކަން ކޯޓުތަކުން ނިންމަން ޖެހޭ“ ރައީސް ނަޝީދު
ރައީސް ޔާމީން އިސްވެ ހުންނަވައި އިންޑިއާއަށް އަމާޒުކޮށް ކުރިޔަށް ގެންދާ ކެމްޕެއިނަށް ރައީސް ނަޝީދު ފާޑުވިދާޅުވި އެވެ. އެއީ އެއްވެސް އަމާޒެއް ނެތް ކެމްޕެއިން ހަރަކާތެއްގެ ގޮތުގައި ސިފަ ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ދެން އަންނަ ސަރުކާރަކާއި މެދު ދިވެހިން ގޮތް ނިންމާނީ ސިޔާސީ އެއްވެސް ގުޅުމަކާ މެދު ނޫން ކަމަށެވެ.
The ruling Maldivian Democratic Party ( stopped some Chinese "island projects" as promised in the run-up to the 2018 presidential poll and is now looking to repay a major chunk of its debt to China, Maldives Speaker Mohamed Nasheed told EconomyNext. https://t.co/IckME8gTTA
— EconomyNext (@Economynext) January 24, 2022
މި އަހަރަކީ ރާއްޖެއިން ޗައިނާއަށް ދައްކަން ޖެހޭ ދަރަނި އެންމެ ބޮޑު އަހަރު ކަމަށެވެ. އަދި އެ ނޫން ވެސް ސޮވެރިން ބޮންޑުތަކެއް ބައިނަލްއަގުވާމީ މާކެޓުގައި ހުރިއިރު ލޯނުތައް އަނބުރާ ދެއްކުމުގައި އުނދަގޫތަކެއް ދިމާވާނެކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
”އާންމު ގޮތެއްގައި ދަރަނި އަދާކުރުމަށް އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 250 މިލިއަން ޑޮލަރު ދައްކަން ޖެހޭ. އެކަމަކު މިފަހަރު އެ އަދަދުގެ ދެގުނަ އެވެ. އެހެންވީމާ އެކަން ވާނީ ޗެލެންޖަކަށް… އެކަމަކު އަޅުގަނޑަށް ހީވަނީ އަދިވެސް އަޅުގަނޑުމެންނަށް އެ ފައިސާ އަނބުރާ ދެއްކޭނެހެން. ފަތުރުވެރިކަން އަންނަނީ ރަނގަޅުވަމުން“ ރައީސް ނަޝީދު
އިންޑިއާ އާއި ގާތް ގުޅުން ބޭއްވި ނަމަވެސް މަޝްރުއޫއުތައް ހަވާލު ކުރަނީ ދެފުށް ފެންނަ އުސޫލެއްގެ ތެރެއިންކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި ވިސްނުމަކީ ކޮންމެހެން އިންޑިއާއި އެކު ހުރިހާ މަޝްރޫއުތަކެއް ކުރިޔަށް ގެންދިއުން ނޫންކަމަށް ވެސް އެމަނިކުފާމު ވިދާޅުވި އެވެ.
ޗައިނާގެ ބައެއް ކުންފުނިތަކުން ކުރަމުން ދިޔަ މަސައްކަތްތަކެއް ހުއްޓުވިކަމަށް ރައީސް ނަޝީދު ވިދާޅުވީ ނަމަވެސް، ދިވެހި ސަރުކާރުން އެފަދަ އެއްވެސް ވާހަކައެއް މިހާތަނަށް ހާމަކޮށްފަައި ނުވެ އެވެ.

