މާލެ ސިޓީގައި ދިރިއުޅުމުގެ ދަތިކަން ކުޑަކުރުމަށް ސިޓީ ކައުންސިލުން މާލޭގެ ރައްވެހިންނަށް ހާއްސަކޮށް ދަފްތަރެއް ހުޅުވައިފި އެވެ.
މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަތައް ހައްލު ކުރުމަށާއި، ގޯތި ބޭނުންވާ ފަރާތްތައް ދެނެގަތުމަށް ދަފްތަރެއް އެކުލަވާލުމަށް ނިންމީ، އެ ކައުންސިލުން މިދިޔަ ހަފްތާގައި ބޭއްވި ބައްދަލުވުމެއްގަ އެވެ،
މާލެއިން ލިބިފާވާ ކުދި ބިންތަކުގެ ބަދަލެއްގެ ގޮތުން މާލެ ސިޓީ ހިމެނޭ ސަރަހައްދުން ގޯޗަށް ކުރިމަތިލުމުގެ ޝައުގު ހުރި ފަރާތްތަކަށް އޮންލައިންކޮށް އެކަމަށް ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. ކައުންސިލް ބައްދަލުވުމުގައި އެގޮތަށް ހުށަހެޅުއްވީ ހުޅުމާލެ ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އެވެ. އަދި އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ، މަލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝެވެ،
ޝުޖާއު ވިދާޅުވީ މާލޭގެ ކުދި ބިންތައް ހުރިފަރާތްތަކުން އެ ބިން ދޫކޮއްލުމަށްފަހު، ހުޅުމާލެ ނޫނީ މާލެ ހިމެނޭ ސަރަހައްދުން ގޯތި ލިބޭނެ ނިޒާމެއް ހަމަޖެހިގެންދާންވާނެކަމަށާއި، އަދި އެ މީހުންނަކީ ކޮބައިކަން ދެނެގަނެވޭނީ ގޯތިބެނުންވާ މީހުންގެ ދަފްތަރެއް ހުލުވާލުމުން ކަމަށެވެ.
މި ގޮތައް އޮންލައިންކޮށް ދަފްތަރެއް ހުޅުވާލުމަކީ ސަރުކާރަށާއި ސިޓީކައުންސިލައްވެސް ފަސޭހަވެގެންދާނެ ކަމެއް ކަމުގައި ޝުޖާއު ވިދާޅުވެފާވެއެވެ.
ޝުޖާއުގެ މި ހުށައެޅުމާއި ގުޅިގެން މޭޔަރ ވިދާޅުވީ، ލާމަރުކަޒީ ޤާނޫނުގަވާގޮތުން މާލެސިޓީގެ އިމުގައިވާ ސަރަހައްދެއްގައި އެއްވެސްކަމެއް ހިންގަންވާނީ ސިޓީ ކައުންސިލާ މަޝްވަރާކުރުމަށްފަހުގައި ކަމެވެ. ނަމަވެސް ޤާނޫނުގައި ވާފަދައިން މިފަދަ އެއްވެސްކަމެއް ސިޓީ ކައުސްސިލާ މަޝްވަރާ ނުކުރައްވާކަމަށް މޭޔަރ ވަނީ ވިދާޅުވެފައެވެ.
އަދި މާލޭގެ ކުދި ގޯތިތައްހުރި ފަރާތްތަކުން އެ ގޯތިތައް ދޫކޮއްލުމަށްފަހު ހުޅުމާލެއިން ގޯތި ދޫކުނާނަމަ އެފުރުސަތު ބޭނުންވާކަމަށް އެދި ސިޓީ ހުށައަޅުއްވާކަމަށްވެސް މޭޔަރ ފާހަގަ ކުރައްވަފައިވެއެވެ.
މި ހުށަހެޅުންތައް ކައުންސިލަށް ބަލައިގަތުމަށާއި، އެކަމަށް ޝައުގު ހުރިފަރާތްތަކުގެ މައުލޫމާތު އެއްކުރުމަށް ހުޅުވާލުމަށް އެދި ހުށައެޅުނު ހުށައެޅުމަށް ރިޔާސަތުން ވޯޓައް އެއްސެވުމުން އެދުވަހު ޖަލްސާގައި ބައިވެރި ވަޑައިގަތް 16 މެންބަރުންގެ ވޯޓުންވަނީ ފާސްވެފައެވެ.
މި ނިންމުން ތަންފީޒު ކުރުމަށް ކުރަންޖެހޭ ކަންކަން ނިންމުމަށް،ޤާނުނާއި ޤަވައިދާ އެއްގޮތްވާގޮތުގެ މަތިން އަމަލު ކުރުމަށް ކައުންސިލުންވަނީ ނިންމަވާފައެވެ.

