ކުޑަކުދިންނަށް ހާއްސަ ޑޭ ކެއާ ސެންޓަރެއް ހުޅުމާލޭގައި ހަދާނެ ބަޔަކު ހޯދުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން އިއުލާނުކޮށްފި އެވެ.
އެޗްޑީސީން ބުނީ ޑޭ ކެއާ ސެންޓަރު އިމާރާތް ކުރުމަށް ހަމަޖެހިފައި ވަނީ ބޯގަންވިލާ މަގުގައި އޮންނަ ލޮޓު ނަންބަރު 10949 ގައި ކަމަށެވެ. އޭގެ މޮޑެލްއަކީ ޑިވެލޮޕްމަންޓް އެންޑް ލީސް ރައިޓްސް އެވެ.
ޑިވޮލަޕްމަންޓް އެންޑް ލީސް ރައިޓްސްގެ ވިޔަފާރި އުސޫލުން ޕްރޮޕޯސަލް ހުށައެޅުމަށް ހުޅުވާލި އިރު އެނޫން އެހެން ގޮތެއްގައި ވެސް ޕްރޮޕޯސަލް ހުށައެޅިދާނެ ކަމުގައި އިއުލާނުގައި ވެއެވެ. ޕްރޮޕޯސަލް ހުށައަޅާއިރު އެކަމުގައި ދެ ފަރާތަށް އޮންނާނެ ފައިދާ އާއި މަންފާ ސާފުކޮށް ބަޔާން ވެފައި އޮންނަންވާނެ ކަމަށާއި ޑޭ ކެއަރ ސެންޓަރުގެ ކުރެހުން ވެސް އެޗްްޑީސީގެ އިރުޝާދާ އެއްގޮތަށް ހިމެނިފައި އޮންނަން ވާނެ ކަމުގައި އެޗްޑީސީން ބުނެ އެވެ.
މީގެ އިތުރުން ހުށައަޅާ ޕްރޮޕޯސަލްތައް ބަލައިގަނެ އިވެލިއޭޓް ކުރުމުގައި އެއް ޕްރޮޕޯސަލަށް ވުރެ ގިނަ ވެއްޖެ ހާލަތެއްގައި ހުށައަޅާފައިވާ ޕްރޮޕޯސަލްތަކުގެ ތެރެއިން މާލީ ގޮތުން ތަނަވަސް ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭ ޕްރޮޕޯސަލެއް ހިޔާރު ކުރެވޭނެކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ. އަދި ޑޭކެއަރ ސެންޓަރު ތަރައްގީ ކުރާ ފަރާތަކަށް އެތަން ކުއްޔަށް ދޫކުރުމުގެ އިހްތިޔާރު ލިބިދޭނެ ކަމަށް ވެސް އެޗްޑީސީއިން ހާމަކޮށްފައިވެއެވެ.
ހުޅުމާލޭ ހިޔާ ފްލެޓްތަކުގައި ޑޭ ކެއާ ސެންޓަރެއް ހަދަން މީގެ ކުރިން ވެސް އެޗްޑީސީން ހުޅުވާލި އެވެ.

