މިވަގުތަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ތެރެއިން އަންހެން އެކްޓިވިސްޓުންގެ ބަދަލުގައި އަންހެން ވެރިން އުފައްދަންވީ ވަގުތުކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީޕީ އަންހެނުން ރޫހުގެ ރައީސް ކަމަށް ކުރިމަތިލައްވާފައިވާ ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބަށް އިކޮނޮމިކް މިނިސްޓަރ އަލްއުސްތާޒް ފައްޔާޒް އިސްމާއީލާއި މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމްގެ ކެމްޕެއިން ލޯންޗްކުރުމަށް ށ. މިލަންދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރޮޒެއިނާ ވިދާޅުވީ އެމްޑީޕީގައި ”އަންހެނުންގެ ރޫހު“ ހިންގާތާ 13 އަހަރު ވެފައިވާއިރު ”ފިސާރި އަންހެން އެކްޓިވިސްޓުން“ އެ މުއްދަތުގައި އުފައްދާފައިވާ ކަމަށެވެ. އެހެންނަމަވެސް މިހާރު މިއީ ”ފިސާރި އަންހެންވެރިން“ އެ ޕާޓީން އުފައްދަންވީ ދުވަސް ކަމަށެވެ.
ގައުމު ރަނގަޅު މިސްރާބަކަށް ގެންދެވޭނީ އެންމެންގެ ހިއްސާ އޮވެގެން ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ. ރޮޒެއިނާ ވަނީ ބިރުން ނުތިބެ ލަދު ކަނޑާލައި ސިޔާސީ ދާއިރާއަށް އެކަމަނާ އާއިއެކު ނުކުމެ ފިސާރި އަންހެން ވެރިންތަކެއް ނެރުމަށް އޭނާގެ އަތުގައި ހިފުމަށް އެމްޑީޕީގެ އަންހެން މެންބަރުންނަށް ގޮވާލާފައެވެ.
”އެކަމަކު ކޮންމެ މަސައްކަތެއް ވެސް ހަޑި ކުރީމާ ހަޑިވާނެ. ރީތިކޮށް ކުރީމާ ހަމަ ރީތި ވާނެ. އަޅުގަނޑަށް އެނގޭ ވަރަށް ބައިވަރު ގޮންޖެހުންތައް އެބަހުރިކަން،“ ރޮޒެއިނާ
ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރޮޒެއިނާ ވަނީ ޕެޕާ ސްޕްރޭ އަދި ވެދާނެ އަނިޔާއަކަށް ނުބަލައި އެމްޑީޕީގެ އަންހެން ކަނބަލުން ކުރެއްވި ހިތްވަރުން ރާއްޖެއަށް ޑިމޮކްރެސީ ގެނެވުނީތީ އެކަބަލުންނަށް ޝުކުރު އަދާކުރައްވާފައެވެ. ރޮޒެއިނާ ވަނީ އެމްޑީޕީގެ އަންހެނުންގެ ރޫހު ގަދަޔަށް ހިންގާލަން އޭނާ އަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފައެވެ.
މީގެ އިތުރުން ރޮޒެއިނާ ފާހަގަ ކުރެއްވީ ސިޔާސީ މަސައްކަތަކީ ހަޑި މަސައްކަތެއް ކަމަށް އެތައް ބަޔަކު ބުނަމުން އައި ނަމަވެސް މިއީ ހަޑި މަސައްކަތެއް ނޫން ކަމަށާއި ހަޑި ވަނީ ކަން ކުރާގޮތް ކަމަށެވެ. ރޮޒެއިނާ ވަނީ އޭނާ މި މަގާމަށް ހޮވައިދީފިނަމަ ޕާޓީގެ ތެރެއިން ލިބެންޖެހޭ ގަދަރާއި އިއްޒަތް އަންހެން ކަނބަލުންނަށް ހޯދައިދެއްވުމައްޓަކައިމަސައްކަތް ކުރާނެކަމަށް ވިދާޅުވެފައެވެ.

