މީގެ ކުރިން ކުނި މެނޭޖު ކުރުމުގެ ނަމުގައި އެ ކުނިތައް ވަކިތަނަކަށް ޖަމާކޮށް ބެހެއްޓީކަމަށާއި އެއްގޮތަކަށް ވެސް އެ ކުނިތައް ބައިކޮށް އާމްދަނީ ހޯދޭނެ ވަސީލަތަކަށް ހެދުމުގެ ވިސްނުން ގެންގުޅެފައި ނުވާކަމަށް އެންވަޔަރަމަންޓް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝައުނާ ވިދާޅުވީ އެތައް އަހަރެއް ވަންދެން ދުން އަރަމުން ދިޔަ ތިލަފުށީގެ ކުނިގޮނޑު ނިއްވާލެވިއްޖެ ކަމަށެވެ. އަދި ޒަމާންތަކެއް ވަންދެން މުޅި ރާއްޖެއިން އެއްކުރާ ކުނިތައް، ޖަމާކުރަމުން އައި ކުނިތައް އެއްކައިރިކޮށް ރިސޯޓުތަކާއި އަދި އެ ނޫންވެސް ތަންތަނުން ގެންނަ ކުނިތައް ނައްތާލަން ގާއިމުކޮށްފައި ވަނީ ދުނިޔޭގެ ފެންވަރުގެ ހަރުދަނާ އުސޫލުތަކެއް ކަމަށެވެ.
ތިލަފުށީގެ މަސައްކަތްތަކާއި ގުޅޭގޮތުން މީގެކުރިން ވެސް ޝައުނާ ވިދާޅުވީ ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި މަސައްކަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި އެކަމުގައި ވެމްކޯއާއި، މިނިސްޓްރީގެ ޓީމުގެ މަސައްކަތްތައް ފާހަގަ ކުރެއްވި އެވެ. ތިލަފުށީގެ ބޮޑެތި ކުނި ފަރުބަދަތައް އެކީ ތިރިވަމުންދާއިރު، ޝައުނާ ވަނީ މިއީ ހިތްހަމަޖެހޭ މަސައްކަތެއްކަން ފާހަގަ ކުރައްވާފަ އެވެ.
މިބީދައިން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ކުނިތައް ނައްތާލުމުގެ މަސައްކަތްތައް ކުރިޔަށް ގެންދާނެކަން ފާހަގަކޮށް ޝައުނާ ވިދާޅުވީ، މި އަހަރުގެ ތެރޭގައި މޯލްޑިވްސް ކްލީން އެނާޖީ ޕްރޮޖެކްޓުގެ ދަށުން ރަށްތަކުގެ ކުނީގެ މައްސަލަ ހައްލު ކުރެވޭނެ ކަމަށެވެ.
މީހުން ދިރިއުޅޭ ރަށްތަކުގައި ކުނި މެނޭޖު ކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޝައުނާ ވިދާޅުވީ މީގެ ކުރިން ކުނި މެނޭޖު ކުރުމުގެ ނަމުގައި އެ ކުނިތައް ވަކިތަނަކަށް ޖަމާކޮށް ބެހެއްޓީކަމަށާއި އެއްގޮތަކަށް ވެސް އެ ކުނިތައް ބައިކޮށް އާމްދަނީ ހޯދޭނެ ވަސީލަތަކަށް ހެދުމުގެ ވިސްނުން ގެންގުޅެފައި ނުވާ ކަމަށެވެ.
”އެހެންވީމާ މިވީހާ ތަނަށް މިކަން ހައްލު ނުވެ އޮތް ނަމަވެސް މި އަހަރުގެ ތެރޭގައި މި އިއްޒަތްތެރި މަޖިލީހަށް ވެސް ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ފެނިގެން ދާނީ ކުނީގެ މައްސަލަ ބޮޑުތަނުން ހައްލުވާތަން. ރާއްޖޭގެ ތިމާވެއްޓަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ކުނީގެ މައްސަލަ. މި މައްސަލަ ހައްލު ކުރުމަށް އަޅުގަނޑުމެން ރާވާފައި އޮތީ ރާއްޖޭގެ ތިން ސަރަހައްދެއްގައި ރީޖަނަލް ވޭސްޓް މެނޭޖްމަންޓު ސެންޓަރު ގާއިމް ކުރުން“ ޝައުނާ
ޝައުނާ ވިދާޅުވީ މި މަސައްކަތުގެ ތެރެއިން ކުނީގެ ޓްރާންސްފާ ސްޓޭޝަނެއް ވެސް ގާއިމް ކުރާނެ ކަމަށެވެ. އެގޮތުން ރ. ވަންދޫގައި ހުރި ފެސިލިޓީ މިއަހަރުގެ ޖޫން މަހުގެ ތެރޭގައި އޮޕަރޭޝަނަށް ގެނެވޭނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
މީގެއިތުރުން ޝައުނާ ވިދާޅުވީ ތިލަފުށީގައި ދެވަނައަށް ގާއިމު ކުރެވޭ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ފުރަތަމަ ފޭސްގެ އިންސްރާސްޓްރަކްޗާ މިހާރު ތަރައްގީކޮށް ނިމިފައިވާ ކަމަށެވެ.
”އިރާދަކުރެއްވިޔާ މާލެ އަތޮޅާއި އަދި ވ އަތޮޅުގެ ހުރިހާ ރަށެއްގައި މިވީހާ ތަނަށް އުފެދިފައި ހުރި ކުނި ޖަމާކޮށް ތިލަފުއްޓަށް ގެންދަން އަޅުގަނޑުމެން ފަށާނަން. ތިންވަނައަށް ގާއިމު ކުރެވޭ ސެންޓަރު ހުރީ އައްޑޫ ސިޓީގައި.. އެ ސެންޓަރަށް މިހާރު އެވަނީ 50 ޓަނުގެ ވޭސްޓް މެނޭޖްމަންޓުގެ ޕްލާންޓަށް ބޭނުންވާ ހުރިހާ ސާމާނެއް ގެންގޮސް އެތަނުގެ ސިވިލް ވޯކްތައް ނިމި އަމާޒަކީ މިއަހަރުގެ ތެރޭގައި އެތަން ވެސް އޮޕަރޭޝަން ލެވެލްއަށް ގެނައުން“ ޝައުނާ
ޝައުނާ ވިދާޅުވީ ކުނި އެއްވެސް ވަރަކަށް މެނޭޖުނުކޮށް، އެކި ސަރަހައްދުތަކަށް ކުނި އަޅަމުން އައި ސަގާފަތަށް ކުރިޔަށް އޮތް ތަނުގައި ނިމުމެއް އަންނާނެ ކަމަށެވެ.
ގްރޭޓަރ މާލެ އެންވަޔަރަންމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓު ޕްރޮޖެކްޓުގެ ދަށުން ކުނި މެނޭޖު ކުރުމުގެ މަސައްކަތްތައް މިނިސްޓްރީން ދަނީ ކުރަމުންނެވެ. މީގެ ތެރެއިން އެންވަޔަރަންމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓަކީ އެހީދޭ ޖަމާޢަތްތައް ކަމަށްވާ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)، ޖޭއެފްފީއާއާރް އަދި ޓީއޭއެސްއެފްގެ އެހީއާއެކު ކުރިއަށްގެންދާ މަޝްރޫއުއެކެވެ.
މީގެއިތުރުން ތިލަފުށިން ނުރައްކާތެރި ދުން އައުން ހުއްޓުވުމަށްޓަކައި ހިންގާ މި މަޝްރޫއަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކްގެ ފަންނީ އެހީތެރިކަމުގެ ދަށުން ބޭރުގެ ތަޖުރިބާކާރެއްގެ އިރުޝާދާއެކު ވެމްކޯއާއި މިނިސްޓްރީ އޮފް އެންވާރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ ގުޅިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.
މީގެ ގާތްގަނޑަކަށް 30 އަހަރު ކުރިން ތިލަފުއްޓަށް ކުނި ޖަމާކުރަން ފަށައި އުފެދިފައިވާ ކުނީގެ ބޮޑު ފަރުބަދަ ހުސްކޮށް, ޒަމާނީ ބަދަލުތަކާ އެކު އެ ސަރަހައްދު ފެހިކޮށްލުމުގެ މަޝްރޫއު, ކާމިޔާބުކަމާ އެކު ބާރަށް ކުރިއަށްދާ ކަމަށް މިނިސްޓްރީން ބުނެފައިވާއިރު، މިމަސައްކަތާއިއެކު މީހުންނަށް އެރަށަށް ގޮސް މަސައްކަތް ކުރެވޭވަރަށް ސާފު, ސަލާމަތް ސަރަހައްދަކަށް ވެގެންދާނެކަމަށް ބެލެވެއެވެ.

