އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އާއި ދިމާލަށް އޭނާއަކީ ފެއިލިއަރ އެއް ކަމަށް ވިދާޅުވެ އާޒިމް އަށް ބަހުގެ ހަމަލާތަކެއް ދެއްވައިފިއެވެ.
ރޭ އެމްޑީޕީގެ ގައުމީ މަޖިލިސް ޖަލްސާގައި އާޒިމް ނުފޫޒުގެ ވާހަކަ ދައްކަވަމުން ޖަލްސާގައި ތިއްބެވި ބައެއް ބޭފުޅުންނާއި ދިމާލަށް ކޮންމެ މީހަކަށް ވަޒީފާ ދީފައިވާ ކަމަށާއި އެމީހުންގެ އަނބިންނަށް ވަޒީފާ މިސަރުކާރުން ދީފައިވާ ކަމަށް އާޒިމް ވިދާޅުވުމާއި ގުޅިގެން ރޮޒޭނާ ވަނީ އާޒިމް އާދިމާލަށް ”ކަލޭތީ ފެއިލިއަރ އެއް“ ކަމަށް ވިދާޅުވެފައެވެ.
އާޒިމްގެ ވާހަކަ ފަށްޓަވަމުން ވިދާޅުވެފައިވަނީ މިނިސްޓަރ ފައްޔާޒަށް އިންތިހާބު ކާމިޔާބުކުރުމުގެ ރަނގަޅު ފުރުސަތެއް އޮތް ކަމަށެވެ. އެހެން ކަމުން ވާދަކުރަން ހުންނެވި ކެންޑިޑޭޓް އެދޭ ގޮތަށް ކަންތައް ނުކޮށްދިނުމުގެ ސިއްރަކީ ކޮބައިތޯ އާއި ހަޑިކޮށް މުޑުދާރު ކޮށް އިންތިހާބު ލަސްކުރުމަށް އުޅުއްވަނީ ކޮންކަމެއް ކުރައްވަން ތޯ އާޒިމް ވަނީ ސުވާލު ކުރައްވާފައެވެ.
ދެ ކެންޑިޑޭޓުން އެއްކޮށް ތިބެގެން މަޝްވަރާ ކޮށްގެން ދެކެންޑިޑޭޓުން އެއްބަސްވާ ދުވަހަކަށް ޗެއަރޕާސަން އިންތިހާބު ލަސްކުރަން ނިންމަން އާޒިމް ގޮވާލެއްވިއެވެ. މީގެ އިތުރުން އިންތިހާބު ލަސްކުރަން އުޅެނީ ރަމަޝާން މަސް އައިސްގެން ނޫން ކަމަށާއި ހުތުރުކޮށް ކަންކަން ކުރަން ކަމުގައިވެސް އާޒިމް ވިދާޅުވިއެވެ. 16 އޭޕްރިލް ގައި ޗެއަރޕާސަންގެ އިންތިހާބު ބޭއްވުމަށް ނިންމައިފަނީ ގައުމީ މަޖިލީހުން ކަމަށާއި 2 އެޕްރީލަކީ ރޯދަ މަސް ކަން ގައުމީ މަޖިލިސްގެ އެއްވެސް މެމްބަރަކަށް އޮޅިފައި ނުވާނެ ކަމުގައި އާޒިމް ވިދާޅުވިއެވެ.
”މި އުޅޭނީ އެހެން ކަހަކަ ގޮތަކަށް ދާން! ޑިމޮކްރަޓިކް ކޮށް މިޕާޓީ ހިންގާލަން ވަޑައިގަންނަވަން ހުރި ބޭފުޅަކު އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އެބަޖެހޭ ފުރުސަތު ދޭން. 16 އެޕްރިލް ހޮނިހިރު ދުވަހަކީ ވަރަށް ރީތި ދުވަހެއް. އަވިދީފަ އޮންނަ ދުވަހެއް. އެހާވަރަށް އަޅުގަނޑުމެން ކޮންމެ މީހަކު ބަލައިލާނެ. ދެން މިއަދު ކުއްލިއަކަށް އެކަން ބަދަލުވާ ހިސާބަށް މިދަނީ އެއީ ކަންކަން ހަޑިކޮށް ހުތުރުކޮށް ކުރުމުގެ ވިސްނުމުގައި ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. މި މަޖިލީސް ބޭއްވުމުގެ ބޭނުމެއް ނެތް މިރޭ އަޅުގަނޑުމެން ނިންމާފަ އަނެއްކާވެސް އަނެއްދުވަހު ހަމަ ބާއްވައިގެން އެދިމާ އިދިކޮޅަށް ނިންމޭކަމަށް ވާނަމަ ދެން ގައުމީ މަޖިލީހުން ނިންނާ ނިންމުމެއް އެއީ ތާކުންތާކުޖެހޭ ނިންމުމެއް ނޫން. މިރޭ އަޅުގަނޑުމެން މި ނިންމަނީ. މާދަންރޭ ބާރު ލިބުނީތީ، ފުރުސަތު އޮތީތީވެ ގޮތްދައްކާލަން. އެހެން ނަހައްދަވާށޭ“ އަލީ އާޒިމް
އާޒިމް އިތުރަށް ވިދާޅުވީ ނުފޫޒާއި ކޮރަޕްޝަން ވައްދައިގެން ކަންކަން ކުރަން އުޅޭ ކަމަށެވެ.
“ ތިޔަ އުޅެނީ ރަމަޟާން މަސް އައިސްގެނެއް ނޫން. ތިޔަ އުޅެނީ ހުތުރުކޮށް މިކަން ކުރަން. ތި އުޅެނީ ނުފޫޒު ފޯރުވައިގެން މިކަންކަން ކުރަން. ތި އުޅެނީ ކަރޮޕްޝަންގެ ހަޑިމުޑުދާރު އަމަލު ވައްދައިގެން މިކަން ކުރަން. މިކަންކަން ކުރާކަށް އަޅުގަނޑު ގަބޫލެއްނޫން.“ އަލީ އާޒިމް
އެހާ ހިސާބުން ވަގުތު ހަމަވިކަމަށް ރިޔާސަތުން އިއުލާން ކުރެއްވުމުން އާޒިމް އިންކާރު ކުރައްވައި ތިންމިނެޓް ކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމް އެދުނީ އިތުރު ވަގުތު ދިނުމަށެވެ. އެގޮތުން މައިކު ޖައްސާފައި ބެހެއްޓުމަށް އާޒިމް އެދުމާއެކު އަޑުއަހަން ތިއްބެވި މެމްބަރުން އަޑުގަދަ ކުރައްވަން ފެއްޓެވިއެވެ.
އެގޮތުން ރިޔާސަތުން ނިންމާލުމަށް ތިރީސް ސިކުންތު ދިނުމުން އާޒިމް ވަނީ ނުފޫޒު ފޯރުވާކަން ފެންނަމުން ދާކަމަށް ވިދާޅުވެ އެވަގުތު އަޑުގަދަކުރަމުން ދިޔަ މެމްބަރުންނާ ދިމާލަށް އިޝާރަތް ކުރައްވާފައެވެ. އަދި އާޒިމްގެ ވަގުތު ހަމަވުމާއެކު އޭނާ އަށް ވަގުތު ނުދީފިނަމަ އެއްވެސް މީހަކަށް ވާހަކަ ނުދެއްކޭނެ ކަމަށް ރިޔާސަތަށް އިޝާރަތް ކޮށް ވިދާޅުވެއެވެ. އެކަމާއި ގުޅިގެން ޖަލްސާ ހޫނުވެގެން ގޮސް މެމްބަރުން ތެދުވެ ރިޔާސަތު ކައިރިއަށް ގޮސްފައިވެއެވެ.
މެމްބަރުން އަޑުގަދަ ކުރަމުން ދިޔަ ވަގުތު ރޮޒެއިނާ ވަނީ އާޒިމަށް އަމާޒުކޮށް "ކަލޭ ތީ ފެއިލިޔާއެއް" ކަމަށް ވިދާޅުވެފައި. pic.twitter.com/RL1HhiyMGV
— Sangu TV (@Sangu_TV) March 9, 2022
ބައެއް މެމްބަރުން އާޒިމް އާ ދިމާލަށް ނުފޫޒަކީ އެއީ ކަމަށާއި ތި އުޅެނީ ވަރަށް ހަޑިކޮށް ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ގަމު ދާއިރާގެ ރައީސް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ތެދުވެ ވަޑައިގެން އާޒިމަށް ބޭނުން އިރަކު ވާހަކަ ދެއްކުމަށް ފުރުސަތު ދިނުމަށް ގޮވާލެއްވުމުން އާޒިމް މިނިސްޓަރަށް ޝުކުރު އަދާކުރައްވާފައިވެއެވެ. އަދި އާޒިމް ވަނީ ހަމަ އެންމެ ތިރީސް ސިކުންތު ބޭނުންވާ ކަމަށް ވިދާޅުވެފައެވެ. އާޒިމް މައިކު އަތުން ދޫކޮށްނުލާ ހުރުމާއެކު ރިޔާސަތުން ވަނީ އޭނާއަށް ތިރީސް ސިކުންތަށް ވާހަކަ ދެއްކުމަށް ފުރުސަތު ދީފއެވެ. އެފުރުސަތުގައިވެސް އާޒިމް ތަކުރާރުކޮށް ވިދާޅުވެފައިވަނީ ނުފޫޒުން ވަޒީފާ ދޭ ވާހަކައެވެ.
އާޒިމްގެ ވާހަކައިގައި ގައުމީ މަޖިލިސް ތެރޭގައި އިންތިހާބު ލަސްކުރުމަށް ވޯޓުލާ ކޮންމެ މީހަކީ ކޮންމެވެސް ގޮތަކުން ސަރުކާރުގެ ނުފޫޒު އޮތް މީހެއް ކަމަށާއި އޭނާ ދައްކާ ވާހަކަ ދިމާވާނެކަމަށެވެ. އާޒިމް ތަކުރާރު ކޮށްވެސް ވިދާޅުވީ އިންތިހާބު ލަސްކުރަން ވޯޓުލާ ކޮންމެ މީހަކީ ސަރުކާރު ނުފޫޒު އޮތް މީހެއްކަމަށެވެ.
އެމްޑީޕީގައި ނުފޫޒު އޮތް ވާހަކައަކީ ގަބޫލު ކުރަންޖެހޭ ވާހަކައެއް ކަމަށާއި އެއީ ހަގީގަތް ކަމުގައި އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ ޔަގީނުންވެސް އެއިން ކޮންމެވެސް ބޭފުޅެއްގެ އަންބަކަށް، ފިރިއަކަށް، ދަރިއަކަށް ނޫނީ ތިމާގެ މީހަކަށް ހުންނާނީ ސިޔާސީ ވަޒީފާ އެއް ދީފައި ކަމަށެވެ.
އާޒިމް އެހެން ބުނުމާއެކު ބިރުދައްކަނީ ކަމަށާއި ޕާޓީ އަށް ނުފޫޒު ފޯރުވަނީ ކަމުގައި ފައްޔާޒްގެ ކެމްޕޭން މެނޭޖަރ މަތިއުތުރު ޕްރޮވިންސް ރައީސް އިބްރާހިމް ވަހީދު ވިދާޅުވެއެވެ. ވަހީދު ތަކުރާރުކޮށް ގޮވަމުން ދިޔައީ އާޒިމް ބިރު ދައްކަމުން ދާކަމަށާއި ނުފޫޒަކީ އެއީ ކަމަށެވެ. ވަހިދުގެ މައިކުގެ އަޑު ފަހުންވަނީ ކަނޑާލާފައެވެ.
މީގެ އިތުރުން އާޒިމް ވާހަކަ ދެއްކެވި އިރު ރިޔާސަތު ކުރިމައްޗަށް ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސަ އާއި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް އާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވަޑައިގެންފައިވެ އެވެ.

