ސަރުކާރު ނުވަތަ ކެބިނެޓް މިނިސްޓަރުން ޕާޓީގެ އެކި މަގާމުތަކުގައި ތިއްބެވުމަކީ ޕާޓީއަށް ސަރުކާރުގެ ނުރަނގަޅު ނުފޫޒު އަންނާނެ ކަމެއް ކަމުގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
”ސަންގު“ ޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި މީކާއިލް ވިދާޅުވީ ޕާޓީގެ ޗެއަޕާސަންގެ މަގާމަށް ސަރުކާރުގެ މިނިސްޓަރަކު އައުމަކީ ސަރުކާރުގެ ނުރަނގަޅު ނުފޫޒު ޕާޓީއަށް ފޯރާނެ ކަމެއްކަމަށެވެ.
މީގެ އިތުރުން ސަރުކާރާއި ޕާޓީ އާއި ދެމެދު އޮތް ގުޅުން ހީނަރުވެފައި ވަނިކޮށް ސަރުކާރުގެ ވަޒީރަކު ޕާޓީގެ އިސް މަގާމެއްގައި އިންނެވުމަކީ އެ ގުޅުން އިތުރަށް ގޯސްވެގެން ދާނެ ކަމެއްގެ ގޮތުގައި މީކާއީލް ސިފަ ކުރެއްވިއެވެ. އަދި އެމްޑީޕީ އާއި ސަރުކާރުގެ ގުޅުން ފަނޑުވެގެން ގޮސްފައި ވަނީ ސަރުކާރުގެ ތެރެއިން ބަޔަކު މީހުން ނިކުމެ ޕާޓީ ހައިޖެކް ކުރަން ހަދައިގެން ކަމަށް ވެސް މީކާއިލް ވިދާޅުވި އެވެ.
މީކާއިލް ވިދާޅުވި ގޮތުގައި ސަރުކާރުގެ މިނިސްޓަރަކު އެމްޑީޕީގެ ޗެއަޕާސަން ކަމުގެ މަގާމަށް އަންނަ ހިސާބުން މަގާމުގެ ހައިސިއްޔަތާއި މަސްލަހަތު ފުށުއަރާނެ އެވެ. ޗެެއަރޕާސަން ކަމަށް ސަރުކާރުގެ މިނިސްޓަރަކު އިންތިހާބު ވެއްޖެނަމަ ޕާޓީއެއްގެ ސިފައިގައި ސަރުކާރާއި އެކު ކުރާ މަޝްވަރާތަކަށާއި ބާއްވާ ގުޅުންތަކަށް ބުރުއަރާ ކަމުގައި މީކާއިލް ވިދާޅުވިއެވެ.
އެގޮތުން ޗެއަރޕާސަން އަކަށް ހޮވޭ ބޭފުޅަކު ސަރުކާރުގައި އިންނަވަނީ މިނިސްޓަރެއްގެ ހައިސިއްޔަތުން ކަމަށާއި އަދި ޕާޓީގައި އިންނަވާނީ ޗެއަޕާސަނެއްގެ ހައިސިއްޔަތުންކަމުން އެކަމުގެ ސަބަބުން ސަރުކާރުގެ ނުފޫޒު އެ މީހެއްގެ މައްޗަށް ސަރުކާރުގެ ނުފޫޒު ފޯރުވުމެއް ނެތި ޕާޓީގެ ޗެއަޕާސަންގެ ހައިސިއްޔަތުން ވަކާލާތު ނުކުރެވޭނެ ކަމުގައި މީކާއިލް ފާހަގަކުރެއްވި އެވެ.
އެއާ ހިލާފަށް ރައްޔިތުންގެ މަޖިލިސް މެމްބަރަކަށް މިނިވަންކަމާއެކު ޕާޓީގައި ވަކާލާތުކުރުމަށް ފުރުސަތު ބޮޑުވާނެ ކަމުގައި ސިފަކުރައްވަމުން މީކާއިލް ވިދާޅުވީ މަޖިލިސް މެމްބަރުންނަކީ މިނިވަންކަންމަތީ އެއްވެސް މީހެއްގެ ނުފޫޒުނެތި އަމިއްލަ އިހްތިޔާރުގައި ހުންނަ މީހެއްކަން މީކާއިލް ފާހަގަ ކުރެއްވި އެވެ.
އެހެންކަމުން ސަރުކާރުގެ މިނިސްޓަރުން ޕާޓީގެ އެކި މަގާމުތަކުގައި ތިއްބެވުމާއި މީކާއިލް ދެކޮޅުކަމަށް ވިދާޅުވަމުން ފާހަގަ ކުރެއްވާފައިވަނީ ސަރުކާރުގެ ވަޒީރަކު ޕާޓީގެ މަގާމެއްގައި އިންނެވުމަކީ ސަރުކާރުގެ ނުރަނގަޅު ނުފޫޒު ޕާޓީއަށް ފޯރާނެ ކަމެއްކަމަށާއި އޭގެ ސަބަބުން މުޅި ކަންތައްގަނޑު އޮޅުންބޮޅުންވެގެން ހިނގައިދާނެ ކަމެއްގެ ގޮތުގައި މީކާއިލް ސިފަކުރެއްވިއެވެ.

