ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދު ފައްޔާޒާއި، ރޮޒެއިނާއަށް: ކަނޑިކި ނަގާ، ކަރުބުޑުން ހަޅޭއްލެވުމުން ގެއްލުން ވަނީ އެމްޑީޕީއަށް!

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި، މިނިސްޓަރު ފައްޔާޒް އަދި މެމްބަރު ރޮޒެއިނާ
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ މޭ މަހުގެ 14 ވަނަ ދުވަހު ބޭއްވާ ޕާޓީގެ އެތެރޭގެ އިންތިހާބާއި ދިމާކޮށް ބައެއް ބޭފުޅުން އުޅުއްވާ ގޮތުން ގެއްލުން ވަނީ އެމްޑީޕީއަކަމަށް ބުނެ ޗެއާޕާސަންކަމަށް ވާދަކުރައްވާ ފައްޔާޒް އިސްމާއިލަށް ވަރުގަދަ ރައްދެއް ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ދެއްވައިފިއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބު ފަސް ކުރުމާއި މެދު ގޮތެއް ނިންމުމަށް ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާ ހޫނުވެ، މެމްބަރުންގެ މެދުގައި ބަދަލު ކުރި ބަހުގެ ހަމަލާތަކަށް ރައީސް ނަޝީދު ވަނީ ކަންބޮޑުވުންފާޅު ކުރައްވާފަ އެވެ. އިންތިހާބުގައި ވާދަ ކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި، އަންހެނުންގެ ރޫހުގެ ރައީސަކަށް ވާދަކުރައްވާ ރޮޒެއިނާ އާދަމަށް އިޝާރާތްކޮށް ރައީސް ނަޝީދު ވިދާޅުވީ އިންތިހާބުގެ ވޯޓާއި ގުޅުވައި ވިޔަސް އެއްވެސް މެމްބަރަކު އެހާ ހަޑިކޮށް ނޫޅެން އެދޭ ކަމަށެވެ.

އެންމެ ފަހުން ބޭއްވި ޕާޓީގެ ގައުމީ މަޖިލިސް ހޫނުވީ، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވާހަކަ ދެއްކުމަށް ކަނޑައެޅިވާ ވަގުތު ހަމަވުމުން ވެސް ހުއްޓާނުލައި ކުރިޔަށް ގެންދަން އިތުރު ވަގުތު ދޭން އެދުމުން އެކަމަށް ފައްޔާޒަށް ތާއީދު ކުރާ މެމްބަރުން ނުރުހުންފާޅު ކުރި ހިސާބުންނެވެ. އޭރު އާޒިމް ވެސް ނުރުހުންވެ ހުންނަވައި ވިދާޅުވަމުން ގެންދެވީ ވޯޓު ފަސް ކުރަން ވޯޓު ދޭ ކޮންމެ މީހަކީ އެއީ ވަޒީފާގެ ބިރާއި ނުފޫޒުގައި ޖެހިގެން ހުރެ ވޯޓު ދޭނެ މީހެއް ކަމަށެވެ.

އެހާ ހިސާބުން ފައްޔާޒާއި، ރޮޒެއިނާ އަދި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ތެދުވެ އަޑުގަދަ ކުރެއްވި އެވެ. އަދި އެހެން މެމްބަރުން ވެސް ދިޔައީ ރިޔާސީ މޭޒު ކައިރީގައި އަޑުގަދަ ކުރަމުންނެވެ. މި ޒުވާބުތަކުގެ ތެރެއިން ރޮޒެއިނާ ވަނީ އާޒިމަށް އަމާޒުކޮށް އޭނާއަކީ ފެއިލިއާއެއްކަމަށް ވެސް ވިދާޅުވެފަ އެވެ. އިންތިހާބު ފަސް ކުރަން ތާއީދު ނުކުރާކަމާއި، އަދި ވަޒީފާގެ ބިރުގެ ވާހަކަ ކޮންމެ މެމްބަރަކު ދައްކާ ހިސާބުން ތަނުގައި އަޑުގަދަ ވެއެވެ.

މި މަންޒަރުތައް ފެންނަ ވީޑިއޯތައް އާއްމުވަމުން ދާތީ އާއި، އަދި ސޯޝަލް މީޑިއާގައި ދެކެވެމުން ދާ ވާހަކަތަކަށް ރައީސް ނަޝީދު އެ ޕާޓީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ އިންތިހާބުގައި ވާދަ ކުރައްވާ ބޭފުޅުންނާއި، އެ މީހުންނަށް ތާއީދު ކުރާ މެމްބަރުން ހަޑިކޮށް ނޫޅެން އެދޭ ކަމަށެވެ. އަދި އެހާ ބޮޑަށް އަތް އުކައި، ކަނޑިކި ނަގާ، ކަރު ބުޑުން ނެރޭ އަޑުފައްގަނޑުން ހަޅޭލެވުމަކީ އެމްޑީޕީއަށް ލިބޭ ވަރަށް ބޮޑު ހުތުރު ނަމެއްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ނަޝީދު ގައުމީ މަޖިލީހުގެ މެމްބަރުންގެ ފަރާތުން ވެސް އެދިވަޑައިގަތީ މެމްބަރުން އަހުލާގީ މިންގަނޑުން ބޭރު ނުވުމަށެވެ.

ގައުމީ މަޖިލީހުގައި ފައްޔާޒް ވެސް ވަނީ އޭނާއަށް އަމާޒުވާ ފާޑުކިއުންތަކަށް ރައްދު ދީފަ އެވެ. އެގޮތުން ފައްޔާޒަކީ ދެވަނަ އަހުމަދު އަދީބުކަމަށާއި، ބޭނުން ވަނީ ”ބްރޯ“ ހެދިގެން އުޅެންކަމަށް ބުނެ ދައްކާ ވާހަކައަށް ވިދާޅުވީ ޓީމު އޮތީ ސަރުކާރާއި އެކު ގަދަކޮށް ކަމަށެވެ. އަދި އެއީ ނުފޫޒު ނުވަތަ ”ބްރޯ“ އަށް ވުންކަމަށް ވެސް ބުނެވިދާނެ ކަމަށެވެ. ނަމަވެސް އަސްލު ބްރޯއަކީ ކާކުކަމާއި، ޕާޓީން ވަކިކޮށް ބޭރު ކުރަން އުޅޭކަމަށް ބުނެ އެކި މީހުންނަށް ގުޅައި ވާހަކަ ދައްކަވަނީ ކޮން ބޭފުޅެއްކަން އެންމެނަށް ވެސް އެނގޭ ކަމަށެވެ. ބެލެވޭ ގޮތުގައި ފައްޔާޒް މިހެން ވިދާޅުވީ ރައީސް ނަޝީދަށް އަމާޒު ކުރައްވައެވެ.

ފައްޔާޒް ފާހަގަ ކުރެވިފައި ވަނީ މި ސަރުކާރުގެ އެންމެ ނުފޫޒު ގަދަ ވަޒީރުގެ ގޮތުގައެވެ. އޭނާގެ ބޮލުގައި ކޮރަޕްޝަނުގެ ތުހުމަތު އެޅުވުމުން ރައީސް ސޯލިިހު ވެސް ދިފާއުގައި ނިކުންނެވި އެވެ.

ރޮޒެއިނާ އަކީ ރައީސް މައުމޫން އަބްދުލްގައްޔޫމް ހިންގި ޑީއާރުޕީގެ އެތެރޭގެ މަސްލަހަތު ގޯސްވެ ޕާޓީ ބައިބަޔަށް ބެހުނު ވަގުތު ”ތަސްލީމް ފެކްޝަން“ ގައި ހުންނެވި ބޭފުޅެކެވެ. އަދި އޭގެ ފަހުން އެމްޑީޕީއާއި ގުޅިވަޑައިގެތެވެ. އަދި ރޮޒެއިނާ އަކީ އެމްޑީޕީގެ ގިނަ މެމްބަރުން އެންމެ ބޮޑަށް ނުރުހުން ވާ އެއް މެމްބަރުކަން ފާހަގަ ކުރެވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: